ސަރުކާރުން އެދުނު ގޮތަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރަން އެ އޮފީހުގެ ބޯޑުން ނިންމާފައިވަނިކޮށް, ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ސުޖާތާ ހަލީމް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސުޖާތާ ހަލީމް އިސްތިއުފާ ދެއްވާފައި މިވަނީ ޕެންޝަން ފަންޑުގައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑުތަކެއް މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު، އެ ފައިސާ އަނބުރާ ސަރުކާރުގެ ބޮންޑެއްގައި އިންވެސްޓުކުރަން ނިންމިތާ އެއް ދުވަސް ނުވަނީހެވެ.

އިތުބާރު ހުރި މަސްދަރުތަކުން "ހުރިހާ" އަށް ކަށަވަރުވާ ގޮތުގައި ސުޖާތާ މަގާމުން ވަކިވެވަޑައިގަތީ މިއަދުގެ ވަގުތެއްގަ އެވެ. މިއީ މި ބޮންޑުގެ މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުން ނުވަތަ އިސް ސަފުން އިސްތިއުފާ ދެއްވި ފަސްވަނަ ބޭފުޅާ އެވެ.

ސުޖާތާ އިސްތިއުފާ ދެއްވި އިރު، މި މުއާމަލާތުގެ ތަފްސީލުތައް ހިމަނައިގެން ޕެންޝަން އޮފީހުން ވަނީ ރޭގެ ވަގުތެއްގައި ރަސްމީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ވާގޮތުން، ސަރުކާރުގެ ބޮންޑަށް އިންވެސްޓުކުރަން ނިންމާފައިވަނީ ރިޓަޔާމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކައިގެން ލިބޭ ފައިސާއިންނެވެ. ނަމަވެސް އެ ބޮންޑުތައް ގަންނަނީ އެމްއެމްއޭއިން ކަމެއް އެ އޮފީހުން ސީދާ ހާމައެއް ނުކުރެ އެވެ.

މި އިންވެސްޓުމަންޓަކީ ދިވެހި ރުފިޔާގެ އިތުރުން އެމެރިކާ ޑޮލަރުން ވެސް ފައިދާ ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ އިންވެސްޓްމަންޓެކެވެ.

ޕެންޝަން އޮފީހުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، ފަންޑުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވެއް ގާއިމުކުރެވޭނެ އެވެ.

ޕެންޝަން އޮފީހުން މިފަދައިން ބުނި ނަމަވެސް، މި މުއާމަލާތާ ގުޅިގެން މީގެ ކުރިން އިސްތިއުފާ ދެއްވި ބޯޑުގެ ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒާއި މެންބަރު އަހުމަދު ސަރުވަޝް އާދަމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މިކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލުމާއި ބޭރު ފައިސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިގުތިސޯދީ ނުރައްކާތަކެއް ކުރިމަތިވެދާނެ އެވެ.