ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްގައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ކުރީގެ ޕްރިންސިޕަލް އިސްމާއީލް ވަޖީހު ވިދާޅުވި އެވެ. އިންސްޓަގްރާމާއި ޓިކްޓޮކް ފަދަ ވަސީލަތްތަކުގައި މިލިޔާ ލިޔުންތައް މުޅިން ވެސް ލިޔެވެނީ ހިންދީ ބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. އޭގެ ބަދަލުގައި އެ ބާވަތުގެ ލިއުންތައް ދިވެހި ބަހުން ލިއުއްވަން ޚިޔާލު ކުރައްވާ ކަމަށް ވިދާޅުވަމުން އެކަމަށް އޮތް ހުރަހެއްގެ ގޮތުގައި ވަޖީހު ވިދާޅުވީ ދިވެހި ބަހުން ކިޔާ "ކަލޭ" ގެ ބަދަލުގައި އެހެން ރީތި ބަހެއް ނެތުމެވެ. އިސްމާއީލް ދެކެވަޑައިގަންނަވާ ގޮތުގައި ކަލޭ ކިއުމަކީ ރީތި ގޮތެއް ނޫނެވެ. ބަދަލުގައި ކިޔާނެ ރީތި ބަހެއް ނެތުމުން، "ކަލާ" ބޭނުން ކުރަން ބަލާއިރު އެއީ ވެސް ހަމަ އެކަނި ލޯބީގެ ވާހަކަތަކުގައި ބޭނުން ކުރެވޭ ބަހެކެވެ. ހުރިހާ މުނާސަބަތަކަށް ނުފެތެ އެވެ. އެހެންކަމުން އިސްމާއީލް ނިންމެވީ ކަލޭ ކިއުމަށެވެ. އެއާއެކު ކުޑަ ޅެން ބައިތެއް ފާޑުގެ ބަސްކޮޅެއް ކަލޭ ކިޔައިގެން ވިދާޅުވި އެވެ.
ދިވެހި ބަހުގައި ކަލޭ
ދިވެހި ބަހަކީ ކުދި ކުދި ރަށްތަކުގައި ކުދިކުދި ޖަމާއަތްތަކެއްގެ މެދުގައި އުފެދި ތަރައްގީ ވި ބަހެކެވެ. އެ މުޖުތަކައުތަކުގައި އެންމެނަށް އެނަމެން އެނގެ އެވެ. އެކަކު އަނެކަށް އަޅާ ލުމާއި އިހުތިރާމާއި ލޯބި އޮވެ އެވެ. ދިވެހި ބަހަކީ އެ މާހައުލަށް ފެތޭ ގޮތަށް އުފެދި ތަރައްގީވެފައި އޮތް ބަހެކެވެ.
ދިވެހި ބަހުން ވާހަކަ ދައްކާއިރު މުޚާތަބު ކުރެވޭ މީހާ އާ ސީދާކޮށް މުޚާތަބުކުރުމަކީ އެހާ މަގުބޫލު ކަމަކަށް ނުވެ އެވެ. އޭގެ ބަދަލުގައި ރައްދުވާ ފަރާތާއި މުޚާތަބުކުރާނެ ދެތިން ގޮތެއް ދިވެހި ބަހުގައި އޮވެ އެވެ. އެކަން އެހެން ކުރަނީ ކަލެއޭ ބުނުމުން އޮންނަ ހަރުކަށިކަން މަޑުކޮށް އިހުތުރާމް ކުރުމުގެ އިހުސާސް ކުރުވުމުގެ ބޭނުމުގަ އެވެ. ވާހަކަ ނިސްބަތްވާ މީހާގެ ގޮތުން ކަލޭ ބޭނުން ނުކުރެވޭ ފަދަ ހާލަތްތައް ދިވެހި ބަހުގައި އަންނާނެ އެވެ. މިސާލަކަށް މައިން ބަފައިންނާ މުޚާތަބުކޮށް ދަރިންނަށް ކަލެއެކޭ ނުކިޔޭނެ އެވެ. ބަދަލުގައި ކިޔަން ޖެހޭނީ މަންމަ ނުވަތަ ބައްޕަ އެވެ. އާންމު ގޮތެއްގައި ރީތިކޮށް ވާހަކަ ދައްކާއިރު ދިވެހި ބަހުން ކަލޭ ނުކިޔައި ބޭނުން ކުރާނީ މީހާގެ ނަން ނުވަތަ އޭނާގެ މަގާމުގެ ނަން ނުވަތަ އެހެން ވެސް ހައިސިއްޔަތަކުން ލިބިފައި އޮންނަ ނަމެކެވެ. މިސާލަކަށް ކަލެއަށް އެނގޭ ދޯ؟ އޭ ބުނުމުގެ ބަދަލުގައި ބުނާނީ މަންމަޔަށް އެނގޭ ދޯ؟ މުހައްމަދަށް އެނގޭ ދޯ، ކަތީބަށް އެނގޭ ދޯ؟ މިފަދައިންނެވެ. މިގޮތަށް ވާހަކަ ދެއްކުމުން ވާހަކަ ދައްކާ މީހުންގެ ހިތުގައި ގާތްކަމާއި އޯގާވެރިކަމާއި ކުލުނު އުފެދެ އެވެ.
އެކަން އެހެން އޮތަސް ކަލޭ ކިޔައިގެން ވާހަކަ ދައްކަން ބޭނުން ބަޔަކަށް އެކަން ކުރުމަކަށް ވެސް ހުރަހެއް ނެތެވެ. އެއްފުރައެއްގެ މީހުން އެކީގައި އުޅޭއިރު ކަލެއޭ ކިޔައިގެން ވާހަކަ ދައްކައި އުޅެނީ މަދަކުން ނޫނެވެ. އެކަން ބިނާވެފައި އޮންނާނީ އެ ވާހަކަ ދައްކާ މީހުންގެ މެދުގައި އޮންނަ ގުޅުމުގެ މިންވަރަކަށްވެ. އެއީ ދިވެހި ބަހަށް ލިބިފައި އޮތް ޚާއްސަ ކަމެކެވެ. މުއްސަނދި ކަމެކެވެ.
މައްސަލަ އުފެދެނީ ކީއްވެ؟
ކަލޭ ނުކިއިގެން މައްސަލައަކަށް ވަނީ މިހާރަކަށް އައިސް ދިވެހި ބަހުގެ އެހެން ބައެއް މައްސަލަތައް ވެސް އުފެދޭ ހިސާބުންނެވެ. އެއީ އަޅުގަނޑުމެންގެ ތެރެއަށް އެ ބަހެއްގެ ނުފޫޒު އާދަޔާޚިލާފަށް ގަދަވެފައި އޮތް އިނގިރޭސި ބަހުން ވިސްނާފައި ވާހަކަ ދައްކަން އުޅުމުންނެވެ.
ދިވެހި ބަހާ ޚިލާފަށް އިނގިރޭސި ބަސް ތަރައްގީވީ ހަނގުރާމަ އާއި ތަންތަން ހިފުމާއި މީހުންގެ މައްޗަށް ވެރިވެގަތުމުގެ މާހައުލެއްގެ ތެރެއަށެވެ. އެފަދަ މާހައުލެއްގައި ދެކެވޭ ވާހަކަވެފައި އޮންނަނީ ވަރަށް ސީދާކޮށް މުޚާތަބު ކުރެވޭ ގޮތަކަށެވެ. އެހެންކަމުން އިނގިރޭސި ބަހުން ޔޫ ބޭނުން ނުކޮށް ވާހަކަ ދެއްކުން އޮންނަނީ ދަތި ކަމަކަށް ވެފަ އެވެ. އެހެން ނަމަވެސް އިނގިރޭސި ބަހުން ވެސް އަނެކާއަށް އިހުތިރާމް ކުރުމުގެ ގޮތުން ސީދާ ޔޫ ނުކިޔައި ވޭތޯ ބަލާ ހާލަތްތައް އާދެ އެވެ.
ދިވެހިންނަށް ވާހަކަ ދެއްކުމުގައި ކަލޭ ނުކިއިގެން މައްސަލައަކަށް ވެގެން މިއުޅެނީ އިނގިރޭސި ބަހަށް ފަރިތަވެ، އެ ބަހަކީ އާންމު ދިރިއުޅުމުގެ ބަހަކަށް ވުމުގެ ނަތީޖާއެއްގެ ގޮތުން އެބަހުން ވިސްނާފައި ދިވެހި ބަހުން ވާހަކަ ދައްކަން ޖެހުމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ އިނގިރޭސި ހަމަތަކަށް ދިވެހި ބަސް ފައްތަން މަސައްކަތް ކުރުމުންނެވެ.
