ހުކުރު ދުވަހަކީ ދުވަހެއްގެ މައްޗަށް އިރުއެރި ހުރިހާ ދުވަސްތަކެއްގެ ތެރެއިން އެންމެ ހެޔޮވެގެންވާ ދުވަހެވެ. ސަމާވީ ކޮންމެ ދީނެއްގައި ވެސް ހަފްތާގެ އެއް ދުވަސް މުޤައްދަސްވެފައި އޮވެ އެވެ. ހުކުރު ދުވަހަކީ ޤައުމެއްގެ މީހުން ضلالةގެ އަނދިރިކަމަށް ވެއްޓުނު ދުވަހެވެ. ޔަހޫދީން މި ދުވަސް ދުކޮށް ހޮނިހިރު ދުވަސްހިފައި އެ މީހުންގެ މުޤައްދަސް ދުވަސް ކަމުގައި ހޮނިހިރު ދުވަސް ހެދި އެވެ. ނަޞާރާއިން ހިފީ އާދީއްތަ ދުވަހެވެ. މުސްލިމުންގެ މުޤައްދަސް ދުވަހަކީ ބަރަކާތްތެރި ހުކުރު ދުވަހުގެ ގޮތުގައި ﷲ މި އުއްމަތަށް ހިތާޔަތް ދެއްކެވި އެވެ.
ހުކުރު ދުވަހަކީ އިސްލާމީ އުއްމަތަށް ނިޢުމަތުން ފުރިގެންވާ ދުވަހެކެވެ. އެއްބަޔަކު މި ނިޢުމަތުގެ ބަރަކާތް ލިބިގަންނައިރު، އަނެއްބަޔަކަށް އެ ކަމުގެ އަސަރެއް ވެސް ނުކުރެ އެވެ. ދުވަހުގެ މާތްކަން ނޭނގި ޣާފިލުކަމުގައި ތިބެނީ އެވެ.
ހުކުރު ދުވަހަކީ މުސްލިމުންގެ ޢީދު ދުވަހެވެ. އެއީ ކޮންމެ ހަފްތާއެއްގައި އަންނަ ޢީދެކެވެ. އެ ދުވަހު މުސްލިމުން ޒީނަތްތެރިވެ އެވެ. ހިނާ ޠާހިރުވެ އެވެ. އާދައެއްގެ ގޮތުން ބޯކޮށުމާއި ނިޔަފަތި ކެނޑުން ވެސް އޮންނަނީ އެ ދުވަހު އެވެ. ހުކުރު ދުވަހު އެއްބަޔަކު އަނެއްބަޔަކަށް ޒިޔާރަތްކޮށް ހާލުބަލައި އުޅެ އެވެ. އަދި ގާތްތިމާގެ ކަމުގެ ގުޅުން ވެސް ބަދަހިކުރާ ދުވަހެއްގެ ގޮތުގައި މުސްލިމުން ހުކުރު ދުވަސް ބަލައިގަނެ އެވެ.
ހުކުރު ދުވަހުގެ މާތްކަން ފެށެނީ އެ ދުވަހުގެ ފަތިސްނަމާދުންނެވެ. عمرގެފާނުންގެ ދަރިކަލުން عبداللهގެ ކިބައިން ރިވާވެގެން ވާ ޙަދީޘްފުޅެއްގައި ވެ އެވެ. "إنَّ أفضلَ الصَّلواتِ عندَ اللَّهِ: صلاةُ الصُّبحِ يومَ الجمعةِ في جَماعةٍ" (البيهقي) މާނައީ: "ހަމަކަށަވަރުން، ﷲ ޙަޟްރަތުގައި މަތިވެރިކަން އެންމެ ބޮޑު ނަމާދަކީ ޖަމާޢަތުގައި ކުރާ ހުކުރު ދުވަހުގެ ފަތިސް ނަމާދެވެ." އޭގެ މާނައަކީ ފަރުޟު ފަސްނަމާދުގެ ތެރެއިން ދަރުމައާއި އަޖުރު އެންމެ ގިނަވާނީ ޖަމާޢަތުގައިކުރާ ހުކުރު ދުވަހުގެ ފަތިސް ނަމާދުގަ އެވެ.
މި ދުވަހުގެ އެންމެ މުޙިއްމު ކަމަކީ ހުކުރު ނަމާދެވެ. ރަށުގައި ޤާއިމުވެ ހުންނަ މީހާއަށް އެ ދުވަހުގެ މެންދުރުނަމާދުގެ ބަދަލުގައި އޮތީ ހުކުރު ނަމާދު ކުރުމެވެ. ހުކުރު ނަމާދަކީ 2 ހުޠުބާއާއި ދެ ރަކުޢަތުގެ މައްޗަށް އެކުލެވޭ ނަމާދެކެވެ. ހުކުރު ދުވަހުގެ ޚުޠުބާ އަޑުއަހަންވާނެ އެވެ. ޙުތުބާ ކިޔަން އިމާމު މިންބަރަށް އެރުއްވުމުގެ ފަހުން މިސްކިތައް ދާ މީހުން ނަމާދުގެ ހާޒިރީގައި ނުހިމެނި ދާނެކަމުގެ ބިރު އޮވެ އެވެ. عن أبي هريرة رضي الله عنه، أن رسول اللَّه صلى الله عليه وسلم قال: (مَنِ اغْتَسَلَ يَوْمَ الْجُمُعَةِ غُسْلَ الجْنَاَبَةِ، ثُم رَاحَ في السَّاعَةِ الأُولى، فَكَأَنَّمَا قَرَّبَ بَدَنَةً وَمَنْ رَاحَ فِي السَّاعَةِ الثَّانِيَةِ، فَكَأَنَّمَا قَرَّبَ بَقَرَةً، وَمَنْ رَاحَ فِي السَّاعَةِ الثَّالِثَةِ، فَكَأَنَّمَا قَرَّبَ كَبْشًا أَقْرَنَ، وَمَنْ رَاحَ فِي السَّاعَةِ الرَّابِعَةِ، فَكَأَنَّمَا قَرَّبَ دَجَاجَةً، وَمَنْ رَاحَ فِي السَّاعَةِ الْخَامِسَةِ، فَكَأَنَّمَا قَرَّبَ بَيْضَةً، فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلائِكَةُ يَسْتَمِعُونَ الذِّكْرَ).البخاري و مسلم) މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެ އެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: ޖުނުބުގެ ހަދަސުން އެރެގަންނަ ފަދައިން ހުކުރު ދުވަހު ހިނައިގަނެ. ފުރަތަމަ ސާޢަތުގައި ހުކުރަށް ގޮސްފިނަމަ އެ މީހަކު ޖަމަލެއް ޤުރުބާންކުރި ފަދަ އެވެ. އަދި ދެވަނަ ސާޢަތުގައި ހުކުރަށް ގޮސްފިނަމަ އެ މީހަކު ގެރިއެއް ޤުރުބާންކުރި ފަދަ އެވެ. އަދި ތިންވަނަ ސާޢަތުގައި ހުކުރަށް ގޮސްފިނަމަ ދަޅު ފެޅި ކަންބަޅިއެއް ޤުރުބާންކުރި ފަދަ އެވެ. އަދި ހަތަރުވަނަ ސާޢަތުގައި ގޮސްފިނަމަ ކުކުޅެއް ޤުރުބާންކުރި ފަދަ އެވެ. އަދި ފަސްވަނަ ސާޢަތުގައި ގޮސްފިނަމަ ބިހެއް ޤުރުބާނަށް ހުށައެޅި ފަދަ އެވެ. ފަހެ އިމާމު މީހާ މިންބަރަށް އަރާވަޑައިގަތުމުން (މަލާއިކަތުން) އެބޭކަލުންގެ ފަތްތައް ލައްޕަވާލައްވައި ޚުތުބާ އަޑުއެއްސެވުމަށް ތިއްބަވާނެ އެވެ."
މިސްކިތަށް ވަންނަ ގޮތަށް އިށީނުމަކީ ވެސް މަނާ ކަމެކެވެ. މިސްކިތު ސުންނަތް ކަމުގައިވާ ދެ ރަކުޢަތް ކޮށްފައި މެނުވީ ނުއިށިންނާށެވެ. އަދި މިސްކިތުގެ ސަފުތައް ހުރަސްކޮށް ކުރިޔަށް ދިއުމުގައި މީސްތަކުންގެ ކޮނޑުތައް މަތިން ހުރަސް ކުރުމަކީ ނަހީ ކުރައްވާފައިވާ ކަމެކެވެ. މިސްކިތަށް ކުރިން އަންނަ މީހުން މިސްކިތުގެ ފަހަތުގައި ނުތިބެ ކުރިޔަށް ދިޔުމަށް އާދަ ކުރާނަމަ މި މައްސަލަ ދިމާނުވާނެ އެވެ.
ހުކުރު ނަމާދަށް ބަންގި ގޮވުމުން ވިޔަފާރި ކުރުމަކީ ޙަރާމް ކަމެއް ކަމުގައި ﷲ ވަޙީ ކުރެއްވި އެވެ. އަންގަވަނީ ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ﴾ (البيهقي) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ!" އަޅުގަނޑުމެން ރާއްޖޭގައި ހުކުރު ވަގުތަކީ ވިޔަފާރި ބަންދު ވަގުތެކެވެ. ނަމަވެސް މި ފަކަށް އައިސް އޮންލައިން އެކިއެކި މަންސަތަކުން ވިޔަފާރި ކުރުމުގައި އެކިކަހަލަ ނީލަން (ބިޑު) ތަކުގައި ބައިވެރިވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދޭތަނެއް ނުފެނެ އެވެ.
ނީލަން ހަމަވާ ގަޑި ހުކުރު ވަގުތާ ދިމާވިޔަސް ވިޔަފާރީގެ މުޢާމަލާތު ކުރާ ތަން އެބަ ފެނެ އެވެ. މިއީ ނުރައްކާތެރި މައްސަލައެކެވެ. ﷲގެ އަމުރަކާ ދިމާ އިދިކޮޅު ޢަމަލެކެވެ. އެހްނެކަމުން މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް، ކިޔުންތެރިންނަށް ނަޞޭޙަތްތެރިވަމެވެ. ޚާއްޞާގޮތެއްގައި ހުކުރަށް ނުގޮސް ގޭގައި ތިއްބޭ އަންހެނުން ވެސް އެއްވެސް ޒާތެއްގެ ވިޔަފާރިއެއް ހުކުރުނަމާދުގެ ވަގުތުގައި ކޮށްގެން ނުވާނެއެވެ. އެއީ ވިޔަފާރި ޙަރާމް ގަޑިއެކެވެ.
ހުކުރު ދުވަހަކީ ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަ ކުރަންވީ ދުވަހެވެ. اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آل مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد.
ހުކުރު ދުވަހުގެ މާތްކަން ލިބިގަންނަ ބަޔަކު ކަމުގައި އަޅަމެން ލައްވާންދޭވެ! އެ ދުވަހާ މެދު ޣާފުލުވާ ބަޔަކު ކަމުގައި އަޅަމެން ނުލައްވާނދޭވެ!