ޝައުބާން މަސް ނިމުމަކަށް އަންނައިރު އިސްލާމީ ދުނިޔޭގެ ލޯ އުދަރެހަށް އަމާޒު ކުރުމުގެ ވަގުތު އަންނަނީ ކުޑަތަން ވަމުންނެވެ. ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ ރޭ ރޯދައަށް ހަނދު ބެލުމަށް އެތައް މިލިއަން ބަޔަކު ނިކުންނައިރު ހަނދު ފެނުމާއި ނުފެނުން ބިނާވެފައި އޮންނާނީ ތަފާތު އެތައް ކަމެއްގެ މައްޗަށެވެ.
އިރުއޮއްސުމުގެ ކުރިން ހަނދު ފެންމަތީގައި ހުރުމާއި މޫސުން ރީތިވުން ފަދަ ކަންތައްތަކަކީ ހަނދު ފެނުމާއި ނުފެނުން އެ ކަންތަކެއްގެ މައްޗަށް ބިނާވެގެންވާ ސަބަބުތަކެވެ. ހަނދު ބެލުމާއި ހަނދު ސާބިތު ކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ބަލާ މިންގަނޑުތަކާއި އަމަލު ކުރާ ގޮތް ތަފާތެވެ.
އިސްލާމީ އުންމަތުގެ ބޮޑު ބަޔަކަށް ރޯދަ މަސް ފެށުން ބިނާވެފައި އޮންނާނީ މީގެ ތެރެއިން ބައެއް ގައުމުތަކުން ހަނދު ބެލުމުގައި އަމަލު ކުރާ ގޮތެއްގެ މައްޗަށެވެ. މި ލިޔުމުގައި ބަލާލާނީ ހަނދު ސާބިތު ކުރުމުގައި އިސްލާމީ ދުނިޔޭގެ ނުފޫޒު ގަދަ ބައެއް ގައުމުތަކުން އަމަލުކުރާ ގޮތާއި އޭގެ އަސަރު ރާއްޖެއަށް ކުރާނެ ގޮތެއްގެ މައްޗަށެވެ. ހަމަ އެފަދައިން ރޯދަ މަހުގެ ހަނދު ރާއްޖެއަށް ފެނުމުގެ ފުރުސަތު އޮތް މިންވަރެއްގެ މައްޗަށް ވެސް އަލި އަޅުވާލެވޭނެ އެވެ.
ސައޫދީ އަރަބިއާ
ސައޫދީ އަރަބިޔާގައި އުސޫލެއްގެ ގޮތުން ރަސްމީ އިދާރާއިން ހަނދު ބެލުމުގެ ކަންތައް ކުރިއަށް ގެންދާނެ އެވެ. އެހެން ނަމަވެސް އާންމުންގެ ތެރެއިން މީހަކަށް ހަނދު ފެނުނު ކަމަށް ވިޔަސް ހެކި ބަހުން ސާބިތު ވާ ނަމަ އެ ގައުމުގެ ސަރުކާރުން އެކަން ގަބޫލުކޮށް ހަނދު ފެނުނު ކަމަށް ނިންމާނެ އެވެ. އެ ދުވަހަކީ އެ ގައުމަށް ހަނދު ފެންނާނެ ކަމަށް ފަލަކީ ހިސާބުން ފެންނަން އޮތް ދުވަހަކަށް ވިޔަސް، ނުވަތަ ނުވިޔަސް އެފަދަ ހެކި ބަސް ގަބޫލުކޮށް ސައޫދީ އިން ހަނދު ސާބިތުކޮށް ރޯދަ ހިފަން ފަށާނެ އެވެ.
ސައޫދީގެ މި ނިންމުމުގެ އަސަރު އާންމު ގޮތެއްގައި ގަލްފު ސަރަހައްދާއި އެފްރިކާގެ ބައެއް ގައުމުތަކާއި ސައުތު އީސްޓު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރާނެ އެވެ. ހަމަ އެފަދައިން ޔޫރަޕްގެ ބައެއް ގައުމުތަކުގެ ބައެއް ޖަމާއަތްތަކުން ވެސް ސައޫދީ އިން ރޯދަ ހިފަން ފަށާ ދުވަހަކު އެ ގައުމާ ތަބާވެ ރޯދަ މަސް ފަށާނެ އެވެ.
ފަލަކީ ހިސާބުތަކަށް ބަލާއިރު ސައޫދީއަށް އަންގާރަ ދުވަހުގެ އިރު އޮއްސި 1 މިނިޓާއި ދެ މިނިޓުގެ ތެރޭގައި ހަނދު އޮއްސޭނެ އެވެ. ފަލަކީ އިލްމުވެރިން ބުރަވާ ގޮތުގައި އެ މިންވަރަށް ހަނދު، ފެންމަތީގައި ހުރުމުގެ ނަތީޖާއެއްގެ ގޮތުން ސައޫދީ އަރަބިއާ އަށް ހަނދު ފެނުމަކީ ގާތްގަނޑަކަށް މުސްތަހީލު ކަމެކެވެ. ސައޫދީ ނޫނަސް ގަލްފު ސަރަހައްދުގެ އެހެން ހުރިހާ ހިސާބަކަށް ވެސް އެކަން އޮތީ އެގޮތަށެވެ.
