ލަންކާގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިން ސަމާލުވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 'ދިތުވާ' ނަމަކަށް ކިޔާ ތޫފާނެއް ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކަމަށް ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި މި ތޫފާނުގެ ސަބަބުން ގަދަ ވަޔާއެކު ވާރޭވެހި، ކަނޑުގެ ލޮނުގަނޑު އުފުލި އެރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ.

މިރޭ 8:30 ވުމާ ހަމައަށް މުޅި ސްރީލަންކާއަށް ބޯކޮށް ވާރޭވެހި އިތުރަށް ފެންބޮޑުވާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ނެރެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން ސްރީލަންކާގައި ތިބި ހުރިހާ ދިވެހި ރައްޔިތުންނަށް ދިވެހި ހައިކޮމިޝަނުން ވަނީ ތިރީގައިވާ ކަންތައްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

· ފެންބޮޑުވާ އަދި ތޫފާނުގެ ސަބަބުން ގަސްގަހާގެއްސާއި ތަކެތި ވެއްޓުމުގެ ނުރައްކާ އޮތް ސަރަހައްދުތަކަށް ދަތުރުކުރުން ހުއްޓާލުން.

· ބޯކޮށް ވާރޭވެހި ގަދަވައިޖެހޭ ވަގުތުތަކުގައި ގޭތެރޭގައި ތިބުން.

· ލަންކާގެ މޫސުމާބެހޭ އިދާރާ (Department of Meteorology) އާއި ގުދުރަތީ ކާރިސާތަކާބެހޭ މަރުކަޒު (Disaster Management Centre - DMC) އިން ދޭ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ސަމާލުވުން.

· ފެން، ބޭސް، މުހިންމު ލިޔެކިޔުންތައް، އަދި ޗާޖުކޮށްފައި ހުރި މޯބައިލް ފޯނުފަދަ އަސާސީ ތަކެތި އަބަދުވެސް ތައްޔާރީ ހާލަތުގައި ބެހެއްޓުން.

· ޕާސްޕޯޓާއި ދިވެއްސެއްކަން އަންގައިދޭ ލިޔެކިޔުންތައް ސަލާމަތުން ބެހެއްޓިފައި ހުރިކަން ކަށަވަރުކުރުން.

· ފެންގަނޑު ބޮޑުވަމުންދާތީ ކޯރުތަކާއި، ކުޅިތަކާއި، ގޮނޑުދޮށުގެ ސަރަހައްދުތަކާމެދު އިތުރަށް ސަމާލުވުން.

· ތިރިތަންތަނުގައި ނުވަތަ ނުރައްކަލުގެ ހާލަތުގައިވާ ސަރަހައްދުތަކުގައި ދިރިއުޅެންޏާ ރައްކާތެރި ތަންތަނަށް ދިއުން.

· އަވަސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު: 94777228800+ އަދި އީމެއިލް އެޑްރެސް: [email protected] އަށް ގުޅުން

ލަންކާ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެ ބުރާސްފަތި ދުވަހު އެގައުމުން 56 މީހުން މަރުވި ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އަދި ޒިޔާރަތްކުރާ ލަންކާގައި މިއަދު ވަނީ ހުރިހާ އޮފީސްތަކާއި ސުކޫލުތައްވެސް ބަންދުކޮށްފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ލިބުނު ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ހަބަރު ނުވެގެން ރިޕޯޓްކޮށްފައިވާ ކަމަށްވެސް ހައިކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.