މޯލްޑިވް ގޭހުން ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސަށް ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ފަށައިފި އެވެ.
މޯލްޑިވް ގޭހުގެ މި ހިޔާނާތުގެ މައްސަލަ ބަލައިދިނުމަށް އެދި ކޮމިޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރެވެ.
މެމްބަރު ޝާކިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މޯލްޑިވް ގޭހުގެ ގޭސް ޝިޕްމަންޓުގެ އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނު މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށާއި އެ ފައިސާ އަދިވެސް ނުފެންނާތީ، އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދު ބޭއްވި އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި، އެ މައްސަލައާ ގުޅޭގޮތުން އެސްޓީއޯގެ ފަރާތުން ލިޔުމުން މައުލޫމާތު ހޯދުމަށް ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ. މިގޮތަށް ކޮމެޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
އަހުމަދު ނާޒިމް ފާހަގަކުރެއްވި ގޮތުގައި، އެސްޓީއޯއިން މި މައުލޫމާތުތައް ހޯދަން ޖެހެނީ މޯލްޑިވް ގޭހުގެ މައި ކުންފުންޏަކީ އެއީ ކަމަށްވާތީ އެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. އެހެން ނަމަވެސް، މި މައްސަލާގައި އެސްޓީއޯގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމާ މެދު މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރި ނަމަވެސް، އެގޮތަށް ފާހެއް ނުވި އެވެ.
ދުބާއީގެ ޖަކްޝާ އެނާޖީ މެދުވެރިކޮށް ގޭސް ހޯދުމަށްޓަކައި، ޝިޕްމަންޓުގެ އަގުގެ 30 އިންސައްތަ ނުވަތަ 3.7 މިލިއަން ރުފިޔާ މޯލްޑިވް ގޭހުން ދައްކާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި އެވެ.
އެ ފައިސާ އަނބުރާ ނުލިބުމާ ގުޅިގެން އެ ކުންފުންޏާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވް ގޭހުން އޭރު ހާމަކުރިއެވެ.
އެހެން ނަމަވެސް، ސަޕްލަޔަރާ މަޝްވަރާކޮށްގެން ވެސް އެ ފައިސާ އަނބުރާ ލިބިފައިނުވާ ކަމަށް ބުނާއިރު، މިހާތަނަށް އެ މައްސަލައިގައި އަމަލީ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން ސާފުވެފައެއް ނުވެ އެވެ.
ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ޖަރުމަނުގެ އޮފިޝަލަކު ގޮވާލައިފި
2022ގެ ވޯލްޑް ކަޕްގައި ދެއްކި ޖުވާގެ އިސްތިހާރުތަކުގެ ނުފޫޒު ބޮޑު
މައުލޫމާތު ނުދީގެން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފި