އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެގެން 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ގެއަށް ބަދަލުކުރި ނަމަވެސް، 24 ގަޑިއިރު ނުވަނީސް އޭނާ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
ކަރެކްޝަންސް އިން ހާމަކުރި ގޮތުގައި ބައްސާމް ގޭ ބަންދަށް ބަދަލުކުރީ ސާޖަރީއެއް ކުރުމަށްފަހު ޑޮކްޓަރު ދެއްވި ލަފާގެ މައްޗަށް ބިނާކޮށް، ގަވާއިދުގައި އެފަދަ ހާލަތްތަކުގައި ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިންނެވެ. އެހެން ނަމަވެސް ޖަލުގައި ހުރެގެން އޮޕަރޭޝަނަށް ފަހު ބޭނުންވާ ފަރުވާ ދެވޭނެ ގޮތް ހަމަޖެހުމާ އެކު، އޭނާ ވަނީ އަލުން ޖަލަށް ގެންގޮސްފައި ކަމަށް އެ އިދާރާއިން ބުންޏެވެ. ބައްސާމް ގެއަށް ބަދަލުކުރިއިރު ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.
ކަރެކްޝަނުން ކުއްލިއަކަށް ބައްސާމް ޖަލަށް ގެންދަން ނިންމާފައިވަނީ އޭނާ ގެއަށް ބަދަލު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ބައްސާމަށް 32 އަހަރުގެ ހުކުމް އައީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓެއް ގަތް މައްސަލައިގަ އެވެ. ކްރިމިނަލް ކޯޓުން ވަނީ ހިޔާނާތުގެ ކުށުގައި ހަތަރު އަހަރާއި، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރާއި، 23 އަހަރުގެ ޖަލު ހުކުމަކާ އެކު 44 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކޮށްފަ އެވެ. މި ހުރިހާ ހުކުމެއް އެއްކޮށްލުމުން ޖުމުލަ 32 އަހަރަށް އަރަ އެވެ.
މީގެ އިތުރުން ވެސް ބައްސާމް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލަތަކެއް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

ރަމަޟާން މަހުގެ 27 ވިލޭރޭ ހަރަމްފުޅު ފުރި ބާރުވެއްޖެ
އަލިފާނުގެ ހާދިސާއަށް 6 ދުވަސް ފަހުން ތަހުގީގުކުރަން އަންގަވައިފި
އިންތިހާބާ ދިމާކޮށް އުލިގަމުގައި ޔޮޓް މެރީނާ ހަދަން ހަވާލުކޮށްފި