އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލާގައި ތުހުމަތުކުރެވެނީ އަސްކޮއެ ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. އެ ކުންފުނިން އުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 16 ޖުލައި ގަ އެވެ.

ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ވަނީ ފައިސާ ދައްކާފަ އެވެ. އަދި އެ މީހުން ދެއްކި ފައިސާއަށް އަސްކޮއެ ޓްރެވަލް ސާވިސަސް އިން ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ސާބިތުވެފައިވާއިރު، އެ ފައިސާގެ ޖުމްލަ އަދަދު 2.6 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ކަމާގުޅޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.