ރައްކާތެރިކަމާއެކު ސިއްހީ ނުރައްކަލެއް ނެތި، ކޮރޯނާވައިރަސް މަރާލާ ޔޫވީ ލޭމްޕެއް ޖަޕާނުގެ ކުންފުންޏަކާއި ކޮލަމްބިއާ ޔުނިވަސިޓީ ގުޅިގެން އުފައްދައިފި އެވެ.

މިއީ މިކަމަށް އުފެއްދި މިފަދަ އެންމެ ފުރަތަމަ ލޭމްޕެވެ. ލައިޓް އިކުއިޕްމެންޓް އުފައްދާ ޔުޝިއޯސް ކެއާ 222 ޔޫވީ ލޭމްޕުން މީހުން ގިނައިން އެއްވެ އުޅޭ ތަންތަން ކަމަށްވާ ޓްރެއިން، ލިފްޓް، ބަސް އަދި އޮފީސްތައް ޑިސްއިންފެކްޓް ކުރެވޭނެ އެވެ.

ޔޫވީ ލޭމްޕުތަކަކީ ސިއްހީ އަދި ކާބޯތަކެތީގެ ހިދުމަތްދެ ތަންތަން ސްޓެރެލައިޒް ކުރުމަށް ފުޅާ ދާއިރާއެެއްގައި ބޭނުންކުރާ އެއްޗެކެވެ. އަދި ޖެޓްބްލޫ އިން ވަނީ ދާދިފަހުން އެ ކުންފުނީގެ އެއާކްރާފްޓްތަކުގައި މި ޓެކްނޮލޮޖީ ބޭނުންކުރަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

އާންމުކޮށް ހުންނަ ޔޫވީ ރޭތައް އިންސާނުން ތިބޭ ތަންތަނުގައި ބޭނުމެއް ނުކުރެވޭނެ އެވެ. ސަބަބަކީ އޭގެ ސަބަބުން ހަމުގެ ކެންސަރާއި ލޮލުގެ މައްސަލަތައް ދިމާވުމަށް މަގުފަހިވާތީ އެވެ.

އެހެން ނަމަވެސް ޔުޝިއޯސްގެ އާ ޔޫވީ ލޭމްޕުން ދޫކުރާނީ އާންމުކޮށް ހުންނަ 245-ނެނޮމީޓާސްގެ ބަދަލުގައި 222 ނެނޮމީޓަރުގެ ވޭވްލެންތް ހުންނަ ރޭތަކެވެ. މި ވޭވްތަކުން އިންސާނުންނަށް އެއްވެސް ގެއްލުމެއް ނުވެ ޖަރާސީމުތައް މަރުވާނެ އެވެ.

ޖަޕާން ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އާ ޔޫވީ މެޝިނުން ސީލިން އިން ޔޫވީ ދޫކޮށްފި ނަމަ ވައިގައި ހުންނަ ވައިރަހާއި ޖަރާސީމުގެ 99 އިންސައްތަ މަރުވާނެ އެވެ. އަދި ލޭމްޕާއި އަށް ފޫޓޫ ދުރުގައި ހުންނަ އެއްޗެހީގައި ހުންނަ ޖަރާސީމުތައް 6-7 މިނެޓާއި ދޭތެރޭގައި މަރާލާނެ އެވެ.

2.6 ޕައުންޑުގެ ބަރުދަން ހުންނަ މި ޑިވައިސްގެ އަގަކީ 2،800 ޑޮލަރެވެ.

ޔޫޝިއޯ އިން ބުނެފައިވާ ގޮތުގައި މިވަގުތު މި ލޭމްޕު އޯޑަރުކުރެވޭނީ ސިއްހީ ހިދުމަތްދޭ ތަންތަނަށް އެކަންޏެވެ. އަދި ޑިމާންޑާ އެއްވަރަށް ޕްރޮޑަކްޓް ފޯރުކޮށްދެވެން ފެށުމުން އިތުރު ކަސްޓަމަރުންނަށް ހުޅުވާލާނެ އެވެ.