ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނުން ކުރިން ވެވަޑައިގެންނެވި ވައުދުތައް ކަފުންކޮށް، އާ ދޮގުތަކެއް އުފަން ކުރުވާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކުރީގެ ވައުދުތައް މަތިން ހަނދާން ނައްތައިލެއްވުމަށްފަހު އަނެއްކާ ވެސް އާ ކަންކަމުގެ ވާހަކަ ދެއްކުމުގެ މާނައަކީ ރައްޔިތުންނަކީ އެއްވެސް އަގެއް ނެތް ބަޔަކަށް ހެއްދެވުން ކަމަށެވެ.

ފާއިތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދު ވެވަޑައިގެންނެވި އެއްވެސް ކަމެއް ކުރެވިފައި ނެތް އިރު، އެ ވައުދުތައް ވަޅުލައި ކަފުންކޮށްފައި އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ބަޔާން ޝާހިދު ސިފަ ކުރެއްވީ އަވާމެންދުރެއް އަދި ނަނާ ހުވަފެނެއްގެ ގޮތަށެވެ. ޝާހިދު ވިދާޅުވީ "ރައީސް މުއިއްޒުގެ މި ހިނގާ ރިޔާސީ ދައުރުގައި މިއަދު އިއްވެވި ތިން ވަނަ ރިޔާސީ ބަޔާން ވެސް ފާހަގަވެގެން މިދިޔައީ، ފާއިތުވެދިޔަ ދެ ރިޔާސީ ބަޔާނެކޭ އެއްފަދަ، އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްގެ ގޮތުގައި" ކަމަށެވެ. އަދި މިއަދުގެ ބަޔާނަކީ ކުރިއަށް އޮތް އިންތިހާބަށް އަމާޒުކޮށް ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމުގެ ހަގީގީ ހާލަތު ރައީސް މުއިއްޒު ސިއްރު ކުރެއްވި ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ. ގައުމަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކަށް ކުރިމަގުގައި ހައްލެއް ފެނުމުގެ އުއްމީދު ކުޑަކަމަށް ވިދާޅުވެ، މިހާރުގެ އިގްތިސާދީ ހާލަތާމެދު ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"މިއަދުގެ ހަގީގަތަކީ ފަތު އަޑުކިޔާފައި ތަކެތީގެ އަގު އުފުލެމުން ދިއުން. ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އުފުލި، ވިޔަފާރިތައް އިނދަޖެހި، އިގްތިސާދު ފާލުން ނެއްޓި، މުޅި ގައުމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމަށް އެއްވެސް ހަލެއް ފެންނަންނެތުން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކަ ނިންމާލަމުން ވިދާޅުވީ ގައުމުގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި، ރައްޔިތުންނަށް މިހާރު ފެންނަމުންދަނީ އެއްވެސް ހައްލެއް ނެތް މަންޒަރެއް ކަމަށެވެ.