ޗައިނާއިން ހަދަން މަސައްކަތް ކުރަމުން ގެންދާ ޖައްވީ އުޅަނދުގެ ފުރަތަމަ މޮޑިއުލް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވައިލައިފި އެވެ.
ބުރާސްފަތި ދުވަހު ހެނދުނު ޗައިނާއިން ޖައްވަށް ދޫކޮށްލި މި މޮޑިއުލާއެކު 19 ގައުމަކަށް ނިސްބަތްވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އިން ޖައްވުގައި އެކަނި ކުރަމުން އައި ރަސްކަމަށް ގާތްގަނޑަކަށް ނިމުން އަންނަނީ އެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ދުނިޔެއާ 227 މޭލު މަތީގައި ހަރަކާތް ތެރިވަމުން އަންނަތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އައިއެސްއެސްގައި ޗައިނާގެ އެސްޓްރޮނޯޓުންނަށް ބައިވެރިވުމުގެ ފުރުސަތު ނުދީ ވަނިކޮށް ޗައިނާއިން މިވަނީ އެ މީހުންގެ އަމިއްލަ ޖައްވީ ސްޓޭޝަނެއް އުފެއްދުމުގެ ފުރަތަމަ މަރުހަލާ ކަޑައްތު ކޮށް ޖައްވީ ހަރަކާތްތަކުގައި އެމީހުންގެ ގާބިލުކަން އިތުރު ކޮށްފަ އެވެ.
އިއްޔެ ފޮނުވާލި ފުރަތަމަ މޮޑިއުލާއެކު މިފެށި މަސައްކަތް ނިންމަން ދެ އަހަރު ދުވަސް ނަގާނެ އެވެ.
ރަޝިޔާއިން ވެސް މިހާރު ބުނެފައިވާ ގޮތުގައި އައިއެސްއެސްއިން އެ މީހުން ވެސް ވަކިވާނެ އެވެ. ރަޝިޔާއިން އައިއެސްއެސް އާ ވަކިވާނީ 2025 ގަ އެވެ. އޭގެ ފަހުގައި އެ މީހުންގެ އަމިއްލަ ޖައްވީ މަރުކަޒެއް 2030ގައި ބިނާކުރާނެ އެވެ.
ޗައިނާގެ ޖައްވީ ސްޓޭޝަން ބިނާކުރަން ނިންމާފައި ވަނީ އެއްފަހަރަކާ ނޫނެވެ. އޭގެ ބަދަލުގައި އެކިފަހަރު މަތިން ތަފާތު އެކި މޮޑިއުލްތައް ފޮނުވައި ޖައްވުގައި ރާވާލާނީ އެވެ. މިމަސައްކަތް ނިމި ސްޓޭޝަން ފުރިހަމަޔަށް ހިނަގައިގަންނާނީ 2022ގައި ކަމަށް ޗައިނާއިން ބުނެ އެވެ. ޗައިނާއިން އުންމީދު ކުރަނީ މި ސްޓޭޝަނުގެ މަސައްކަތް 10 އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ މުއްދަތަކަށް ހިންގުމަށެވެ.
ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި މިކަމަށްޓަކައި 11 ރޮކެޓް ޖައްވަށް ފޮނުވާނެ އެވެ. އޭގެތެރިން ހަތަރު ދަތުރުގައި އިންސާނުން ދާގޮތަށް ވެސް ވަނީ ރޭވިފަ އެވެ. އޭގެ ތެރެއިން ކުރޫން ގޮވައިގެންދާ ފުރަތަމަ ދަތުރުކުރާ ގޮތަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ޖޫން މަހު އެވެ. އެ ދަތުރުގައި ޗައިނާގެ ތިން އެސްޓްރޮނޯޓުން ޖައްވަށް ގޮސް ޖައްވުގައި ތިންމަސް ދުވަސް ހޭދަ ކުރާނެ އެވެ.
ޗައިނާގެ މި އުޅަނދަކީ އިންޓަނޭޝަނަލް ސްޕޭސް ސޓޭޝަނަށް ވުރެ ކުޑަ ސްޓޭޝަނެކެވެ. އޭގެ ސައިޒު ބޮޑަށް ގާތް ކުރާނީ 1986ން 2001 އާ ހަމަޔަށް ރަޝިޔާއިން ޖައްވުގައި ހިންގި މީރު ސްޓޭޝަނާ އެވެ. ޒަމާންތަކެއް ވަންދެން ޖައްވުގައި ހުރުމަށްފަހު މީރު ވަނީ 2001ގައި ބިމަށް ވެއްޓިފަ އެވެ.
ޗައިނާއިން ފުރަތަމަ އިންސާނަކު ޖައްވަށް ފޮނުވީ 2003 ވަނަ އަހަރުގަ އެވެ. އެއީ އެމެރިކާގެ ނާސާއަށް ވުރެ ސާޅިސް އަހަރު ފަހުންނެވެ. އެހެނަސް ފާއިތުވި ދިހަވަރަކަށް އަހަރު ޗައިނާގެ މުއްސަނދިކަން އިތުރުވެ، ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުމުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ޖައްވީ ޕްރޮގޮރާމްގެ ސްޕީޑްވަނީ ވަރަށް ހަލުއި ކޮށްފަ އެވެ.
ޗައިނާގެ ޖައްވީ އިދާރާގެ ފުރަތަމަ މޮޑިއުލްގައި ވެސް ބައިނަލްއަގުވާމީ ރިސާޗް ޕްރޮޖެޗްޓްތަކެއް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިހާތަނަށް ހަ ޕްރޮޖެކްޓެއްގެ މަސައްކަތުގެ އެންމެފަހުގެ އެއްބަސްވުންތައް ވަނީ ނިމިފަ އެވެ. އޭގެ ތެރޭގައި ނޯވޭއާއި ނެދަލޭންޑާއި ބެލްޖިއަމާއި ފްރާންސްގެ ރިސާޗަރުންތަކެއް، ކެންސަރު ޓިއުމަރާއި ބެހޭ ގޮތުންކުރާ ދިރާސާއެއްގެ ޕްރޮޖެކްޓު ވެސް ހިމެނެ އެވެ.
ޗައިނާގެ ޖައްވީ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން 2013 ވަނަ އަހަރު އެމެރިކާގެ ސެނެޓުން ބިލެއް ވެސް ވަނީ ފާސްކޮށްފަ އެވެ. މިބިލުގެ ސަބަބުން ޗައިނާ ސަރުކާރާއެކު ނުވަތަ ޗައިނާގެ އެއްވެސް މީހަކާއެކު ވެސް ނާސާއަށް އެއްވެސް ކަހަލަ ގުޅުމެއް ހިންގޭކަށް ނޯވެ އެވެ. އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަމެއް ކަމަށް ބުނެ އެވެ.
ޗައިނާއިން ސްޕޭސް ސްޓޭޝަނެއް ގާއިމު ކުރާއިރު މިވަގުތު ދުނިޔޭގެ އޯބިޓުގައި ހުރި ހަމަ އެކަނި ޖައްވީ މަރުކަޒު ކަމުގައިވާ އައިއެސްއެސް ވަނީ ދުވަސްވުމުގެ ވަރަށް ބޮޑަށް ބާވެފަ އެވެ. އެމެރިކާއިން ބުނާގޮތުގައި 2028 އާ ހަމަޔަށް އައިއެސްއެސް ބޭނުން ކުރެވިދާނެ އެވެ.
އެމެރިކާއިން މާސްގައި ފަށާފައިވާ މިޝަންގެ ކަންތަތްތަކުގައި މިސްޓޭޝާން ބޭނުން ކުރެވޭނެ އެވެ. ނަމަވެސް މި ސްޓޭޝަން ހިންގުމަށް އަހަރަކަށް ބޭނުންވާ 1.1 ބިލިއަން ޑޮލަރު ހޯދާނެ ތަފާތު ގޮތްތަކެއް ހަމަޖައްސަން އެމެރިކާއިން ބޭނުންވެ އެވެ. އެހެންކަމުން ސްޕޭސް ޓޫރިޒަމް ފަދަ ކަންތައް ތައާރަފުކުރިކަމުގައި ވިޔަސް މިކަން އަދި ވައިގައި ހިފާގޮތެއް ނުވެ އެވެ. އެހެންކަމުން ކައިރި މުސްތަގުބަލެއްގައި އައިއެސްއެސް ޖައްވީ މަރުކަޒު ރަޝިޔާގެ މީރު ސްޓޭޝަން ފަދައިން ނައްތާލަން ޖެހިދާނެ ކަމަށް ވެސް ބެލެވެ އެވެ.
ޗައިނާއިން ދުނިޔޭގެ އޯބިޓުގައި މަރުކަޒެއް ގާއިމުކޮށް މަސައްކަތް ފުޅާކުރަމުންދާއިރު އެމެރިކާގެ އެފަދަ އުޅަނދެއް ނެތުމަކީ އެމެރިކާއަށް ފަސޭހައިން ގަބޫލުކުރެވޭނެ ކަމަކަށް ނުވާނެ އެވެ. ނަމަވެސް ޗައިނާއާއި ގުޅިގެން ޖައްވީ މަސައްކަތްކުރުމުގެ ބަދަލުގައި އެމެރިކާ ވިސްނަނީ ދުނިޔޭގެ މުއްސަނދި އެހެން ބައެއް ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކާއެކު މިމަސައްކަތް ކުރުމެވެ. އެގޮތުން ޔޫއޭއީ ފަދަ ގައުމުތައް މި ޕްރޮގްރާމަށް ވައްދަން އެމެރިކާ އުންމީދުކުރެ އެވެ.
ކޮންމެއަކަސް އެމެރިކާއާއި ޔޫރަޕް ގުޅިގެން ދުނިޔޭގެ އޯބިޓުގައި ކުރަމުން އައި ރަސްކަން ޗައިނާގެ ސަބަބުން މިވަނީ ނިމުމަކަށް އައިސްފަ އެވެ. މިކަމަށް ދެން އެންމެ އަވަހަށް ނުކުންނާނީ ރަޝިއާ އެވެ. އެހެންކަމުން އެމެރިކާޔާ ހުޅަނގުގެ ގައުމުތައް ގުޅިގެން ޗައިނާއާއި ރަޝިއާ އާ ދެކޮޅަށް ކުރމުންގެންދާ ފިނި ހަނގުރާމަ ދުނިޔޭގެ ސަތަހަ ދޫކޮށް އޯބިޓަށް މިވަނީ ނުކުމެފަ އެވެ.