މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ކުރީގެ ރައީސް ހަމްދީ އަގީލް މިއަދު އައްޔަންކޮށްފި އެވެ.
މިކަން ހާމަކޮށް އެމްއެމްބީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ ކޮމިޝަނުގެ އެސްޖީ ކަމަށް ހަމްދީ އައްޔަންކުރިކަން އިއުލާންކުރާ ކަމަށެވެ.
ދައުލަތުގެ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގެ ރައީސްގެ މަގާމުން ހަމްދީ ވަކިކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަންކުރެއްވީ ނޮވެމްބަރު 22، 2023 ގަ އެވެ.
ހަމްދީ ޕީސީބީން ވަކި ކުރީ އެ މަގާމުގައި ހުންނަވައިގެން ސަރުކާރުގެ ކުންފުނިތަކަށް އަމާޒު ކުރައްވައިގެން ސާކިއުލާތަކެއް ނެރުއްވި ދަނޑިވަޅާ ދިމާކޮށެވެ. އެހެން ނަމަވެސް އޭނާ ވަކިކުރި ސީދާ ކޮން ސަބަބަކާ ހުރެ ކަން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ހަމްދީ ޕީސީބީން ވަކިކުރީ މިދިޔަ ރޯދަމަހު ކުންފުނިތަކުގެ މުވައްޒަފުންނަށް ދިން ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް އަންގައި ނެރުނު ސާކިއުލާއަކާއި ކުންފުނިތަކުގެ ހަރަދު ކުޑަކުރުމާ ގުޅޭ ސާކިއުލާއެއް ނެރުމާ ގުޅިގެންނެވެ. ޕީބީސީން ވަނީ ފަހުން އެ އެ ސާކިއުލާ ބާތިލު ވެސް ކޮށްފަ އެވެ.
އޭނާ މީގެ ކުރިން ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު އެމްއެމްބީސީގެ އެސްޖީއަށް މަހަކު 35،500ރ. ގެ މުސާރައެއް ލިބޭނެ އެވެ.
މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރުންނާއި މީޑިއާތަކުގެ މެދުގައި ވޯޓުލައިގެން ހޮވި ހަތަރު މެމްބަރުންނެވެ.
ކަސްރަތު ކުރާއިރު ދާ ނުހިއްލުމަކީ ގޯހެއްތަ؟
ހެލްތު އެކްސްޕޯގައި ޓްރީޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ
މުސާރަ ކުޑަކަމުން މުވައްޒަފުން ހަރުނުލާ: މީރާ