އެމެރިކާ އިން މާސްއަށް އިންސާނުން ފޮނުވުމަށް ފަށާފައިވާ މަޝްރޫއު ހަލުއިކޮށް ކުރިޔަށް ދާއިރު މިރޭހުގައި އެމެރިކާގެ ފަހަތުން ޗައިނާ ވެސް ދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. 2050 ވަނަ އަހަރު މާސްއަށް އިންސާނުން ފޮނުވުމަށް ރާވާފައިވާ ޕްލޭން އެމެރިކާގެ ނާސާއިން ވަރަށް ބާރަށް ކުރިޔަށް ގެންދާ އިރު ޗައިނާ ވެސް މިރޭހުގައި ފައި ހަމަކޮށްފައި ވުމުން ފުރަތަމަ މާސްއަށް ދެވޭނީ ކޮންބަޔަކަށް ކަން އެނގޭނީ އަދި ފަހުންނެވެ.
އެމެރިކާއިން މިވަގުތު މާސްގައި ބޮޑު މިޝަނެއް ކުރިޔަށް އެބަ ގެންދެ އެވެ. އެކަމަށްޓަކައި މާސް އަށް ފޮނުވި ހަތަރު ފުރޮޅުލީ އުޅަނދާއެކު ގެނދިޔަ ކުޑަ ހެލޮކޮޕްޓަރެއް މާސްގައި މިހާރު ވަނީ އުދުއްސައިފަ އެވެ. މިއީ ބިމުގައި ތިބެގެން އެހެން ޕްލަނެޓެއްގައި އުޅަނދެއް އުދުއްސާލެވުނު ފުރަތަމަ ފަހަރެވެ.
މި ކާމިޔާބަށް ފަހު ނާސާގެ ސައިންސްވެރިން މިދިޔަ ހަފުތާގައި ވަނީ އިތުރު ކުރިއެރުމެއް ހޯދައިފަ އެވެ. ނާސާގައި އޮތް އެމެރިކާގެ އުޅަނދު ޕާސިއަވެންސްއާއެކު ގެންދިޔަ ޓޯސްޓަރެއްވަރުގެ ކުޑަ މެޝިނެއް ބޭނުންކޮށްގެން މާސްގެ ޖައްވުން އޮކްސިޖަން އުފެއްދުމުގެ ކާމިޔާބު މަސައްކަތް ވަނީ ކޮށްފަ އެވެ. ދެ ބިލިއަން ޑޮލަރުގެ މި ރޮބޮޓުން މާސްގެ ޖައްވުގައި ހުންނަ ތުނި ކާބަންޑައި އޮކްސައިޑް ނޭވާލެވޭ ފަދަ އޮކްސިޖަނަށް ބަދަލުކޮށް އޭގައި ހުންނަ ކުޑަ ކޮންޓެއިނާއެއްގައި ރައްކާކުރުމުގެ ކާމިޔާބު މަސައްކަތް ވަނީ ފުރިހަމަ ކޮށްފަ އެވެ.
ފާހަގަ ކޮށްލެވޭ ފަދަ މިޚާއްސަ އޮޕަރޭޝަނުގައި އެ މެޝިނުން ވަނީ ފަސް ގްރާމްގެ އޮކްސިޖަން އުފައްދައި، ރައްކާ ކޮށްފަ އެވެ. ނާސާއިން ބުނާގޮތުގައި އެއީ އެސްޓްރޮނޯޓަކަށް 10 މިނިޓް ނޭވާ ލެވޭހާ އޮކްސިޖަނެވެ. މި ތަޖުރިބާއަކީ އެހެންޕްލަނެޓެއްގެ މާހަލުން ގުދުރަތީ ވަސީލަތްތައް އިންސާނުނަށް ބޭނުން ކުރެވޭނެ އެއްޗެއްގެ ގޮތުގައި ބަދަލު ކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
މާސްގައި އޮކަސިޖަން އުފެއްދުމުގެ ހަގީގީ ބޭނުން ގުޅިފައިވަނީ އެސްޓްރޮނޯޓުން ނޭވާލުމަށް ބޭނުންކުރުމަށް ވުރެ ބޮޑަށް މާސްގެ ބިމުން ދުނިޔެއަށް ރޮކެޓް އުދުއްސާލުމަށް ބޭނުން ކުރުމަށެވެ. ނާސާއިން އުންމީދުކުރާ ގޮތުގައި މާސްގައި އުފައްދާ އޮކްސިޖަން ބޭނުންކޮށްގެން މާސް އިން ރޮކެޓު ބިމަށް އުދުއްސާލެވިދާނެ އެވެ.
