ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރި އަޔުޝްމާން ކުރާނާ އަކީ އެ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެކްޓަރުކަމާ މެދު ޝައްކެއް ނެތެވެ. މި ފަހުން ރިލީސްވި އަޔުޝްމާންގެ ހުރިހާ ފިލްމުތަކަށް ވެސް ބޮކްސް އޮފީހުގައި އަދި ކްރިޓީކްގެ ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން އޭނާގެ ފިލްމުތަކުގައި ދައްކުވައިދޭ އާދަޔާ ހިލާފު ރޯލުތަކުގެ ސަބަބުން ވެސް މަޝްހޫރުކަން އިތުރުވެގެންދެ އެވެ.

އަޔޫޝްމާން ކުރާނާއަށް ތައުރީފާއި މާލީ ކާމިޔާބީގެ އިތުރުން މިހާރު މިވަނީ ޓައިމްސް މެގަޒިން އިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުން ވެސް ޖާގަ ލިބިފަ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ލިސްޓުގައި ނަން އޮތް ހަމައެކަނި ބޮލީވުޑް އެކްޓަރަކީ އޭނާ ކަމެވެ. މި ލިސްޓުގައި އޭނާގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯޑީވެސް ހިމެނިވަޑައިގަންނަވަ އެވެ.

މިއާއެކު އަޔުޝްމާން ބުނެފައިވަނީ މި ކާމިޔާބީ ލިބުމުން އުފާކުރާ ކަމަށާއި އޭނާ އަބަދުވެސް މަސައްކަތް ކޮށްފައިވަނީ ސިނަމާ މެދުވެރިކޮށް މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމަށެވެ.

"އަހަރެން އަބަދުވެސް ގަބޫލުކުރާ ގޮތުގައި މީހުންގެ މެދުގައި ހޭކުންތެރިކަން އިތުރުކޮށް ދައްކަން ޖެހޭ ވާހަކަ ދެއްކުމަށް ސިނަމާގެ ރޯލު ވަރަށް ބޮޑު. އަހަރެން އުންމީދުކުރަނީ އަހަރެންގެ ފިލްމުތަކުން ބެލުންތެރިންނަށް މުހިއްމު ފިލާވަޅުތައް ލިއްބައިދިން ކަމަށް،" އަޔުޝްމާން ބުނެފައިވެ އެވެ.

އަޔުޝްމާންގެ މަޝްހޫރު ބައެއް ފިލްމު ތަކުގެ ތެރޭގައި އަލަތު ފިލްމް ވިކީ ޑޯނާ، އާޓިކަލް 15، ޝުބް މަންގަލް ސާވްދާން، ޑްރީމް ގާލް އަދި ބާލާ ފަދަ ފިލްމްތައް ހިމެނެ އެވެ.