ކޮވިޑް ދުވަސްވަރު ސިއްހީ ދާއިރާގައި ހިންގި ކޮރަޕްޝަނާއި ގުޅޭ މައްސަލައެއްގައި އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މިހާރު ސީއީއޯ މުހައްމަދު ރިޝްވާންގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވައިފި އެވެ.

ރިޝްވާން އައިޖީއެމްއެޗްގެ ސީއީއޯކަން ކުރެއްވީ ރައީސް ޔާމީންގެ ދައުރުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށެވެ. ނަމަވެސް ކޮވިޑްގެ ހިޔާނާތުގައި ތަހުގީގު ކުރަނީ އޭނާއާ ގުޅޭ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވެ އެވެ.

ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްކަންވެސް ކުރެއްވި ރިޝްވާންގެ މައްޗަށް ތަހުގީގު ހިންގުމަށްފަހު، އެ މައްސަލާގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެސީސީން ނިންމައި، އެ މައްސަލަ މިހާރު ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވާކަން ވަނީ އެނގިފައި އެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކުން ދައުވާކުރަން ހުށަހަޅާ މައްސަލަތައް ޕީޖީ އޮފީހަށް ބަލައިގަތުމުގެ ކުރިން، ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވަ އެވެ. މައްސަލަ ރަސްމީކޮށް ފޮނުވާނީ ޑިއުޓީ ޕޮރޮސިކިއުޝަންގެ މަރުހަލާގައި ޕީޖީ އޮފީހުން ފިޔަވަޅު އެޅޭ މިންވަރަށް ތަހުގީގު ފުރިހަމަވުމުންނެވެ.

ކޮވިޑް-19 ގެ ދުވަސްވަރު އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އިން އަމިއްލަ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައި އެ ހޮސްޕިޓަލްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް (ބަންދު ސަލީމް) އާއި އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަނަކަށް އޭރު ހުންނެވި ޑރ. އަލީ އަބްދުﷲ ލަތީފާއި އިތުރު ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ އަހަރު ފޮނުވާފައިވެ އެވެ.

މީގެ އިތުރުން ކޮވިޑް ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނިން ގަސްދުގައި ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް ޑރ. އިކްލީލް ޝަރީފާއި ޑރ. އަލީ އަބްދުالله ލަތީފްމައްޗަށް ދައުވާކުރަން މީރާއިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށް އިއްޔެ ވަނީ ބުނެފައި އެވެ.