ހަފުތާއެއްގެ ތެރޭގައި، އަމިއްލަ ވިޔަފާރި ކުންފުންޏަކަށް 6.8 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފި އެވެ.

އިންތިހާއަށް ކޮރަޕްޓްވެފައިވާ ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ބޭކާރު މުވައްޒަފުން އެންމެ ގިނަ އަދި އެންމެ ބޮޑަށް ދަރާފައިވާ އެއް ކުންފުންޏެވެ.

މި މައްސަލަ އަކީ 2022 ވަނަ އަހަރު ފެނަކައިން ހޯދާފައިވާ ހިދުމަތްތަކަކަށް ފައިސާ ނުދައްކައި އޮތް ކަމަށް ބުނެ، ވެށި ލިންކް އިންވެސްޓްމެންޓް ކިޔާ ކުންފުންޏެއްގެ ފަރާތުން ގ. އަސްރީމާ ފާތިމަތު ޝިފާޒް ޝަހީމް ދައުވާ ކުރި މައްސަލައެކެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުނިން ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތުގެ އަގަށްވާ، 12 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން ފެނަކައިން މިހާތަނަށް 8.5 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި ފައިސާއަކީ، ލ. އަތޮޅުގެ ދެ ރަށެއްގައި ހުރި ފެނަކައަށް ބޭނުންވާ ހިދުމަތްތަކުގެ ފައިސާ އެވެ.

މި މައްސަލައިގައި ވެށި ލިންކް އިންވެސްޓްމެންޓުން އެދިފައިވަނީ، ބާކީ މިހާތަނަށް ނުދައްކައި އޮތް، 8.5 މިލިއަން ރުފިޔާއާއި، ވަކީލު ފީގެ ގޮތުގައި 70،000 ރުފިޔާ ފެނަކައިން ހޯދާށެވެ. އެ ކުންފުނިން އެދުނީ ވެސް ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ހޯދާށެވެ. އެކަމަކު، އެ ކަމަށް ޝަރީއަތުގައި ފެނަކައިން ވަނީ އިންކާރުކޮށްފަ އެވެ.

ފެނަކައިން ބުނެފައިވާ ގޮތުގައި އެ ފައިސާއަކީ ބައިބަޔަށް ބަހާލައިގެން ދައްކަމުން އަންނަ ފައިސާއެކެވެ. އަދި، ކުރިން އެނގުމަކާ ނުލައި ކުއްލިއަކަށް ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ޖެހުމަކީ ފެނަކައިން ދެމުން އަންނަ ހިދުމަތްތަކަށް ބުރޫ އަރާނެ ކަމެއް ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

މި މައްސަލަ ހޯމަ ދުވަހު ނިންމަވަމުން، ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒްފާ އަބްދުލްގަފޫރު ވަނީ އެ ފައިސާއަކީ ފެނަކައިން އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ފެނަކައަށް އަންގައި ހުކުމްކޮށްފަ އެވެ.