އެއްބަސްވުންތަކުގައި ހިމަނާފައިވާ ބޮޑެތި ޖޫރިމާނާގެ ފައިސާ ކޯޓުތަކުން ނަގައި ނުދެވޭނެ ކަމަށާއި އަދި އެފަދަ މައްސަލަތަކުގައި ފައިސާ ނަގައިދެވޭނީ ގެއްލުމުގެ ބަދަލު ނަގައިދޭ އުސޫލުން އަދި އެކަށީގެންވާ މިންވަރުގެ ބަދަލަކަށްވާ ނަމަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ދެ ފަރާތެއްގެ މެދުގައި ވެވޭ އެއްބަސްވުމެެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދައްކާނަމަ ކަނޑައެޅޭ ވަކި ރޭޓަކުން ޖޫރިމަނާ އަރަމުންދާ ގޮތަށް އެއްބަސްވުންތަކުގައި ހިމަނާފައި ހުރެ އެވެ. އެ ފައިސާ ނުދައްކައިގެން ކޯޓަށް ދާއިރު ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައި ހުރެ އެވެ. އެހެންވުމުން ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތައް ދައްކަން ކޯޓުތަކުން ހުކުމްކޮށްފައި މީގެ ކުރިން އެބަ ހުއްޓެވެ.

އެއްބަސްވުންތަކުގައި ބޮޑެތި ފައިސާގެ އަދަދު ހިމަނައި ޖޫރިމާނާ އަރާނެ ކަމަށް އޮތަސް އެފައިސާ ނަގައިނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އަމިއްލަ ދެ މީހެއްގެ ދެމެދުގައި ހެދި އެއްބަސްވުމެއްގެ މައްސަލައިގަ އެވެ.

އެ އެއްބަސްވުން ބުނާގޮތުން ފައިސާ ދައްކަންޖެހޭ މުއްދަތަށް ވުރެ ލަސްވާ ކޮންމެ ދުވަހަކަށް، ނުދައްކާ ހުރި އަދަދުގެ 10 ޕަސެންޓްގެ ޖޫރިމަނާއެއް އަރާނެ އެވެ. އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ 346،000 ޑޮލަރު ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ ޑޮލަރު އެރި އެވެ. ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ޖޫރިމަނާގެ އަދަދު ކުޑަ ކުރުމަށް ފަހު ހުކުމްކުރީ ޖޫރިމަނާއާ އެކު ޖުމްލަ އެއް މިލިއަން ޑޮލަރު ދެއްކުމަށެވެ.

ހައި ކޯޓުގެ ހުކުމް

ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުރާސްފަތި ކުރި ހުކުމުގައި ބުނެފައިވަނީ އެއްބަސްވުމުގައި ބަޔާންކުރާ ކަމަކާ ޚިލާފްވުމުން ބަދަލެއް ދައްކަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި އޮތަސް، އެ ފައިސާ ކޯޓުތަކުން ނަގައިދޭނީ އެއީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ބަދަލު ނަގައިދޭ މާއްދާއެއް ކަމަށްވާ ނަމަ އަދި އެ ބަދަލަކީ ގެއްލުން ފޫބައްދަން އެކަށީގެންވާ މިންވަރުގެ ބަދަލަކަށް ވާ ނަމަ ކަމަށެވެ.

އޭގެ ބަދަލުގައި އެ ބަދަލަކީ އަނެއް ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން ހިމަނާފައިވާ ޕެނަލްޓީ ކްލޯޒް މާއްދާއެއް ނަމަ، އެ ފައިސާ ކޯޓުތަކުން ނަގައި ނުދޭނެ ކަމަށެވެ.

ދެ ފަނޑިޔާރެއްގެ އައުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން ޖޫރިމަނާ އަރާ ގޮތަށް އެއްބަސްވުންތަކުގައި ހިމަނާ މާއްދާތަކަކީ ޕެނަލްޓީ ކްލޯޒެއް ކަން ނުވަތަ ލިކުއިޑޭޓަޑް ޖެމޭޖަސް ނަގާ މާއްދާއެއް ކަން ކޯޓަށް ދެނެގަނެވިދާނެ އެވެ. އެގޮތުން ޖޫރިމަނާ އަރާ ގޮތަށް އޮޮތް މާއްދާއަކީ އަސްލީ އިލްތިޒާމުން ބޭރުން އޮތް މާއްދާއެއް ކަމަށްވާ ނަމަ އަދި އެއީ ނުބައްދަލު ބުރައެއް ނުވަތަ އަދަބެއް ދިނުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއް ނަމަ، އެއީ ޕެނަލްޓީ ކްލޯޒެއް ކަމަށް ކޯޓުން ބަލާނެ ކަމަށެވެ.