ދިވެހި ބަސް އެކަންޏެއް ނޫން
ވާހަކަ ދައްކާއިރު، މުޚާތަބު ކުރެވޭ މީހާއަށް ކަލެއޭ ކިޔަފައި ވާހަކަ ނުދެއްކުމަކީ ދިވެހި ބަހަށް އެކަނި ޚާއްސަ ސިފައެއް ނޫނެވެ. ދުނިޔޭގެ ވަރަށް ގިނަ ބަސްބަހުގައި އެކަން އެގޮތަށް އޮވެ އެވެ.
ޖަޕާނު ބަސް
ޖަޕާނު ބަހުން ކަލޭގެ މާނައިގައި އޮންނަ ލަފުޒު ކަމަށްވާ "އަނަތާ" ކިއުމާ ދުރުހެލި ވެ އެވެ. ބަދަލުގައި ބޭނުން މީހާގެ ނަމާއި ލަގަބާއި އާއިލީ ގޮތުން ކިޔަން ޖެހޭ ނަމެވެ.
ކޮރެއާ ބަސް
ކޮރެއާ ބަހުގައި ކަލެއަކީ "ނިއޯ" އެވެ. އެކަމަކު އެ ބަހުގައި ވެސް އިހުތިރާމު ކުރުމުގެ ގޮތުން ނިއޯގެ ބަދަލުގައި ބޭނުން ކުރަނީ ގާތް ކުރުމުގެ ގޮތުން ބޭނުން ކުރާ ނަންނަމާއި ލަގަބު ފަދަ ބަސް ބަހެވެ.
ތައި ބަސް
"ޚުން" އަކީ ތައި ބަހުން ކަލޭ އެވެ. އެހެނަސް އާންމުކޮށް ބޭނުމެއް ނުކުރެ އެވެ. ބޭނުން ކުރަނީ ނަންނަމާއި އާއިލީ ލަގަބުތަކެވެ.
އަރަބި ބަސް
އަރަބި ބަހުގައި ވެސް މުޚާތަބު ކުރެވޭ މީހާ އާ ސީދާ މުޚާތަބު ކުރުމުގައި ހުންނަ ހަރުކަށި ކަން މަޑު ކުރުމަށް ނުސީދާ ލަފުޒު ބޭނުން ކުރެ އެވެ.
ފަރަންސޭސި ބަސް
ފަރަންސޭސި ބަހުގައި ކަލޭގެ ބަދަލުގައި ބޭނުން ކުރާ ދެބަސް އޮވެ އެވެ. އާންމުކޮށް ބޭނުންކުރާ "ތު"ގެ ބަދަލުގައި އިހުތިރާމާ އެކު ދައްކާ ވާހަކާގައި ބޭނުން ކުރާނެ އިތުރު ބަހެއް އޮވެ އެވެ.
އެހެންކަމުން ވާހަކަ ދައްކާއިރު ކަލޭ ކިއުމާ ދުރުހެލި ވުމަކީ ދިވެހި ބަހަށް އެކަނި އޮތް ކަމެއް ނޫނެވެ. އެއީ ދުނިޔޭގެ ވަރަށް ގިނަ ބަސްބަހުގައި ވެސް ބޭނުންކޮށް އުޅޭ އުސޫލެކެވެ. އެހެން ބަސްބަހާ އަޅާ ބަލާއިރު ދިވެހި ބަހުގައި އެ އުސޫލު ވެސް ވަނީ އިތުރު މުއްސަނދި ކަމަކާ އެކު އެވެ. މައްސަލައަކީ ބަހުގެ އެފަދަ ކަންތަކާ މުޖުތަމައު ބީރައްޓެހި ވަނީ އެވެ. ބަސް ކިޔަވައި ނުދެވެނީ އެވެ. ޚާއްސަކޮށް އިނގިރޭސި ބަހުން ވިސްނައި އެ ބަހަށް ދިވެހި ބަސް ފައްތަން މަސައްކަތް ކުރެވެނީ އެވެ. "ކަލޭ"ގެ އެއްވެސް މައްސަލައެއް ނެތެވެ.
ކުޑަކަމުދިއުން ލަސް ކުރުމަކީ ގޯހެއް
އިންޑިއާގެ ބަޖެޓުން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު