މިދިޔަ މަހު ދައިލަތުގެ ޓެކްސް އިދާރާ، މީރާ އިން 4.45 ބިލިއަން ރުފިޔާގެ އާމްދަނީ ބަލައިގެންފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 33.1 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، ޖަނަވަރީ 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 4.6 ޕަސެންޓް ދަށް އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، ޖަނަވަރީ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2026 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީއިން ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީއިން ލިބިފައިވާ އާމްދަނީ އިތުރުވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މިއީ، ޑިސެންބަރު 2024 އާ އަޅައިބަލާއިރު، ޑިސެންބަރު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %7.4އަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. އަދި މިއާއިއެކު، 2025ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކުހުގެ 2 ވަނަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި މުއްދަތުގައި އައުމުން، ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.

ޖަނަވަރީ 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 4.9 ޕަސެންޓް ދަށްވެފައިވާ މައިގަނޑު އެއް ސަބަބަކީ ވިޔަފާރި އާމްދަނީން ނަގާ ޓެކުހުގެ މިންވަރު ދަށްވުމެވެ. މީގެއިތުރުން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއިން ލިބިފައިވާ އާމްދަނީ އާއި ޑިޕާޗާ ޓެކުހުން ނަގާ އާމްދަނީ ދަށްވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވުމުމުގެ ސަބަބެކެވެ. ޖަނަވަރީ 2026 ގައި ލިބިފައިވާ އާމްދަނީގެ 7.6 ޕަސެންޓަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ.

އަދި އާމްދަނީގެ 25.9 ޕަސެންޓް ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެ އެވެ.

ޖަނަވަރީ 2026 ގައި، ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމްލަ 531.68 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 305.84 މިލިއަން ރުފިޔާ، އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 51.08 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 7.92 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 95.94 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 70.91 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ.

ޖެނަވަރީ 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ %40.4 ނުވަތަ 1.79 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ %34.7 ނުވަތަ 1.54 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 271.44 މިލިއަން ރުފިޔާ (%6.1)، ގްރީން ޓެކުހުގެ ގޮތުގައި 221.80 މިލިއަން ރުފިޔާ (%5.0)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 188.85 މިލިއަން ރުފިޔާ (%4.3)، އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 180.79 މިލިއަން ރުފިޔާ (%4.1) ލިބިފައިވެ އެވެ.

ޖަނަވަރީ 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 180.42 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.