ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް މީހުން މަރުވެ އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.

އަވަށްޓެރި ލަންކާއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެތައް އާއިލާތަކެއްގެ ގެދޮރު ގެއްލި 56 މީހުން މަރުވުމާއި ގުޅިގެން އެ އާއިލާތަކަށް ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހިތާމަވެރި ވަގުތުގައި ދިވެހިން މިތިބީ ލަންކާއާއެކު ކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ފުރާނަގެއްލުނު ފަރާތްތަކުގެ އާއިލާތަކަށާއި ހާދިސާގެ އަސަރުކުރި ހުރިހާ އާއިލާއަށް ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ.

ލަންކާއަށް މިދިޔަ ހަފްތާއިން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ބުރާސްފަތި ދުވަހު މޫސުން އިތުރަށް ގޯވެސް އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ފެންބޮޑުވެ އެތައް ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެސް އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ.

ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިއުމުގެ ސަބަބުން އެގައުމުގެ ހުރިހާ އޮފީސްތަކާއި ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ.