އީރާނުގެ ސުޕްރީމް ލީޑަރު އަވަހާރަވެއްޖެ ނަމަ އެކަން ކުރިޔަށް ގެންދަން ޖެހޭ ގޮތް އީރާނުގެ ގާނޫނު އަސާސީގައި ލިޔެފައިވޭ. މި އުސޫލުގެ ދަށުން އީރާނުގެ ރައީސް އާއި ޝަރުއީ ދާއިރާގެ ވެރިޔާ އަދި ގާޑިއަން ކައުންސިލްގެ އެއް އިމާމަކު ހިމެނޭ ގޮތަށް ތިން މީހުންގެ މައްޗަށް އެކުލެވޭ ކައުންސިލަކުން ގައުމުގެ ކޮންޓްރޯލް ނަގާނެ. ޚާމަނާއީ އަވަހާރަކޮށްލުމުން އެ ގައުމުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީއަށް ބާރުތައް ދޭން ނިންމާފައިވާ ކަމަށް ވޭ.

އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ 86، އަވަހާރަކޮށްލާފައިވާ ކަމަށް އެ ގައުމުން އެންމެ ފަހުން އިއުލާންކޮށްފި އެވެ.

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި އެންމެ ބޮޑު އެއް އަމާޒަކީ އީރާނުގެ އެންމެ މަތީ ލީޑަރު ޚާމަނާއީ އާއި އެ ގައުމުގެ އިސްވެރިންތައް އަވަހާރަކޮށްލައި ވެރިކަން ބަދަލުކުރުމެވެ.

އީރާނުގެ އެންމެ އިސް ލީޑަރު ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އީރާނުގެ ރަސްމީ މީޑިއާތަކުން އިއުލާންކުރީ މިއަދު ހެނދުނު އެވެ. އަދި އިއްޔެ ހެނދުނު ދިން ހަމަލާތަކުގައި ޚާމަނާއީގެ އިތުރުން އޭނާގެ ދަރިކަނބަލުންނާއި ދަނބިދަރިކަލުން އަދި ކާފަ ދަރިކަލަކު ވެސް އަވަހާރަކޮށްލާފައިވާ ކަމަށް އެ ގައުމުން ވަނީ އިއުލާންކޮށްފަ އެވެ.

ޚާމަނާއީ އަވަހާރަވުމާ ގުޅިގެން 40 ދުވަސް ވަންދެން އެ ގައުމުގައި ހިތާމަފާޅުކުރަން ނިންމައިފަ އެވެ. އޭގެ އިތުރުން 7 ދުވަސް ވަންދެން ސަރުކާރު ބަންދުކުރަން ވެސް ނިންމާފައިވެ އެވެ.

އީރާނުން ބުނީ ޚާމަނާއީ އަވަހާރަކޮށްލުމުން އެކަމުގެ ބަދަލު ހިފާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެކަން ފެންނާނެ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.

ޚާމަނާއީ އަވަހާރަކޮށްލުމުން ދެން ހަރަކާތްތެރިވާނީ ތަފާތު ގޮތަކަށް ކަމަށާއި އެކަން ވަރަށް ރަނގަޅަށް އީރާނުގެ ދުޝްމަނުންނަށް ފެންނާނެ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.

އީރާނުގެ ސުޕްރީމް ލީޑަރު އަވަހާރަވެއްޖެ ނަމަ އެކަން ކުރިޔަށް ގެންދަން ޖެހޭ ގޮތް އީރާނުގެ ގާނޫނު އަސާސީގައި ލިޔެފައިވެ އެވެ. މި އުސޫލުގެ ދަށުން އީރާނުގެ ރައީސް އާއި ޝަރުއީ ދާއިރާގެ ވެރިޔާ އަދި ގާޑިއަން ކައުންސިލްގެ އެއް އިމާމަކު ހިމެނޭ ގޮތަށް ތިން މީހުންގެ މައްޗަށް އެކުލެވޭ ކައުންސިލަކުން ގައުމުގެ ކޮންޓްރޯލް ނަގާނެ އެވެ.

ޚާމަނާއީ އަވަހާރަކޮށްލުމުން އެ ގައުމުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީއަށް ބާރުތައް ދޭން ނިންމާފައިވާ ކަމަށް ވެ އެވެ.

އީރާނުގެ އެންމެ އިސް ލީޑަރު އަވަހާރަކޮށްލާފައިވާ ކަމަށް އެންމެ ފުރަތަމަ ބުނީ އިޒްރޭލުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރެކެވެ.

ރޮއިޓާސް އަށް އޭނާ ބުނެފައި ވަނީ އީރާނުގެ އެންމެ މަތީ ލީޑަރު ޚާމަނާއީ އާއެކު އެ ގައުމުގެ އިސްވެރިންތަކެއް މިއަދު އަވަހާރަކޮށްލާފައިވާ ކަމަށެވެ. އޭގެ ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެކަން އިއުލާންކޮށްފަ އެވެ.

ޚާމަނާއީ އީރާނުގެ ވެރިކަމާ ހަވާލުވެވަޑައިގަތީ، އިސްލާމީ އިންގިލާބުގެ ލީޑަރުކަން ކުރެއްވި އާޔަތުﷲ ރުހުﷲ ޚުމައިނީ 1989 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެންނެވެ.

ޕަހްލަވީ ރަސްކަން ނިމުމަކަށް ގެނައި އިންގިލާބުގެ ފަހަތުގައި ހުރި ފިކުރީ ބާރަކީ ޚުމައިނީ އެވެ. އީރާނުގެ ދުޝްމަނުންނާ ދެކޮޅަށް އީރާނުގެ ދިފާޢީ ނިޒާމާއި، އެ ގައުމުގެ ބޯޑަރުން ބޭރުން އީރާނަށް ނުފޫޒު ފޯރުވައިދޭ އަސްކަރީ އަދި ޕެރަމިލިޓަރީ ނިޒާމް ބައްޓަން ކުރެއްވީ ޚާމަނާއީ އެވެ.

ޚާމަނާއީ އީރާނުގެ އެންމެ އިސް ލީޑަރަށް ވުމުގެ ކުރިން، 1980 ގެ އަހަރުތަކުގައި އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި އޭނާ ވަނީ އެ ގައުމުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.