މާސް އަށް އިންސާނުންކުރަން ވިސްނާ ދަތުރު ކާމިޔާބުވުމަށް މިއީ ކުރިޔަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މާސް އާ ބިމާ ދެމެދު ކުރެވޭ ދަތުރަކަށް 25 މެޓްރިކް ޓަނުގެ އޮކްސިޖަން ބޭނުންވާ އިރު ދުނިޔެއިން އެހާ ގިނަ އޮސިޖަން ސަޕްލައި ކުރުމަކީ ފަސޭހަކަމަކަށް ނުވެ އެވެ. އެހެންކަމުން އޮކްސިޖަން އުފައްދާ މެޝިން މާސްގައި މި ކުރި މަސައްކަތަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެކެވެ.
މާސްގައި އެމެރިކާއިން ތަހުލީލުތައް ކުރަމުންދާއިރު ޗައިނާއިން މިހާރު ތައްޔާރުވަމުން ދަނީ މޭ މަހުގެ މެދުތެރޭގައި މާސްއަށް އުޅަނދެއް ޖެއްސުމަށެވެ. މި އުޅަނދަށް ޗައިނާއިން ދީފައިވާ ނަމަކީ " ޒޫރޮނގް" އެވެ. މިނަމަކީ ޗައިނާގެ އާންމުންގެ ވޯޓުން އެންމެ ކުރި ލިބުނު ނަމެވެ. މިނަން ނަގާފައި ވަނީ ޗައިނާ ބަހުން މާސްއަށް ކިޔާ ނަމުންނެވެ. 2020 ގައި ޗައިނާއިން ފެށި މިޕްރޮޖެކްޓުގައި ޓިއަންވެން-1 ސްޕޭސް އުޅަނދު މިދިޔަ ފެބްރުއަރީ މަހު ވަނީ މާސްގެ އޯބިޓަށް ވަދެފަ އެވެ. އެ އުޅަނދުން މިހާރު ކުރަމުން ގެންދާ މަސައްކަތަކީ ޒޫރޮނގް ޖެއްސުމަށްޓަކައި އެކަށިގެންވާ ދިމާއެއް ފާހަގަ ކުރުމަށްޓަކައި ބޭނުންވާ ފޮޓޯތައް ނެގުމެވެ. ހަމަޖެހިފައިވާ ގޮތަށް ހުރިހާކަމެއް ދާނަމަ ޗައިނާގެ ތަހުލީލު ކުރާ އުޅަނދު އަންނަ މެއި މަހުގެ މެދުތެރޭގައި މާސްއަށް ތިރި ކުރާނެ އެވެ. މާސްގެ ބިންގަނޑު ތަހުލީލު ކުރަން ބޭނުންވާ ވަރަށް ގިނަ އާލާތްތަކެއް މި އުޅަނދުގައި ހަރުކޮށްފައިވެ އެވެ.
އެމެރިކާ އެކޭ އެއްފަދައިން ޗައިނާއިން ވެސް މިވަނީ ދުނިޔެ ދޫކޮށް ޕްލަނެޓް ތަކުގައި އންސާނުން އާބާދު ކުރުމުގެ ރޭހަށް ނުކުމެފަ އެވެ. ކޮންމެ ބަޔަކަށް ކާމިޔަބުވި ކަމުގައިވިޔަސް މިރޭހަކީ ޚަރަދު ބޮޑު ދިގު ރޭހެކެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް ދަނީ ކުރިއަށެވެ.