ބަދަލުވަމުންދާ ބައިނަލްއަގުވާމީ ސަލާމަތީ ވެށީގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ވަރުގަދަކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ "ޕްރޮޖެކްޓް އޮފް ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން، އެގައުމުން ހަދިޔާކުރި "އެންޓި-ޓެރަރިޒަމް އިކުއިޕްމަންޓް" ހަވާލުކުރުމަށްޓަކައި، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ އާލާތްތަކާއި އެއްގަމު އުޅަނދުތަކުގެ ބޭނުންތެރިކަން ފާހަގަކުރައްވާފަ އެވެ. މިގޮތުން، ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ހެވީ ޑިއުޓީ ވެހިކަލްތަކާއި، މޯބައިލް އެކްސްރޭ ސްކޭނަރާއި، ލިކުއިޑް ސްކޭނަރާއި، ހޭންޑް-ހެލްޑް މެޓަލް ޑިޓެކްޓަރު ފަދަ އާލާތްތަކުގެ ސަބަބުން، ނުރައްކަލުގެ ޙާލަތްތައް މެދުވެރިވިޔަ ނުދީ، އެފަދަ ކަންކަމަށް ދުރާލައި ތައްޔާރުވެ، ސްކްރީނިން، ޕްރިވެންޝަން އަދި ރެސްޕޮންސްގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) އިން ކުރަމުންދާ މަސައްކަތަށް، އިތުރު ބާރެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޓެރަރިޒަމާ ދެކޮޅު އާލާތްތައް ޖަޕާނުން ހަދިޔާ ކުރަނީ

މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ އަމާޒަކީ ޒަމާނުއްސުރެ ސުލްހަޔާއި އަމާންކަމުން ޒީނަތްތެރިވެފައިވާ ރާއްޖޭގެ އިޖްތިމާއީ ފޭރާން އިރާ ކުދިކުދިކޮށްލުން ކަމަށްވާއިރު، މިނުރައްކަލާ ކުރިމަތިލާން ބޭނުންވާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އާލާތްތަކެއް ޖަޕާނުން ހަދިޔާކުރި ކުރުމުން ދޭހަވަނީ، އެ ގައުމުގެ ސަރުކާރާއި ރައްޔިތުން، އަބަދުވެސް ދިވެހިންނާމެދު ބަހައްޓާ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ރީތި މިސާލަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ކަމަށެވެ.

މިރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން، ޖެނެރަލް އޮފިސަރުންނާއި، ޑެޕިއުޓީ މިނިސްޓަ އޮފް ޑިފެންސް ހަސަން ޒަމީލާއި، އެވްސެކޮމްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.