ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓުން ފެނުނު 24 ގޯނީގެ 300 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފަސް މީހުން ވެސް ޝަރީއަތް ނިމެންދެެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޑްރޯންގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަވިޝްކާ ޕުތާ ނަމަކަށް ކިޔާ އެ ބޯޓު ހޯދައި، ސިފައިންގެ ބާރުގެ ދަށަށް ގެނައީ މި މަހުގެ ހަތް ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

އެމްއެންޑީއެފުން ބުނީ ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެސަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވަނީ އެ ބޯޓާއި ބޯޓުގައި ހުރި މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފަ އެވެ. ފުލުހުން ބުނީ އެ އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށެވެ.

އަދި އެމްއެންޑީއެފްއިން މި އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި ފަސް ފަޅުވެރިން ފުލުހުންނާ ހަވާލުކުރީއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ އުޅަނދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށެވެ.

ބޯޓުން އަތުލައިގަތް މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެތިކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސްރީލަންކާއަށް ނިސްބަތްވާ ފަސް މީހުން ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ، ދިވެހި ފުލުހުންނާއި އެމްއެންޑީއެފްގެ އިތުރުން ލަންކާ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.