މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފާ ކުރުމަށާއި އޭޓީއެމް މެދުވެރިކޮށް ނެގުމަށް "ރައިޑް ހެއިލިން" އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުން ހާމަކުރި ގޮތުގައި ސްކޭމް ހިންގާ ފަރާތްތަކުން ފަހަކަށް އައިސް އަންނަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ އޭޓީއެމުން ނަގުދު ފައިސާގެ ގޮތުގައި ނަގައި އެހެން މީހަކާ ހަވާލުކޮށްދިނުމުން ބޮޑު ޓިޕްސްއެއް ނުވަތަ އިތުރު ފައިސާ ދޭނެ ކަމަށް ބުނެ ހުށަހަޅަމުންނެވެ. މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ހީވި ނަމަވެސް، މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ނޭނގި ނަމަވެސް މާލީ ބޮޑު ކުށެއްގެ ތެރެއަށް ވަދެވިދާނެ ނުރައްކަލެއް ކަމަށް ފުލުހުން ބުންޏެވެ.
މި އުކުޅު ބޭނުންކޮށްގެން ސްކޭމް ހިންގުމުގައި އެންމެ ފުރަތަމަ އެޕްލިކޭޝަން މެދުވެރިކޮށް އާދައިގެ ދަތުރަކަށް ނުވަތަ ޑެލިވަރީއަކަށް ރިކުއެސްޓް ފޮނުވަ އެވެ. އަދި ޑްރައިވަރު އެ ރިކުއެސްޓް ގަބޫލުކުރުމުން، އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްތަކުން ބޭރުން ސީދާ ޑްރައިވަރަށް ގުޅައިގެން ތަފާތު ބަހަނާތައް ދައްކައެވެ. އެއަށްފަހު، ޑްރައިވަރުގެ އަމިއްލަ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށް ފަހު، އެ ފައިސާ އޭޓީއެމުން ނަގައި ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކުރުމަށް އެދެ އެވެ. މިކަމަށް އެއްބަސްކުރުވުމުގެ ގޮތުން ދަތުރުގެ އަސްލު އަގަށް ވުރެ ބޮޑު ޓިޕްސްއެއް ދިނުމަށް ވެސް ހުށަހަޅާ ކަމަށް ފުލުހުން ފާހަގަކުރި އެވެ.
ފުލުހުން ބުނީ އެގޮތަށް ޓްރާންސްފާ ކުރާ ފައިސާއަކީ އެހެން މީހުންނަށް އޮޅުވާލައިގެން ވަގަށް ނަގާފައިވާ ފައިސާ ކަމަށެވެ. އެހެންކަމުން، އެ ފައިސާ ނަގައި އެހެން ފަރާތަކާ ހަވާލުކުރުމަކީ، ނޭނގި ނަމަވެސް ސްކޭމް ކޮށްގެން ހޯދާފައިވާ ފައިސާ ދައުރުކުރުމަށާއި އެ ފައިސާ ދައުރުވި މަގު އޮޅުވާލައި ފޮރުވުމަށް އެހީތެރިވެދެވޭ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
ކުރިމަތިވެދާނެ ނުރައްކާތައް
އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށެއް ކޮށްގެން ހޯދި ފައިސާއެއްކަން ނޭނގުނު ކަމުގައި ވިޔަސް، އެފަދަ މުއާމަލާތްތަކުގެ ސަބަބުން ސީރިއަސް މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ފުލުހުން އިންޒާރު ދެއެވެ. އޭގެ ތެރޭގައި:
އަމިއްލަ ބޭންކް އެކައުންޓްތައް ފްރީޒްކުރުން ނުވަތަ ބޭނުންކުރުން ހުއްޓުވުންހަލާލު ގޮތުގައި ހޯދާ އާމްދަނީއަށާއި ދުވަހުން ދުވަހުގެ މާލީ މުއާމަލާތްތަކަށް ހުރަސްއެޅުންމާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުމާއި، މާލީ ގޮތުން އެ ފައިސާއަށް ޒިންމާވާން ޖެހުންޖިނާއީ ތަހުގީގުތަކަށް ހާޒިރުކޮށް، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ގާނޫނީ ފިޔަވަޅު އެޅުން
ނަގުދު ފައިސާއާ ހަވާލުވުމަށް ފަހު ސްކޭމަރުން ފިލައިގެން ދާއިރު، އެ ފައިސާއާ ގުޅިގެން ބޭންކުތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޖަވާބުދާރީވާން ޖެހޭނީ އެކައުންޓުގެ ވެރިފަރާތުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި އެހެން މީހުންނަށް އަމިއްލަ އެކައުންޓް ބޭނުންކުރަން ނުދިނުމަށާއި، ބޭންކިން މައުލޫމާތާއި އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރާއި ޑެލިވަރީ ފަދަ ޚިދުމަތްތަކުގައި ހަމައެކަނި ޚިދުމަތުގެ ސައްހަ އަގު ބަލައިގަތުމަށާއި، އެކައުންޓަށް ޝައްކުކުރެވޭ ފައިސާއެއް ޖަމާވެއްޖެ ނަމަ އެ ފައިސާ ބޭނުންނުކޮށް، ވަގުތުން ބޭންކަށާއި ފުލުހުންނަށް އަންގައި ހެކި ރައްކާތެރިކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
އަމިއްލަ އެކައުންޓަކީ ފަރުދީ ޒިންމާއަކަށް ވާތީ، އެހެން ބަޔަކު ކުރާ ކުށެއްގެ ސަބަބުން ގާނޫނީ އަދި މާލީ ގެއްލުމަކާ ކުރިމަތިނުވާނެހެން ސަމާލުވެ، ޝައްކުކުރެވޭ ކަންކަން ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް ވަނީ ހަނދާންކޮށްދީފަ އެވެ.
ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ދަށްވެއްޖެ
ހަކުރު ބައްޔަށް ފަރުވާ ކުރިޔަސް މޭވާ ކެއުން ހުއްޓާލާކަށް ނުޖެހޭ!
މީހުން ހަނދާން ހުންނަނީ އަހަރެން ކުޅުނު އެންމެ ފިލްމެއް: ކަރީނާ
