އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފަށް ފުވައްމުލަކުގައި ދުއްވި ހަތަރު ބައިސްކަލްތަކެއް ފުލުހުން މިއަދު ޓޯކޮށްފި އެވެ.

ފުލުހުން މި ފިޔަވަޅު އަޅާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް އެ މުއައްސަސާއިން ބުނެފައިވެ އެވެ.

ކުދިންތަކެއް ދުއްވި ބައިސްކަލެއް ފުލުހުންގެ ވެހިކަލަށް އަރުވަގެން ގެންދާތަން ފެންނަ ވީޑިއޯއެއް އާންމުވުމާއެކު އެއީ ކިހިނެއް ވީ ކަމެއްތޯ އަހައި ބައެއް މީހުން ފުލުހުންނަށް ފާޑުކިޔާފައިވެ އެވެ.

ފުލުހުން ބުނީ ހަތަރު ބައިސްކަލެއް ޓޯކޮށްފައިވާނެ ކަމަށާއި އޭގެ ތެރެއިން އެއް ބައިސްކަލް ޓޯކުރީ ގަވާއިދާ ހިލާފަށް ބަދަލުތަކެއް ގެނެސްފައިވާތީ ކަމަށެވެ. އަނެއް ތިން ބައިސްކަލް ޓޯކޮށްފައި ވަނީ މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ދުއްވި މައްސަލައިގަ އެވެ.

އެ ބައިސްކަލްތައް ހިފެހެއްޓި ސަބަބުތަކުގެ ތެރޭގައި ދުވާރުމަތިން ދުއްވުމާއި، އެހެން އުޅަނދުތަކަށް ހުރަސްއެޅޭ ގޮތަށް ނުރައްކާތެރިކޮށް ޒިގްޒެގްކޮށް ދުއްވުމުގެ އިތުރުން، ބައިސްކަލަށް ދެ މީހުން އަރައިގެން ދުއްވުން ހިމެނެ އެވެ. އާންމުވެފައިވާ ވީޑިއޯއިން ވެސް އެއް ބައިސްކަލަށް އާދަޔާ ހިލާފު ބަދަލުތަކެއް ގެނެސްފައިވާކަން އެނގެ އެވެ.

ފުލުހުން ބުނީ މި ފިޔަވަޅުތަކަކީ މަގު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން އެޅި ފިޔަވަޅުތަކެއް ކަމަށެވެ. އާންމުކޮށް ފުލުހުން ޓޯކުރަނީ ގަވާއިދާ ހިލާފުވާ އިންޖީނުލީ އުޅަނދުތައް ކަމަށްވާއިރު، އެފަދަ އުޅަނދުތައް 15 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފަހައްޓަ އެވެ.

ނަމަވެސް، ފުވައްމުލަކުން މިއަދު ހިފެހެއްޓި ބައިސްކަލުތައް ޓޯކޮށްފައި ބަހައްޓާނީ ކިހާ މުއްދަތަކަށް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.