ދިއްލީ (26 އޭޕްރިލް) - އިންޑިއާގައި ކޮވިޑް-19ގެ ހާލަތު މިހާރު އޮތް ވަރަށް ވުރެވެސް ގޯސްވުން އެކަށީގެންވާ ކަމަށް އެމެރިކާގައި ހެދި ދިރާސާ އަކުން ދައްކައިފި އެވެ.

އެގޮތުން އަންނަ މެއި މަހުގެ މެދުތެރެއާ ހަމައަށް އިންޑިއާ އިން ކޮވިޑް ބަލީގައި އިތުރު 200،000 އެއްހާ މީހުން މަރުވާނެ ކަމަށް މި ދިރާސާގައި ލަފާކޮށްފައިވެ އެވެ.

ހާލަތު އެންމެ ގޯސްވާނެ ކަމަށް އަންދާޒާ ކޮށްފައިވާ ދުވަސް ކަމަށްވާ މެއި މަހުގެ 16 ވަނަ ދުވަހު އެ ގައުމުގައި ކޮވިޑްގެ ސަބަބުން 13،000 މީހުން މަރުވެދާނެ ކަމަށް ބުނެފައިވާ އިރު، އެއީ މިހާރު އެ ގައުމުގައި ރެކޯޑު ކުރެވޭ މަރުގެ އަދަދުތަކަށްވުގެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

އިންޑިއާގައި ޖެހިޖެހިގެން ފަސް ދުވަހު ދުވާލެއްގެ މައްޗަށް ކޭސްތައް ފެންނަ އަދަދު ދުނިޔޭގެ ރެކޯޑް އަދަދަކަށް އިތުރުވެފައިވާއިރު ރެކޯޑު ނުކުރެވޭ ކޭސްތައް ހިމަނައިގެން އަދަދުތައް މިއަށްވުރެ ވެސް މަތިވާނެ ކަމަށް މާހިރުން ދަނީ ބުނަމުންނެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ވޮޝިންގްޓަން އިން ހިންގާ އިންސްޓިޓިއުޓް ފޯ ހެލްތު އެންޑް މެޓްރިކްސްއިން ހަދާފައިވާ މި ދިރާސާއިން ދައްކާގޮތުގައި އިންޑިއާގެ އާބާދީގެ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކަކީ ކޮވިޑް ޖެހިފައިވާ މީހެކެވެ. އަދި ކޮވިޑް ވެފައި ވަނީ އެ ގައުމުގައި ފަސްވަނައަށް އެންމެ ގިނަ މީހުން މަރުވި ސަބަބަށެވެ.

އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ކްރިސްޓޮފާ މުރޭ ހުކުރު ދުވަހު ވިދާޅުވީ އިންޑިއާގައި ރެކޯޑު ކުރެވެމުން އަންނަ އަދަދުތަކަކީ އެ ގައުމުގައި ކޮވިޑް ޖެހިފައިވާ މީހުންގެ ފަސް އިންސައްތައަށް ވުރެ ވެސް ދަށް އަދަދުތަކެއް ކަމަށާއި އަސްލު އަދަދުތައް ހޯދަން މިހާރު ރެކޯޑު ކުރެވޭ އަދަދުތައް 20 ގުނަ އިތުރު ކުރަން ޖެހޭނެ ކަމަށެވެ.

މިއަހަރުގެ އޮގަސްޓު މަހާ ހަމައަށް އިންޑިއާގައި ޖުމްލަ 960،000 މަރު ރެކޯޑް ކުރެވޭނެ ކަމަށް ރިޕޯޓުގައި އަންދާޒާ ކޮށްފައިވާއިރު އާބާދީގެ 95 އިންސައްތަ މީހުން މާސްކު އެޅުމާއި އިޖުތިމާއީ ގައިދުރުކަން ބަހައްޓާނަމަ މޭގެ ތެރެއިން 80،000 މީހުންގެ ފުރާނަ ސަލާމަތް ވެދާނެ ކަމަށް ވެސް އެ ރިޕޯޓުގައި އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ އެ ގައުމުގެ ސިއްހީ ދާއިރާއަށް ނުކަތާވަރަށް ބަލިމީހުން ގިނަވުމުގެ ސަބަބުން އިންސާނީ އަދި ސިއްހީ އިތުރު ވަސީލަތްތަކަށް އެގައުމުން ވަނީ ބޭނުން ޖެހިފަ އެވެ. ގިނަ ހޮސްޕިޓަލުތަކަކުން އޮކްސިޖަން ހުސްވެފައިވާ ކަމުގެ ރިޕޯޓުތައް އައިސްފައި ވާއިރު ބައިނަލްއަގުވާމީ މުޖުތަމައުގެ ގިނަ ގައުމުތަކުން ވަނީ އެ ގައުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އިސް ނަގާފަ އެވެ. މީގެ ތެރޭގައި އެމެރިކާ، އިނގިރޭސި ވިލާތް، ސައޫދީ އަރަބިއާ އަދި އަވަށްޓެރި ޕާކިސްތާން ހިމެނެ އެވެ.-- ސްޓްރެއިޓް ޓައިމްސް