ދިއްލީ (27 އޭޕްރީލް) - އިންޑިއާގައި ކޮވިޑް- 19ގެ ހާލަތު ގޯސްވަމުން ދިއުމާއެކު އެކި ގައުމުތަކުން އެ ގައުމަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ

ބައިނަލްއަގުވާމީ މުޖުތަމައުގެ ފަރާތުން ބޮޑެތި އެހީތަކެއް

އިނގިރޭސި ވިލާތުން ފޮނުވި 100 ވެންޓިލޭޓަރާއި 95 އޮކްސިޖަން ކޮންސަންޓްރޭޓާސްގެ ޝިޕްމަންޓް ދިއްލީއަށް ލިބިފައިވާއިރު އެއް އަހަރު ދުވަހަށް 250 ބަލި މީހުންނަށް ފުދޭވަރަށް އޮކްސިޖަން ސިލިންޑަރު ފޮނުވާނެ ކަމަށް އިންޑިއާގައި ހުންނަ ފްރާންސްގެ އެމްބަސީ އިން ވަނީ ބުނެފަ އެވެ.

ހިމާލިޔާ ބޯޑަރުގެ މައްސަލާގައި އިންޑިއާ އާއެކު މައްސަލަ ހޫނުވެފައިވާ ޗައިނާއިން ވެސް ބުނީ އަވަށްޓެރި އިންޑިއާއަށް ސިއްހީ އާލާތްތައް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަވަށްޓެރި ޕާނިސްތާނުން ވެސް ވަނީ ނުތަނަވަސްކަން އެއްފަރާތްކޮށް އިންޑިއާއަށް އެހީގެ އަތެއް ހުށައަޅާފަ އެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނީ 4،000 އޮކްސިޖަން ކޮންސަންޓްރޭޓާސް އިންޑިއާ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސިއްހީ ވަސީލަތްތައް ހުސްވެދާނެ ކަމުގެ ބިރު ބޮޑު

ދިއްލީގެ ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވާން ކައިރިވެފައިވާއިރު، އިރުމަތީގެ ސަރަހައްދަކުން 70 ޓަނުގެ އޮކްސިޖަން ބަރުކޮށްގެން ރޭލެއް ދިއްލީއަށް ވަނީ އައިސްފަ އެވެ.

އިންޑިއަން ސްޕައިނަލް އިންޖަރީސް ސެންޓަރުގެ އެޑްމިނިސްޓްރޭޓަރެއް ކަމަށްވާ ކޭ ޕްރީތަމް ވިދާޅުވީ އޮކްސިޖަން މަދުވުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަމުގެ ސަބަބުން ކޮންމެ ސިލިންޑަރަކުން ދެ ބަލިމީހަކަށް އޮކްސިޖަން ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ.

މިހާ ހަލުވި މިނެއްގައި ބަލި ފެތުރޭ ނަމަ ޑޮކްޓަރުންނާއި ނަރުހުން މަދުވެ، އިންސާނީ ވަސީލަތްތަށް މަދުވެދާނެކަމުގެ އިންޒާރު މާހިރުން އަންނަނީ ދެމުންނެވެ.

ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އިންޑިއާގައި 323،144 ކޮވިޑް ކޭސް ފެނިފައިވާއިރު، މިއީ އޭގެ ކުރީ ދުވަހަށް ވުރެ ދަށް އަދަދެކެވެ. ނަމަވެސް މި ދަށްވުމަކީ ހާލަތު ރަނގަޅު ވަމުންދާ ކަމުގެ ނިޝާނެއް ނޫން ކަމަށާއި ކޭސްތައް ދަށްވެފައިވަނީ ބައްޔަށް ޓެސްޓުކުރުން މަދުވުމުން ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

އެހާ ހަލުވި ކަމާއެކު ބަލި ފެތުރުނީ ކީއްވެ؟

އިންޑިއާގެ ހާލަތު މިހާ ގޯސްވުމަށް މެދުވެރިވީ އިޖުތިމާއީ ގައިދުރުކަމެއް ނެތި ބޮޑެތި އެއްވުންތަކެއް ބޭއްވުމުގެ ސަބަބުން ކަމަށް އިދިކޮޅުން ބުނަމުން ދާއިރު ހިންދޫ ދީނުގެ މީހުން ފާހަރަކުރާ ކުމްބް މޭލާގެ ނިމުން ފާހަގަ ކުރުމަށްޓަކައި 20،000 އަށްވުރެ ގިނަ މީހުން ވަނީ ގައިދުރުކަމެއް ނެތި ހަރިދްވާރުގެ ގަންގާ ކޯރުން ފެން ވަރާފަ އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެގައުމުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖެހުމަށް ގޮވާލާފައިވާއިރު ސަރުކާރުން ވަނީ ސިއްހީ ދާއިރާއަށް އެހީވުމަށް ސިފައިންގެ ފައުޖެން އެކުލަވާލާފަ އެވެ.

ދުނިޔޭގެ އިގްތިސާދު ނުރައްކަލަށް ހުށައެޅިފައި

ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު އިރްތިސާދު ކަމަށްވާ އިންޑިއާގައި ކޮވިޑް-19 އިތުރަށް ފެތުރޭނަމަ އިގުތިސާދު އަނދަވަޅަކަށް ވެއްޓި އޭގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ކޮށްފާނެ ކަމުގެ ކަންބޮޑުވުން އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން ވަނީ ފާޅުކޮށްފަ އެވެ.

ވެކްސިން މަދުވެ ބޭރުގެ އެހީއަށް ޖެހިފައި

އިންޑިއާގައި ވެކްސިން އަށް އޮތް ޑިމާންޑް އިތުރުވެ އެކަށީގެންވާ ވަރަށް ވެކްސިން ނެތުމުގެ ސަބަބުން އިންޑިއާއިން ވަނީ ވެކްސިން ހޯދުމަށްޓަކައި ބައިނަލްއަގްވާމީ އެހީއަށް އެދިފަ އެވެ.

އެގޮތުން އެމެރިކާއިން ވަނީ އެ ގައުމުން އެހެން ގައުމުތަކަށް ހަދިޔާ ކުރަން ނިންމާފައިވާ އެސްޓްރާޒެނެކާގެ 60 މިލިއަން ޑޯޒް ބެހުމުގައި އިންޑިއާ އަށް އިސްކަން ދޭނެ ކަމަށް ބުނެފަ އެވެ.