ލައިބްރަރީ ފޮތެއް 36 އަހަރު ފަހުން ލައިބްރަރީއަކަށް އަބުރާ ރައްދު ކޮށްފި އެވެ. އެމެރިކާގެ ވާޖީނިއާ ސިޓީގެ "ޗެންޓިލީ ރީޖަނަލް ލައިބްރަރީ"ގެ މިފޮތް، ގްރީސްއަށް އުފަން ޑިމިޓްރިސް އިކޮނޮމޫއަށް ދޫކޮށްފައި ވަނީ އޭނާގެ އުމުރުން އެންމެ 5 އަހަރު އެވެ. އޭރު އޭނާ ދިރިއުޅެމުން ދިޔައީ އެމެރިކާގެ ވާޖީނިއާގަ އޭނާގެ މައިންބަފައިންނާ އެކު އެވެ.
މިހާރު ގްރީސްގަ ދިރިއުޅޭ 41 އަހަރުގެ އިކޮނޮމޫއަށް އޭނާގެ ލައިބްރަރީ ފޮތް ރައްދު ނުކުރާކަން އެނގިފައި ވަނީ، އޭނާގެ މައިންބަފައިންގެ ގެއިން އެފޮތް ފެނުމުންނެވެ. އިކޮނޮމޫ އަށް އެ ފޮތް ފެނުނީ، އޭނާގެ މައިންބަފައިންގެ ދިރިއުޅޭ ގެއަށް އޭނާގެ 7 އަހަރުގެ ދަރިފުޅު ގޮވައިގެން ގޮސް ކިޔައިދޭނެ ވާހަކައެއް ހޯދަމުން ދަނިކޮށެވެ.
"ހެރީ ދަ ޑާޓީ ޑޯގް" ނަމަކަށް ކިއުނު މިފޮތް ފެނި އެތެރެ ރަނގަށް ބަލައިރު އެއީ މީގެ 36 އަހަރު ކުރިން އޭނާ ވާޖީނިއާ ސިޓީގެ ޗެންޓިލީ ރީޖަނަލް ލައިބްރަރީ އިން އޭނާއަށް ދޫކޮށްފައިވާ ފޮތެއްކަން އެނގުނެވެ. އެފޮތް އަނބުރާ ރައްދުކުރަން ޖެހޭ ތާރީޚެއް ކަމަށް ވަނީ ނޮވެމްބަރު 6، 1989 އެވެ.
އިކޮނޮމޫގެ އާއިލާ ގްރީސްއަށް ނިސްބަތްވި ނަމަވެސް އޭނާ ކުޑައިރު އޭނާގެ މައިންބަފައިންގެ ވަޒީފާގެ ގޮތުން އެކި ގައުމުތަކުގައި މަސައްކަތް ކުރަން ޖެހުނެވެ. އެފޮތް ނެގިއިރު އެ މީހުން ދިރިއުޅެމުން ދިޔައީ އެމެރިކާގެ ވާޖީނިއާގަ އެވެ. އެ ގައުމުގައި 7 އަހަރު އުޅުމަށްފަހު ގްރީސްއަށް ދިއުމުގެ ކުރިން ގިނަ ގައުމުތަކެއްގަ މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި ސީރިއާ، ޖަޕާން އަދި ނެދަލޭންޑްސް ހިމެނެ އެވެ. މިއިން ކޮންމެ ގައުމަކަށް އެ މީހުން ދިޔައީ އެ ފޮތް ހިފައިގެނެވެ.
1956 ގައި ލިޔުނު "ހެރީ ދަ ޑާޓީ ޑޯގް" ވާހަކައަކީ ގައިން ތާހިރު ނުވާ ކުއްތާއެއް، ފެންވަރަން ޖެހުމުގެ ކުރިން ހިނގައި ދިޔަ ހާދިސާތަކަށް ބިނާކޮށް ލިޔެފައިވާ އިބުރަތްތެރި ވާހަކަ އެކެވެ.
އިކޮނޮމޫ އަށް ފެނުނު ގޮތުގައި އެތަށް އަހަރުތަކެއް ފާއިތުވެފައި ވިނަމަވެސް ލައިބްރަރީ އިން ނެގި ފޮތެއް އަނބުރާ ރައްދު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެއީ އޭނާގެ ޒިންމާ އެކެވެ.
ވީމާ ވާޖީނިއާ ސިޓީގަ ހުންނަ ޗަންޓިލީ ރީޖަނަލް ލައިބްރަރީ އަށް ޒިޔާރަތްކޮށް އެ ފޮތް އޭނާ އަނބުރާ ރައްދު ކުރި އެވެ. އަދި އޭނާ ގަސްދު ކޮށްގެން ހުރީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ އަދަދެއް ހުރި ނަމަ އެފައިސާ ވެސް ދައްކާށެވެ. އެހެން ނަމަވެސް އޭނާ ހީކުރިގޮތާ ޚިލާފަށް، ފޮތް ރައްދު ކުރުމުން އޭނާއަށް އެނގިގެން ދިޔައީ، އޭގެ އަހަރުތަކެއް ކުރިން އެގޮތަށް ލަހުން އަނބުރާ ރައްދުކުރާ އެއްވެސް ފޮތަކަށް ޖޫރިމަނާ ފައިސާއެއް ނަގަން ނުޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފައިވާ ކަމެވެ.
އިކޮނޮމޫ އެފޮތް ރައްދު ކުރުމުން އެ ލައިބްރަރީގެ ބްރާންޗް މެނޭޖަރު ވަނީ އޭނާއަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާ ބުނިގޮތުގައި ބައެއް މީހުން އެ މީހުންނަށް ލައިބްރަރީ އިން ދޫކުރާ ފޮތާ ދޭތެރޭ ޚާއްސަ ކަމެއް ބަހައްޓަ އެވެ. އަދި ލައިބްރަރީ ފޮތް އަނބުރާ ރައްދު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެ އެވެ.
މީގެ ކުރިން 1943 ގައި އެމެރިކާގެ ސެން އެންޓޯނިއޯ ޕަބްލިކް ލައިބްރަރީގައި ވެސް މިފަދަ ހާދީސާއެއް ހިނގާފައިވެ އެވެ. އެ ފަހަރު އެތަނުން ދަރިވަރަކަށް ދޫކުރި "ޔޯޗައިލްޑް، ހިސް ފެމެލީ، އެންޑް ފްރެންޑްސް" ކިޔާ ފޮތް އަނބުރާ ރައްދު ކުރި ކަމަށް ވަނީ 82 އަހަރު ފަހުންނެވެ.