ސޯޝަލް މީޑިއާއާއި މިއަދު އަހަރެމެންގެ ދިރިއުޅުމާ ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ހަރު މީހުންގެ މެދުގައި ވެސް ސޯޝަލް މީޑިއާއަކީ މިހާރު މަގުބޫލް އެއްޗަކަށް ވަނީ ވެފަ އެވެ.
ފޭސްބުކް އާއި ޓުވިޓާ އަދި މިނޫން ވެސް ނަން ހުސްކޮށް އެކި ކަންކަމަށް ހާއްސަކޮށް ސޯޝަލް މީޑިއާގެ ސައިޓުތައް ތައާރަފު ވެފައިވާއިރު މިއިން ކޮންމެ އެޕްލިކޭޝަން އެއްގައި އެކައުންޓެއް ނުހުޅުވާ މީހަކު މިއަދު އަޅުގަނޑުމެންގެ ތެރޭގައި މަދުވާނެ އެވެ. މިއީ މުޖުމައުގައި އާއްމުވެފައިވާ ކަމަކަށް ވާއިރު އެއިން ލިބޭ ފައިދާތަކާއި ގެއްލުންތަކަށް ބަލާލުން ކިހިނެތްވާނެ ހެއްޔެވެ؟
ޝައްކެއް ވެސް ނެތް ގޮތުގައި ސޯޝަލް މީޑިއާއަކީ މިއަދުގެ ދިރިއުޅުމަށް ލިބުނު ބޮޑު ފަސޭހައެކެވެ. ދުރުގައި ތިބޭ އެކުވެރިންނާއި އާއިލާއާއި ހިނދުކޮޅެއްގެ ތެރޭގައި ގުޅާލެވުމަކީ އޭގެ އެންމެ ބޮޑު ހެއްކެވެ. މިއީ ސޯޝަލް މީޑިއާ ތައާރަފްވުމުގެ ކުރިން އެތައް ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެއްކަން އިސް ރަށްވެހިން ދަންނާނެ އެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާ މިއަދު ވެފައިވަނީ ރަޙުމަތްތެރިކަން އާލާކޮށް އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމުގެ ޒަރީއާ އަކަށެވެ.
އެހެނީ ސޯޝަލް މީޑިއާ އިން ބައްދަލުވެ މިއަދު ގާތް ރަޙުމްތްތެރިންނަށް ވެފައިވާ މީހުން ގުނާ އަދަދު ނުކުރެވޭނެ އެވެ. ހަމައެއާއެކު ވަޒީފާގެ ބާޒާރުގައި ގުޅުންތައް ވަރުގަދަކޮށް ބޭނުންވާ ރޮނގަކުން ކުރިއަށް ދިއުމަށް ފުރުސަތު ހުޅުވާލުމަށް ހާއްސަ ކޮށްފައިވާ އެޕްލިކޭޝަންތައް ވެސް މިއަދު ދައުރުވެ އެވެ. އެހެންކަމުން ވަޒީފާގެ ބާޒާރު އިތުރަށް ވާދަވެރިވެ ގިނަ ބަޔަކަށް ވަޒީފާ ލިބުމުގެ މެދުވެރިއަކަށް ސޯޝަލް މީޑިއާ ވެފައިވުމަކީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ކަންމިހެން އޮތް ނަމަވެސް ސޯޝަލް މީޑިއާ އަކީ ނޭދެވޭ އަސަރުތަކެއް ވެސް އޭގެ އަހުލުވެރިންނަށް ކުރުވާ އެއްޗެކެވެ. އެގޮތުން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން، ހާއްސަކޮށް ކުޑަކުދިންގެ ރައްކާތެރިކަމަކީ ތަޖުރިބާކާރުން އަބަދުވެސް ސުވާލު އުފައްދާ ކަމެކެވެ. ނަން އޮޅުވާލައިގެން ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން ވެސް މަދު ނޫންވީމަ އެވެ.
ހަމައެއާއެކު ސޯޝަލް މީޑިއާއަކީ ސައިބާ ބުލީންއަށް ދޮރު ހުޅުވައި، އެކަމަށް މަގުފަހި ކޮށްދޭ ވަސީލަތެއް ކަމަށް މާހިރުން އަބަދު ވެސް ދަނީ ބުނަމުންނެވެ. މިއީ ކުދިންގެ އުޅުމަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރުވާނެ ކަމެކެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު ގިނަވެ، ދިރިއުޅުމުގެ އެހެން ކަންކަމަށް ފަރުވާކުޑަ ކުރެވޭ ތަން އާދެ އެވެ. ސިއްހީ ގޮތުން ވެސް އެތައް ނުރައްކަލަކަށް މީހާ ހުށަހަޅައިދޭ ކަމަކަށް ނަހަމަ ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރުން އޮތީ ވެފަ އެވެ.
މި ހުރިހާ ކަމަކަށް އަލިއަޅުވާލައި ބުނެވެން އޮތީ ސޯޝަލް މީޑިއާއަކީ އޭގައި އެތައް ފައިދާތަކަކާއި ގެއްލުންތަކެއް އެކުލެވިގެންވާ އެއްޗެއްކަމެވެ. ރަނގަޅު ގޮތުގައި ބޭނުންކޮށް، ބޮޑު މީހެއްގެ ބެލުމުގެ ދަށުން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުން ކުރިޔަ ދިނުމަކީ އެކުދިންގެ އިޖުތިމާޢީ ގުޅުންތައް ބަދަހި ކޮށްދޭނެ ކަމެކެވެ. ހަމަ އެގޮތަށް ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ވެސް ހައްދު ފަހަނައަޅައި ދިއުމަކީ އެއިން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑު ކޮށްދޭނެ ކަމެކެވެ.