ހަރަކާތްތެރިވެ އުޅުމުގެ ބޮޑުރޯލެއް ހިއްސާވަނީ ދެފައިންނެވެ. ކަސްރަތު ކުރުމާއި، ކުޅިވަރު ކުޅުމާއި، ހިތްހަމަޖައްސާލަން ބޭރަށް ނުކުތުމާއި ކޮފީ މޭޒުތަކަށް ވެސް ގެންގޮސްދެނީ ދެފަ އެވެ.
ދިރާސާތަކުން ހާމަވާގޮތުގައި ހަށިގަނޑުގެ ބާރު ދަށްވުމާއެކު ،ސިކުނޑީގެ ބާރު ދަށްވާން ފަށަ އެވެ. އެކަން ހުއްޓުވޭނީ ކަސްރަތު ކުރުމުންނެވެ.
ހިނގުމާއި ސިކުނޑީގެ މަސައްކަތާ ގުޅިފައިވަނީ ކިހިނެތް؟
ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ގަވައިދުން ކަސްރަތުކުރާ މީހުންނަށް ހަނދާންނެތޭ ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
ހިނގުމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. އެހެން ނަމަވެސް ހިނގުމަށްޓަކައި، ކުޑަމިނުން އެންމެ ފިޔަވަޅެއް އެޅުމަށް ވެސް މުޅި ހަށިގަނޑުގެ ގިނަ ގުނަވަންތަކެއް އެއްފަހަރާ ހަރަކާތްތެރިވެ އެވެ. އެކަމުގައި ސިކުނޑީގެ ވަކި ޚާއްސަ ތަންތަނަށާއި، ސްޕައިނަލް ކޯޑަށް (މައިބަދައިގެ ނާރުތަކަށް)، ގައިގެ މަސްތަކުން ފޮނުވާ ސިގްނަލްތަކަށް އިޖާބަދިނުން އެކުލެވިފައިވެ އެވެ.
ހިނގަން އަޅާ ކޮންމެ ފިޔަވަޅަކާއެކު އިންސިއުލިންއާ އެއްފަދަ ޒައްރާއަކާއި ނާރުގެ ހެދިބޮޑުވުމަށް މުހިންމު ޒައްރާއެއް ހަށިގަނޑު ތެރޭ އުފައްދަ އެވެ. ވީމާ ހަރަކާތްތެރިވެ ނޫޅޭ ނަމަ، ހަށިގަނޑުގައި މިބުނި ޒައްރާ އުފައްދައި ނުދޭތީ ސިކުޑީގެ ނާރުތައް ހަލާކުވުމަށް މަގުފަހިވެ އެވެ. ހަނދާން ނެތޭ ބަލި ފެށެނީ މިފަދަ ގޮތަކަށެވެ.
ވީމާ ސިކުނޑި ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ވީހާ ވެސް އަވަހަކަށް ކަސްރަތު ކުރަން ފެށުން ވަރަށް މުހިންމެވެ.
އުމުރުން 40 އަށް އެރުމުން ގުދުރަތީ ގޮތުން ގައިގެ މަސްތަކުގެ ބާރު ދަށް ވާން މެދުވެރިވެ އެވެ. ޚާއްސަކޮށް ހެލިފެލިވެ ނޫޅޭ ނަމަ މަސްތަކުގެ ބާރު އިތުރަށް ދަށް ވާން މެދުވެރިވެ އެވެ. މިކަމުން ހަށިގަނޑުގެ އެހެނިހެން މަސައްކަތަށް އަސަރުކުރެ އެވެ. އޭގެ ތެރޭގައި ހަކަތަ އަންދާ މިންވަރު ދަށަށް ދިއުން، ލޭހިނގާ މިންވަރު ދަށަށް ދިއުން އަދި ސިކުނޑިގެ މަސައްކަތް ދަށްވުން ހިމެނެ އެވެ.
ހަރަކާތްތެރިވެ އުޅުމަކީ ހަށިގަނޑުގެ ލޭ ދައުރުވުން އިތުރުކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން މުހިންމު ގުނަވަންތަކަށް ލޭ ފޮނުވައިދެ އެވެ. ނާރުގެ ޚާއްސަ ޑޮކްޓަރުން ލަފާދެއްވާ ގޮތުގައި ގައިގެ މަސްތަކަށް ކަސްރަތު ނުދޭނަމަ، ހަނދާން ނެތޭ ބަލި (އަލްޒައިމާ) ޖެހުން އަވަސްވެ އެވެ.
ޑިމެންޝިއާއަކީ ކޮބާ؟
ޑިމެންޝިއާއަކީ ސިކުނޑިއަށް ޖެހޭ ބަލިތަކަކަށް ދެވިފައިވާ ނަމެކެވެ. އެ ބަލިތަކުގެ އެންމެ އާންމު އަލާމަތްތަކުގެ ތެރޭގައި ވިސްނުން ކޮށިވުމާއި، ހަނދާން ބަލިވުން ހިމެނެ އެވެ. ސިކުނޑިއަށް ޖެހޭ އެންމެ އާންމު ބައްޔަކީ އަލްޒައިމާ ބައްޔެވެ. މި ބައްޔަކީ އެއްދުވަހުން އަނެއް ދުވަހަށް ސިކުނޑީގެ މަސައްކަތް ލަސްވަމުންދާ ބައްޔެކެވެ. މިބަލީގައި ހަނދާން ނެތެމުން، ވާނުވާ ނޭނގެމުން ގޮސް އެންމެ ފަހުން ކަންކަން މުޅިން ހަންދާން ނެތެން ދިމާވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާގޮތުގައި ދުނިޔޭގައި ކޮންމެ އަހަރަކު އަލްޒައިމާގެ 10 މިލިއަން އާ ކޭސް ރިކޯޑްކުރެވެ އެވެ. މިބައްޔަށް ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާއިރު، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް ކަސްރަތު ކުރުމަކީ މި ބަލީގެ އަލާމާތްތައް ކުޑަކޮށްދޭނެ ކަމެއް ކަމަށްވެ އެވެ.
ހެލިފެލިވެ ނޫޅޭނަމަ ސިކުނޑިއަށް ނުރައްކާ ބޮޑު؟
ނާރުގެ ބަލިތަކާބެހޭ ޚާއްސަ މާހިރުން ވިދާޅުވާގޮތުގައި ހެލިފެލިވެ ނޫޅޭ ނަމަ، ފައިގެ މަސްތަކަށް ބާރު ކެނޑެ އެވެ. އޭގެ ސަބަބުން އާންމުކޮށް ކުރާ މަސައްކަތްތައް ކުރުމަށް ދަތިވެ އެވެ. އަދި ވެއްޓުމާއި އޭގެ ސަބަބުން އަތްފައި ބިނދުމަށް މެދުވެރިވެ އެވެ. ހަމަ އެއާ ވިދިގެން ސިކުނޑީގެ މަސައްކަތަށް ވެސް ބުރޫއަރަ އެވެ. ވީމާ ލަސްނުކޮށް މިހާރުން މިހާރަށް ކަސްރަތު ކުރަން ފަށައިފި ނަމަ، ފަހުން އެކަމުން ފައިދާ ކުރާނެ އެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އުމުރު މައްޗަށް ދިއުމަކީ ކަސްރަތު ކުރުން ހުއްޓާލަން ޖެހޭ ސަބަބެއް ނޫނެވެ. އުމުރުން 60 އަހަރު ވީނަމަވެސް އެ ހިސާބުން ކަސްރަތު ކުރަން ފަށައިފި ނަމަ، ސިކުނޑީގެ ބަލިތަކުން ދުރުކޮށްދެ އެވެ.