ލަންޑަން (16 ސެޕްޓެމްބަރު) - އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެ ގައުމުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ފޮރިން މިނިސްޓަރު ޑޮމިނިކް ރާބްގެ މަގާމުގެ ދަރަޖަ ދަށްކޮށްފި އެވެ.
ބޮޑުވަޒީރުގެ ނައިބުކަން ވެސް ފުރަމުން އައި ޑޮމިނިކްގެ ފޮރިން މިނިސްޓަރުކަމުގެ މަގާމު ގެއްލި ޖަސްޓިސް ސެކްރެޓަރީގެ މަގާމަށް އައްޔަންވި ކަމުގައި ވިޔަސް އޭނާއަކީ އަދިވެސް ބޮޑުވަޒީރުގެ ނައިބުކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ އޭޕްރީލް މަހު ބޮރިސްއަށް ކޮވިޑް ޖެހި އައި ސީޔޫގައި ފަރުވާ ހޯދަމުން ދިޔައިރު ބޮޑުވަޒީރުގެ މަސްއޫލިއްޔަތައް އަދާކުރަމުން ދިޔަ ޑޮމިނިކަށް ވަނީ އޭނާ ކޮވިޑް 19 އާ ގުޅޭގޮތުން ގެންގުޅުއްވި ސިޔާސަތުތަކާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒު ވެފަ އެވެ.
ފޮރިން މިނިސްޓަރުކަމުގެ މަގާމުން ޑޮމިނިކް ވަކިކުރުމާއެކު އެ މަގާމަށް ދެން އައްޔަން ކުރެވުނީ ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސި ވިލާތް ވަކިކުރުމުގައި ބޮޑު ދައުރެއް އަދާކުރެއްވި ކުރީގެ ޓްރޭޑް ސެކްރެޓަރީ ލިޒް ޓްރޫސް އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރަށް ބޮޑެތި ބަދަލުތަކެއް އަންނަން އުޅޭކަމަށް ގިނަ ދުވަސްތަކެއް ވަންދެން އަޑު ފެތުރިފައިވާއިރު އެ ގައުމުގެ މީޑިއާއިން ވަނީ މި ބަދަލުތައް ޔަގީން ކޮށްދީފަ އެވެ. އަދި މި ބަދަލުތަކަކީ ކޮވިޑް -19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ތަޖުރިބާކާރު ޓީމެއް ސަރުކާރުގެ އިސް ސަފަށް ގެނައުމަށް ބޮޑުވަޒީރު ނިންމެވި ނިންމެވުމެއް ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
ކޮމިނިކްގެ އިތުރުން ކެބިނެޓުން ދުރުކުރެވުނު މިނިސްޓަރުންގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓަރު ގެވިން ވިލިއަމްސަން އާއި އެހެނިހެން ގިނަ މިނިސްޓަރުންތަކެއް ހިމެނެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް