ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް އިން މިއަދު ފަށާތީ ވެލާނާ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި އެވެ.

ވެލާނާ އެއާޕޯޓުން ނެރުނު ދެންނެވުމެއްގައި ބުނީ، އެ އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް އަށް ބަދަލުކުރުމާ ގުޅިގެން ޓްރެފިކް ފްލޯ އަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެއާޕޯޓުގެ ޓްރެފިކް ފްލޯ އަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ޑޮމެސްޓިކް ޓާމިނަލަށް އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް އާ ޓާމިނަލްގެ ޓެކްސީ ކިއުއަށް އަރަން ޖެހޭ ގޮތަށް ހެދުމެވެ.

މީގެ ކުރިން ޑޮމެސްޓިކް ޓާމިނަލުން ދަތުރުކުރާ ފަސިންޖަރުން ޓެކްސީ ހޯދަން ދާން ޖެހެނީ އެއާޕޯޓުގެ ބަނދަރަށް ވާ ފަޅީގައި އޮންނަ ކިއު އަށެވެ.

ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތައް

  • ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން ދާ އުޅަނދުތައް މަޑުކުރާނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ކުރިމައްޗަށް.
  • ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ކުރިން ބޭނުންކުރަމުން އައި ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާ ކަމެއް.
  • ޑޮމެސްޓިކް ޓާމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާ އާ ޓާމިނަލްގެ ޓެކްސީ ކިއު.

މި ބަދަލާ އެކު، އެއާޕޯޓު ބަސް ރޫޓަށް އެއްވެސް ބަދަލެއް ނާންނާނެ.