ރާއްޖެ ސަރަހައްދުގައި ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދައްވެފައިވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅު އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފި އެވެ.
އެގޮތުން ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރުކުރަން އެންގުމަށް ނިންމާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އެ ކުންފުނިން މިއަދު ބުނީ ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް މަތިންދާބޯޓު ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ، ރާއްޖޭގެ ވައިގެ ނިއަމިކަމުގެ ހިދުމަތް ދޭން ހަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން އެމްއޭސީއެލް އަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.
އެގޮތުން ދުރުފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައި އާންމުކޮށް ބޭނުންކުރާ ވީއެފްއާރު ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު ބޭނުންކޮށްގެން ދަތުރު ކުރުމަށް މަތިންދާބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން، މީގެ ކުރިންވެސް އަމަލުކުރެވެމުން އައިސްފައިވާ އުސޫލެއްކަން އެ ކުންފުނިން ފާހަގަކޮށްފައި ވެ އެވެ.
މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ބައެއް ފަހަރު ވީއެފްއާރު ވަގުތީ ގޮތުން މަޑުޖައްސާލައި, އެސްވީއެފްއާރު އަންނަނީ ބޭނުންކުރެވެމުންނެވެ.
"އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައްކުރާ ހުރިހާ އެއާލައިންތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ" އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.
އިންޑިއާގެ އުތުރުން އަންނަ ނުސާފު ވައި ރާއްޖެ ސަރަހައްދަށް ޖަމާވެ ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ވެސް ބުރޫއަރަން ވަނީ ފަށާފަ އެވެ. ޖައްވު ނުސާފުވުމުގެ ސަބަބުން މިދިޔަ ދެތިން ދުވަހު ދުރު ފެންނަ ވަރު ދެ ކިލޯމީޓަރަށް ވެސް ބައެއް ވަގުތުތަކުގައި ދަށްވެފައިވާ ކަމަށް އޭވިއޭޓާސް މޯލްޑިވްސްއިން މީގެ ދެ ދުވަސްކުރިން ވަނީ ބުނެފަ އެވެ.
އައިކުއޭ އެއާގެ ރެކޯޑްތައް ދައްކާ ގޮތުގައި، މިދިޔަ މަހެއްހާ ދުވަހު ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ނުސާފުވެފަ އެވެ. މިދިޔަ މަހެއްހާ ދުވަހު މާލެ ސަރަހައްދުގެ ވައިގެ ކޮލެޓީ އެވްރެޖުކޮށް ހުރީ 63 - 172 އާ ދެމެދުގަ އެވެ.
އީރާނުގައި ކުރާ މުޒާހަރާތަކަކީ އެމެރިކާގެ ޓެރަރިސްޓް ހަރަކާތެއް
ދުވަހަކުވެސް ޕްލާސްޓިކް ސާޖަރީއެއް ނުހަދަން: ބްރޭޑްލީ
"ޕްރިޒަވޭޓިވްސް"އިން ކެންސަރަށް މަގުފަހިވޭ: ދިރާސާ