ނަމަވެސް، އެ މާއްދާއަކީ އެކަށީގެންވާ އަދަދެއް ނެގުމަށް ހިމަނާފައި އޮޮތް މާއްދާއެއް ނަމަ އަދި އެއީ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަން ބާރު އަޅާ މާއްދާއެއް ނަމަ، އެއީ ޕެނަލްޓީ ކްލޯޒެއް ކަމަށް ނުބެލެވޭނެ ކަމަށް ބޭރު ގައުމުތަކުގެ ބައެއް ކޯޓުތަކުގެ ނިންމުންތަކާ ހަވާލާދީފައި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި އެއް ފަނޑިޔާރު ކަމަށްވާ މަހާޒް އަލީގެ ރައުޔުގައި ވިދާޅުވެފައިވަނީ ދެ ފަރާތުން ބޭނުންވާ ގޮތަށް އެއްބަސްވުންތައް ހެދުމުގެ މިނިވަންކަން ލިބިފައި އޮތަސް، އެއްބަސްވުންތަކުގައި އޮންނަ ޕެނަލްޓީ ކްލޯޒް މާއްދާތައް ކޯޓުތަކުން ތަންފީޒުކޮށްދޭން ނުޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ބޭރު ގައުމުތަކުގެ ކޯޓުތަކުން ވެސް ނިންމާފައި އެބަހުރި ކަމަށެވެ. އަދި ޕެނަލްޓީ ކްލޯޒް މާއްދާތައް ކޯޓުތަކުން ތަންފީޒުކޮށްދޭ ނަމަ، އާދަޔާ ޚިލާފް ބޮޑެތި އަދަދުތައް ޖޫރިމަނާގެ ގޮތުގައި ހޯދުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވިދާޅުވި އެވެ.

ފަނޑިޔާރު މަހާޒު ރައުޔުގައި އިތުރަށް ވިދާޅުވެފައި ވަނީ ޕެނަލްޓީ ކްލޯޒްތައް ބޭރު ގައުމުތަކުގެ ކޯޓުތަކުން ތަންފީޒުކޮށް ނުދޭ އެއް ސަބަބަކީ، އެއްބަސްވުމާ ހިލާފްވުމުން ނަގައިދޭ ބަދަލަކީ އަނެއް ފަރާތަށް ލިބުނު ގެއްލުން ފޫބައްދަން ނަގައިދެވޭ ބަދަލުތަކެއް ކަމަށާއި އެއީ މީހަކަށް އަދަބެއް ދިނުމުގެ ގޮތުން ނަގައިދޭ ބަދަލުތަކެއް ނޫން ކަމުގައި ވުުމުން ކަމަށެވެ.

އެހެން ގައުމުތަކުގައި ކޯޓުތަކުން ބަދަލު ނަގައިދެނީ ގެއްލުމާ އެކަށީގެންވާ އަދަދެއް ކަން ކަށަވަރު ކުރުމަށް ފަހު ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ޤާނޫނު އޮތްގޮތުން ރާއްޖޭގެ ކޯޓުތަކަށް އަމިއްލަ އިސް ނެގުމުގައި ގެއްލުމުގެ ބަދަލުގެ މިންވަރު ކުޑަ ކުރުމުގެ ބާރު ލިބިފައި ނެތް ކަމަށް ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވެ އެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު މަހާޒްގެ އައުލަބިއްޔަތުން ކުރެއްވި ހުކުމުގައި ބުނެފައި ވަނީ އެ މައްސަލާގައި ހިމެނޭ އެއްބަސްވުމުގައި އޮތީ ޕެނަލްޓީ ކްލޯޒްގެ މާއްދާއެއް ކަމަށްވާތީ ޖޫރިމަނާ ފައިސާ ދައްކަން ހުކުމް ނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ދައްކަން ޖެހެނީ އެއްބަސްވުމުގެ ދަށުން އަސްލު ދައްކަންޖެހޭ 346،000 ޑޮލަރު ކަމަށެވެ.

މީގެ އިތުރުން ޕެނަލްޓީ ކްލޯޒްގެ ދަށުން ޖޫރިމަނާ ނަގައިދިނުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ދުރަށް ދާންޖެހޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ.

އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ރައުޔަކީ ޕެނަލްޓީ ކްލޯޒްގެ މާއްދާގެ ދަށުން ޖޫރިމަނާ ނަގައިދެވޭނެ ކަމަށެވެ. އެކަމަކު އަސްލު އަދަދަށް ވުރެ ޖޫރިމަނާ ބޮޑުވެގެންދާ ނަމަ، ކޯޓުތަކަށް ޖޫރިމަނާ ކުޑަ ކުރެވިދާނެ ކަމަށް އެ ރައުޔުގައިވެ އެވެ. އެހެންވެ، އޭނާގެ ރައުޔަކީ އެ މައްސަލާގައި ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 346،000 ޑޮލަރާ އެއްވަރުގެ ޖޫރިމަނާއަކަށް ޖޫރިމަނާ ކުޑަ ކުރުމެވެ.