ދިވެހި ބިރުވެެރި ފިލްމެކޭ ބުނުމުން ގިނަ ބަޔަކަށް ސިފަވަނީ ހިނި އަންނަ ޒާތުގެ އަޑުތަކާއި މަންޒަރުތައް ހިމެނޭ އަސްލާ ދުރު އުފެއްދުންތަކެކެވެ. އެގޮތުން ދިވެހި ބިރުވެރި ފިލްމުތަކަކަކީ ބިރަށްވުރެ ކޮމެޑީ ފިލްމުތަކެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަކުރެ އެވެ.

އެހެން ނަމަވެސް މިދިޔަ ބުދަ ދުވަހު އޮލިމްޕަހުގައި އެޅުވި ފިލްމު "ޕަރީ: ޗެޕްޓާ 1"އަކީ ދިވެހި ބިރުވެރި ފިލްމުތަކަށް މުޅިން ތަފާތު، ތާޒާ ރަހައެއް ގެނެސްދިން ފިލްމެއްގެ ގޮތުގައި ބުނެވިދާނެ އެވެ.

އެންމެ ފުރަތަމަ "ޕަރީ: ޗެޕްޓާ 1"ގެ ޓީޒާ އާއްމުންނަށް ދޫކޮށްލި ހިސާބުން ވެސް އެ ފިލްމަކީ މީގެ ކުރިން ރިލީޒް ކުރެވިފައިވާ ފިލްުމުތަކަށްވުރެ ތަފާތު ފިލްމަކަށް ވާނެކަން އެނގިގެން ދިޔަ އެވެ. ބޭނުންކޮށްފައިވާ ވީއެކްއެކްސްއާއި ބެކްގްރައުންޑް މިއުޒިކުން ފިލްމަށް ޝައުގުވެރިކަން އިތުރު ކުރުވި އެވެ.

ވާހަކަ

ހޫދު އިބްރާހިމް ލިޔެފައިވާ މި ވާހަކައަކީ އުފާވެރި ދިރިއުޅުމެއްގެ އުއްމީދުގައި ހަޔާތަށް ބޮޑު ބަދަލެއް ގެނައި އާއިލާއަކަށް ކުރިމަތިވާ ނާމާން ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. ބާއްޖަވެރި ދިރިއުޅުމަކަށް އެ އާއިލާއިން ކުރަމުން އައި އުއްމީދުތަކަށް ހިޔަނި އެޅުނީ އާއިލާގެ އެންމެ ހަގު މެމްބަރަށް ރޫހާނީ ކަންތައްތަކެއް ތަޖުރިބާ ކުރެވެން ފަށައި އެކަމުގެ ސަބަބުން އާއްމު ދިރިއުޅުމަށް ބުރޫ އަރަން ފެށި ހިސާބުންނެވެ. މި ވާހަކައަކީ ބިރުވެރި ނާމާން ކަންތައްތަކެއްގެ ތެރެއިން އާއިލީ ގުޅުންތަކާއި ލޯތްބާއި ކުލުނު ދައްކުވައިދޭ ވަރަށް ފުރިހަމަ ވާހަކަ އެކެވެ.

އެކްޓިން

މުހިއްމު ކެރެކްޓަރުން

އަމީން: އަލީ ސީޒަން

ރައުފާ: ރިޝްމީ ރަމީޒް

ޕަރީ: މަރިޔަމް ލަމްޝާ

ލައި: ޝީލާ ނަޖީބު

ފާރިޝް: ޖުމައްޔިލް ނިމާލް

ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދިޔަ ކޮންމެ ތަރިއެއް ވެސް އެ ތަރިއެއްގެ ކެރެކްޓަރަށް ފުރިހަމައަށް އިންސާފު ކޮށްދީފައިވާއިރު އޭގެ ތެރެއިން ވެސް ޗައިލްޑް އެކްޓަރު މަރިޔަމް ލަމްޝާ ފާހަގަ ކޮށްލަން ޖެހެ އެވެ. ހަގު އުމުރެއްގައި ވެސް ލަމްޝާގެ އެކްޓިންއިން އަސަރާއި ޖަޒްބާތުތައް ފާޅުވާއިރު އޭނާގެ އެކްޓިންއިން ކޮންމެ މަންޒަރަކަށް ވެސް ދިރުން ގެނުވައިދެ އެވެ. އެއާއެކު ފިލްމުގެ ބިރުވެރި މަންޒަރުތަކުގައި ލަމްޝާ ދައްކުވައިދިން ހުނަރަކީ ތައުރީފު ހައްގު ހުނަރެކެވެ.

އޭގެ އިތުރުން ވެސް ނުވަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު ސްކްރީނަށް އެނބުރި އައި ރިޝްމީގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް "އައުޓްސްޓޭންޑިންގް" ހުށައެޅުމެކެވެ. އެހާ ގިނަ ދުވަހަށްފަހު ވެސް އޭނާގެ ހުނަރާއި ސްކްރީން ޕްރެޒެންސަށް ބަދަލެއް އައިސްފައިނުވާއިރު ރިޝްމީއާއި ސީޒަންގެ އެކްޓިންއަށް އެކުގައި "އެއްވަނަ"ދޭ ވަރުވެ އެވެ.

