މި ހަފްތާގައި ރާއްޖެ ސަރަހައްދަށް ސިއްހަތަށް ގެއްލުންވާވަރަށް ވައި ނުސާފު ކަމަށް ދައްކައިފި އެވެ.

މިވަގުތު ވައި އެންމެ ނުސާފީ ވިލިމާލެ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގެ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި ވައިގެ ފެންވަރު ހުރީ 139 ގައެވެ. މިއީ ވަކި ބޮޑެތި ބަލިތައް ހުންނަ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވާ ފަދަ ދަރަޖައެކެވެ. "އައިކިއު އެއާ"ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވިލިމާލޭގެ ވައިގައި ހިމުން ހިރަފުސް ކުނޑީގެ މިންވަރު ނުވަތަ ޕީއެމް 2.5 ހުރީ 42.1 ގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑާ އަޅައިބަލާއިރު 12 ގުނަ މައްޗެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ހާލަތަށް ބަލާއިރު، ހދ. ކުޅުދުއްފުށީގައި ވައިގެ ކޮލިޓީ 151 ގައި އަދި ދ. ކުޑަހުވަދޫގައި 124 ގައި ހުރިއިރު، މި ދެ ސަރަހައްދަކީ ވެސް ސިއްހީ ގޮތުން ނާޒުކު ފަރާތްތަކަށް ރައްކާތެރި ނޫން މިންވަރެކެވެ. ށ. ފުނަދޫގައި 68، ފުވައްމުލަކުގައި 79 އަދި އައްޑޫ ސިޓީގައި 84 ގައި ހުރިއިރު، މި ތަންތަނުގެ ވައި ހުރީ މެދު މިންވަރެއްގަ އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުން ބުދަ ދުވަހުން ފެށިގެން ދުންފުހުގެ އަސަރު ސާފުވާން ފަށާނެ އެވެ. ނަމަވެސް މިއަދާއި މާދަމާ އަދި ގޯސްވެދާނެ ކަމަށް އެ އޮފީހުން ލަފާކުރި އެވެ.

ވައި ނުސާފުވުމާ ގުޅިގެން ސިއްހީ މާހިރުން ލަފާ ދެނީ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި، ނުކުންނަ ނަމަ މާސްކު އެޅުމަށެވެ. އަދި ގޭތެރެއަށް ނުސާފު ވައި ވަނުން ކުޑަކުރުމަށް ދޮރުތައް ލައްޕައި ބަންދުކޮށްފައި ބެހެއްޓުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.