ތުރުކީ
ތުރުކީއަކީ ހަނދު ސާބިތު ކުރުމަށް ފަލަކީ ހިސާބަށް ބުރަވާ ގައުމެކެވެ. އެ ގައުމުގެ ދީނީ ކަންތަކާ ބެހޭ އޮފީހުން ހަނދު ސާބިތު ކުރާނީ ފަލަކީ ހިސާބުގެ މައްޗަށް ބުރަވެ އެވެ. ތުރުކީ އަކީ މާކުރިން އިސްލާމީ ކަލަންޑަރު ހަދައި އެއާ އެއްގޮތަށް ރޯދަ ހިފާ ގައުމެކެވެ. ތުރުކީގެ ނިންމުގެ އަސަރު ޔޫރަޕްގެ ގިނަ ގައުމުތަކަކަށާއި ސެންޓްރަލް އޭޝިޔާގެ ގައުމުތަކަށް ކުރާނެ އެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި އަންގާރަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ތުރުކީ އަށް ހަނދު އޮއްސޭނެ އެވެ. އެހެންކަމުން ތުރުކީ އިން ރޯދަ ހިފަން ފަށާނީ އަންނަ 19 ވާ ބުރާސްފަތި ދުވަހު އެވެ.
އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް
ދެކުނު އޭޝިއާގެ މި ތިން ގައުމުން ހަނދު ސާބިތު ކުރުމުގައި ފަލަކީ ހިސާބުތަކާއި ހަމަ ލޮލުން ހަނދު ފެންނަ ފެނުމާއި ދެގޮތަށް ރިއާޔަތް ކުރާނެ އެވެ. ހަނދު ސާބިތުކުރާ ކޮމިޓީގައި ފަލަކީ އިލްމުވެރިންނާއި ދީނީ އިލްމު ވެރިން ތިބޭނެ އެވެ. އެހެން ކަމުން މި ކޮމިޓީތަކުން ނިންމާ ނިންމުން ވާނީ ދީނީ ގޮތުންނާއި ސައިންޓިފިކް ގޮތުން އާރުލާ ނިންމުންތަކަކަށެވެ.
ފަލަކީ އިލްމުވެރިން ބުރަވާ ގޮތުގައި މި ތިން ގައުމަށް ވެސް 17 ވަނަ ދުވަހުގެ ރޭ ހަނދެއް ނުފެންނާއެ އެވެ. އެހެންކަމުން އެ ގައުމުތަކުން ވެސް ރޯދަ މަސް ފަށާނެ ކަމަށް ބެލެވެނީ 19 ވާ ބުރާސްފަތި ދުވަހު އެވެ.
ދިވެހިރާއްޖެ
ރާއްޖެއިން ހަނދު ސާބިތު ކުރުމުގައި ފަލަކީ ހިސާބަށާއި ހަމަ ލޮލަށް ހަނދު ފެނުމާއި ދެގޮތަށް ރިއާޔަތް ކުރެ އެވެ. ރާޢްޖޭގައި ބަލާ މިންގަނޑުގެ ތެރެއިން ފުރަތަމަ ގޮތަކީ ފަލަކީ ގޮތުން ރާއްޖެއަށް ހަނދު ފެންނާނެ ކަމަށް ފެންނަ ދުވަހެއްގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެނުމެވެ. ފަލަކީ ގޮތުން ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް ސާބިތުވާ ނަމަ އެ ދުވަހެއްގެ ހަނދު ރާއްޖޭގެ ހިސާބަކަށް ފެނުނު ކަމަށް ބުންޏަސް އެކަން ގަބޫލެއް ނުކުރެވޭނެ އެވެ.
ދެވަނަ ގޮތަކީ އިސްލާމީ ގައުމުތަކުގެ ތެރެއިން އެ ދުވަހުގެ ހަނދު ފެނުމުގެ ފުރުސަތު ފަލަކީ ހިސާބުތަކުން އޮތް ގައުމަކަށް ހަނދު ފެނިއްޖެ ނަމަ އެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ފެބްރުއަރީ 17 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރާއްޖެއަށް ހަނދު އޮއްސޭނެ އެވެ. މިއީ އޭޝިއާގެ އެހެން ގައުމުތަކަށް ވެސް މިކަން އޮތް ގޮތެވެ. އެހެން ކަމުން ރާއްޖެއަށް ވެސް މި އަހަރުގެ ރޯދަ މަސް ފެށޭނެ ކަމަށް ބެލެވެނީ 19 ވާ ބުރާސްފަތި ދުވަހު އެވެ.
ކުޅިވަރު ތަރައްގީއަށް ބީއެމްއެލުން ކުރާ މަސައްކަތަށް އެވޯޑެއް
ރޯދައާ ދިމާކޮށް ފިހާރަތައް ތޮއްޖެހި، މަގުމަތި ކާރުބާރު ބޮޑުވެއްޖެ