ސަޕޯޓިން އެކްޓަރުންގެ ފަރާތުން ވެސް ފާހަގަކޮށްލެވޭ ހުށައެޅުމެއް ފެނިގެންދިޔައިރު އޭގެ ތެރެއިން ވެސް ސްރީލަންކާގެ އެކްޓަރުންގެ ފަރާތުން ފެނުނު ހުށައެޅުން ފާހަގަ ކޮށްލަން ޖެހެނީ އެހެން ބަހަކުން ގެނެސްދީފައިވާ ފިލްމަކަށް އެ ތަރިން ގެނެސްދިން ތަފާތު ރަހައިންނެވެ.

ވީއެފްއެކްސްއާއި ސިނަމެޓޮގްރަފީ

"ޕަރީ: ޗެޕްޓާ 1"އަކީ ފުރަތަމަ ފަހަރަށް ބޭރުގެ ކުންފުންޏަކުން ދިވެހި ފިލްމެއްގެ ވީއެފްއެކްސްގެ މަސައްކަތްކުރި ފިލްމެވެ. ފިލްމުގައި ބޭނުންކޮށްފައިވާ ވީއެފްއެކްސްއިން ބިރުވެރި މަންޒަރުތަކުގެ އަސްލުކަން އިތުރު ކޮށްދޭއިރު ސިނަމެޓޮގްރަފީއާއި ކެމެރާ މަސައްކަތްތަކުން އެކަނި ވެސް ބެލުންތެރިންގެ ގައިން ހީބިހި ނަގާވަރު ކުރުވަ އެވެ.

މިއުޒިކްއާއި ބެކްގްރައުންޑް ސްކޯ

ފިލްމުގައި މާ ގިނަ ލަވަތަކެއް ހިމެނިފައި ނެތް ނަމަވެސް ދިވެހިންގެ ތެރޭގައި އާއްމުކޮށް ބޭނުންކުރާ ނާނާއެއް ކަމަށްވާ "މަޑުންމީ އޮވެ ނިދާލާތޯ" ބޭނުން ކުރެވިފައިވާ ގޮތުން ފިލްމުގެ ނާމާންކަން އިތުރުކޮށްދެ އެވެ. ހަމައެއާއެކު ހުސެއިން ތައުފީގުގެ ބެކްގްރައުންޑް މިއުޒިކުން ވެސް ބިރުވެރި މަންޒަރުތަކުގައި ސިއްސައިގެންދެ އެވެ.

ޑައިރެކްޝަން

މީގެ ކުރިން އަހަރުމެންނާ ހިސާބަށް އައިސްފައިވާ ބިރުވެރި ފިލްމުތަކާއި "ޕަރީ:ޗެޕްޓާ 1" ތަފާތު ކޮށްދޭ މައިގަނޑު އެއް ކަމަކީ ފިލްމުގެ ޑައިރެކްޝަންއެވެ. އަލީ ސީޒަންގެ ޑައިރެކްޝަނުން ބައިނަލްއަގުވާމީ ފެންވަރުގެ ބިރުވެރި ފިލްމުތަކުގެ އިހްސާސް ގެނުވާއިރު ކޮންމެ މަންޒަރަކަށް ވެސް ބެލުންތެރިން ތިބެންޖެހެނީ "ގޮނޑީގެ ކޮޅުގަ" އެވެ.

ޖުމްލަކޮށް....

ސުރުހީގައި ވެސް ބުނެވިފައިވާ ފަދައިން "ޕަރީ:ޗެޕްޓާ 1"އަކީ ދިވެހި ބިރުވެރި ފިލްމުތަކަށް އަލީ ސީޒަން ގެނެސްދިން މުޅިން ތަފާތު ތާޒާ ރަހަ އެކެވެ. ފިލްމުގައި ބޭނުން ކުރެވިފައިވާ އެކި އުކުޅުތަކުން ފިލްމު އިތުރަށް ފުރިހަމަ ކޮށްދޭއިރު ފިލްމު ނިމިގެން ދިޔައީ ދެން ވާ ގޮތް ވެސް އިތުރަށް ބަލަން ބެލުންތެރިން ބޭނުންވެފައި ތިއްބަ އެވެ. ނިމިގެން ދިޔައިރު "ޕަރީ: ޗެޕްޓާ 2"ގެ ފެނިލުމެއް ވެސް ބެލުންތެރިންނަށް ފެނުނެވެ. އެހެން ކަމުން "ޕަރީ: ޗެޕްޓާ 2"އަށް މިހާރު ވެސް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނައިރު ބެލުންތެރިންނަށް ސީޒަން ދޭ އުފާވެރި ހަބަރަކީ ޕަރީގެ ޗެޕްޓާ 2 ވެސް ވަރަށް އަވަހަށް އަންނާނެ ކަމެވެ. މި ހުރިހާ ކަމަކަށް ބަލާއިރު "ޕަރީ:ޗެޕްޓާ 1"އަކީ "މަސްޓް ވޮޗް"އެއްގެ ގޮތުގައި ބުނެވިދާނެ އެވެ.