ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ދައުވާ އުފުލާފައިވާ އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް، މުހައްމަދު އަގީލް ތައިލެންޑްގައި ހުއްޓައި ހައްޔަރުކުރުމަށްފަހު ރާއްޖެ ގެނެސް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އަގީލަކީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީއަތަށް ހައްޔަރުކޮށްގެން ހާޒިރުކުރަން ކޯޓުން އަމުރުކޮށްފައިވާ ފަރާތެކެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މިދިޔަ މަހުގެ 21 ވަނަ ދުވަހު އަގީލް ރާއްޖެ ގެނައުމަށްފަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އޭނާ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ވަނީ ތަންފީޒުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމާ ގުޅިގެން، މިދިޔަ މަހުގެ 22 އިން ފެށިގެން އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އަގީލް ތައިލޭންޑުގައި ހިފަހައްޓާފައި ވަނީ ވިސާގެ މައްސަލައަކާ ގުޅިގެން މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ. މީގެ ކުރިން ބައްސާމްގެ މައްސަލައިގައި ހެކިބަސް ދެމުން އަގީލް ވަނީ، މަހަކު 5,000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ބުނެފަ އެވެ.

ބައްސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ހުކުމްތައްއެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މިހާރު ވެސް ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ހިޔާނާތުގެ މައްސަލައެއްގައި އިއްވި ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައެއްގައި އިއްވި ފަސް އަހަރުގެ ހުކުމާއެކު ޖުމުލަ ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.

މީގެ އިތުރުން، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެއްގެ ޝަރީއަތް ވެސް މިހާރު ދަނީ ހިނގަމުންނެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ އުފުލާފަ އެވެ.