2024 ވަނަ އަހަރު ދެކުނު ކޮރެއާގައި އަސްލަރީ ގާނޫނު ހިންގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި މައްސަލާގައި އެ ގައުމުގެ ކުރީގެ ރައީސް ޔޫން ސުކް-ޔޯލް އުމުރަށް ޖަލަށްލުމަށް ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކޯޓުން މި ހުކުމް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އިއުލާންކުރި މާޝަލް ލޯ ނުވަތަ އަސްކަރީ ގާނޫނު ތަންފީޒުކުރުމުގެ މޭސްތިރިއަކީ ޔޫން ކަމަށް ސާބިތުވުމާ ގުޅިގެންނެވެ.
މި މައްސަލާގައި ޔޫންގެ އިތުރުން، އެކަމުގައި ބައިވެރިވި އަސްކަރީ އަދި ފުލުހުންގެ އިސް ބައެއް ބޭފުޅުންގެ މައްޗަށްވެސް ވަނީ ކުށް ސާބިތުވެ ހުކުމް އިއްވާފަ އެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު ކިމް ޔޮން-ހިޔުން 30 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، ކުރީގެ ބޮޑުވަޒީރު ހާން ޑަކް ސޫ 23 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. ބޮޑުވަޒީރުގެ މައްޗަށް ކުށް ސާބިތުވީ ކެބިނެޓް މެދުވެރިކޮށް ބާރުގެ ބޭނުންކޮށްގެން އަސްކަރީ ގާނޫނު ތަންފީޒުކުރުމާއި، ސައްހަ ނޫން ލިޔެކިޔުންތައް ތައްޔާރުކުރި މައްސަލާގަ އެވެ.
އުމުރުން 65 އަހަރުގެ ޔޫންގެ މައްޗަށް މި ހުކުމް އިއްވުމާއެކު، އޭނާ މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. ހުކުމް އިއްވި ވަގުތު ކޯޓު ބޭރަށް އެތައް ހާސް ބަޔަކު އެއްވެ، ޔޫން މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލާފައިވެއެވެ. މިއީ ޔޫންގެ މައްޗަށް އިއްވުނު ފުރަތަމަ ހުކުމެއް ނޫނެވެ. އޭނާގެ އަނބިކަނބަލުން ކިމް ކިޔޮން ހީ ރިޝްވަތުގެ މައްސަލައެއްގައި ކުށްވެރިވުމާ ގުޅިގެން، މިދިޔަ މަހުވެސް ޔޫންގެ މައްޗަށް ވަނީ އެއް އަހަރާއި އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ޔޫން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އުތުރު ކޮރެއާއަށް ތާއީދުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލީހުން އެ ނިންމުން ބާތިލުކުރުމަށް ފާސްކުރުމާ ގުޅިގެން ޔޫން ވަނީ އަމިއްލައަށް އެ ނިންމުން އަނބުރާ ގެންދަވާފައެވެ. މި ހާދިސާ ހިނގާފައިވަނީ ޔޫންގެ ސަރުކާރަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށްވެ، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މި މައްސަލައާ ގުޅިގެން ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ޔޫން ރައީސްކަމުގެ މަގާމުން ވަކިކުރުމަށް ފާސްކޮށްފަ އެވެ. މިއީ އެ ގައުމުގެ ސިޔާސީ ތާރީހުގައި ހިނގާދިޔަ ވަރަށް ނާޒުކު އަދި ތާރީހީ ހާދިސާއެއްގެ ގޮތުގައި ބެލެވެ އެވެ.
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
ޣައްޒާގެ ރައްޔިތުން ރަމަޟާން މަހަށް މަރުހަބާ ކިޔުން
ސުވާލާއި ޖަވާބު: އެކަނި ތަރާވީހް ނަމާދު ކުރެވިދާނެތަ؟