އޮމާން މެދުވެރިވެގެން ޖެނީވާގައި އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ސްވިޒަލޭންޑުން ހޮނިހިރު ދުވަހު ބުނެފި އެވެ.

އެމެރިކާއިން މި މަޝްވަރާތަކުގައި ބާރުއަޅަމުންދަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމުގެ އެއްބަސްވުމަކަށް ދިއުމަށެވެ.

ސްވިޒަލޭންޑުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު އޭއެފްޕީއަށް ވިދާޅުވީ، އެމެރިކާ އާއި އީރާނާ ދެމެދު ދެކެވޭ ވާހަކަތަކަށް މަގުފަހިކޮށްދިނުމަށްޓަކައި ސްވިޒަލޭންޑުން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.

މި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އޮމާންގައި އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާއާ ބައްދަލުކުރައްވާފަ އެވެ. މި މަޝްވަރާތަކަކީ ސީދާކޮށް ކުރިއަށްދިޔަ މަޝްވަރާތަކެއް ނޫން ކަމަށާއި، އޮމާނުން މިކަމުގައި އަދާކުރީ މެދުވެރިއެއްގެ ދައުރު ކަމަށް އޭރު ވަނީ ބުނެފަ އެވެ.

އިޒްރޭލުން އީރާނާއެކު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، މިދިޔަ ޖޫން މަހު އެމެރިކާގެ ސިފައިން އީރާނުގެ ބައެއް ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފައި ވާތީ، ޓްރަމްޕް މިހާރު އެންމެ ބޮޑަށް އަމާޒުކުރައްވަނީ އީރާނުގެ ނިއުކްލިއާ މަސައްކަތްތަކަށެވެ.

ފުރަތަމަ ބުރުގެ މަޝްވަރާތަކަށްފަހު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ސަރުކާރާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އޭގެ ނަތީޖާ ވަރަށް ހިތި ވާނެކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ބާރުގެ ބޭނުންކުރާނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުންދާއިރު، އީރާނުން ބުނެފައި ވަނީ އެފަދަ ހަމަލާއަކަށް ރައްދު ހަމަލާ ދޭނެ ކަމަށެވެ.

މީގެ އިތުރުން، އީރާނުގައި ދާދިފަހުން ކުރިއަށްދިޔަ މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ބޭނުންކުރި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެންވެސް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ. ގަލްފުގެ އަރަބި ޤައުމުތަކުން ދަނީ މިފަދަ ކޮންމެ ހަމަލާއެއްގެ ސަބަބުން މުޅި ސަރަހައްދު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެކަމުގެ އިންޒާރުދެމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް، ކެރީބިއަން ސަރަހައްދުން މެދުއިރުމައްޗަށް ފޮނުވާފައިވާ ކަމަށް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވި އެވެ. އަދި އީރާނުގެ ވެރިކަން ބަދަލުވުމަކީ "އެންމެ ރަނގަޅު ގޮތް" ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

1980 ވަނަ އަހަރު އީރާނުގެ އިންގިލާބަށްފަހު އެމެރިކާއާއި އީރާނާ ދެމެދު އޮތް ގުޅުން ކެނޑުމާ ގުޅިގެން، އީރާނުގައި ހުންނަ އެމެރިކާގެ މަސްލަހަތުތައް ބަލަހައްޓަމުން އަންނަނީ ވަކި ފަރާތަކަށް ނުޖެހޭ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވޭ ސްވިޒަލޭންޑުންނެވެ.

ދިހަވަރަކަށް އަހަރު ވަންދެން ސްވިޒަލޭންޑުން އަންނަނީ މި ދެ ޤައުމުގެ ދެމެދުގައިވާ ދޭދޭ ކަންކަމާއި ކޮންސިއުލާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ތެހެރާންގައި ހުންނަ ސްވިސް އެމްބަސީން އެމެރިކާގެ ރައްޔިތުންނަށް ބޭނުންވާ ޕާސްޕޯޓުގެ ހިދުމަތާއި އެހެނިހެން ޤާނޫނީ ރައްކާތެރިކަން ފޯރުކޮށްދެ އެވެ.

އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާނުލާނެ ކަމަށް ބުނުން

ޓްރަމްޕްގެ ސަރުކާރުން ބުނަމުންދަނީ އެއްވެސް އެއްބަސްވުމެއްގެ ދަށުން އީރާނަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ނަމަވެސް ތެހެރާނުން ބުނަނީ އެކަމަށް އެއްބަސްނުވާނެ ކަމަށެވެ.

އީރާނުގެ ނިއުކްލިއާ މަސައްކަތްތަކަކީ އަމާން ބޭނުންތަކަށް ކުރާ ކަމެއް ކަމަށް އެ ގައުމުން ބުނި ނަމަވެސް، އީރާނުގެ ބައެއް އިސްވެރިން ދަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދިމާލަށް މިސްރާބު ޖަހާފާނެ ކަމުގެ އިންޒާރު ދެމުންނެވެ. މިދިޔަ ޖޫން މަހުގެ ހަނގުރާމައިގެ ކުރިން އީރާނުން ވަނީ 60 އިންސައްތައާ ހަމައަށް ޔުރޭނިއަމް މުއްސަނދިކޮށްފަ އެވެ. މިއީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރާ ވަރަށް ގާތް މިންވަރެކެވެ.

ޓްރަމްޕް ބޭނުންވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމަށެވެ. ނަމަވެސް މި ހަފުތާގައި ވޮޝިންޓަނުގައި ޓްރަމްޕާއި ބައްދަލުކޮށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމާއި ހަމާސް އަދި ހިޒްބުالله ފަދަ ޖަމާއަތްތަކަށް އީރާނުން ދޭ އެހީތައް ހުއްޓުވުންވެސް އެއްބަސްވުމުގެ ތެރޭގައި ހިމެނުމަށް ބާރުއަޅާފަ އެވެ.