ރާއްޖެއިން ބޭރުގައި ހުންނަ މިޝަންތަކުގެ ހަރަދު ބޮޑުވެ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވަނިކޮށް، އިތުރު ހަތަރު ގައުމެއްގައި އެމްބަސީ ހުޅުވަން ސަރުކާރުން ނިންމައިފި އެވެ.

އެމްބަސީތަކުގެ ހަރަދު ބޮޑުވެފައިވާތީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އަނެއްކާ ވެސް އާ އެމްބަސީތައް ހުޅުވަން ނިންމާފައިވަނީ މިސްރާއި ސައުތު އެފްރިކާގެ އިތުރުން އޮސްޓްރޭލިއާ އަދި އިޓަލީގަ އެވެ. މި އެމްބަސީތައް ހުޅުވުމާ އެކު ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ސިޔާސީ މިޝަންތަކުގެ އަދަދު 25 އަށް އަރައިގެންދާނެ އެވެ.

މިހާރު ވެސް ރާއްޖެއިން ބޭރުގައި ހުންނަ މިޝަންތައް ހިންގުމަށް ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާގެ ބޮޑު ހަރަދެކެވެ.

ފޮރިން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބޭރުގެ މިޝަންތަކުގައި މަދުވެގެން 82 ސިޔާސީ މުވައްޒަފުން ވަނީ މަގާމުތަކަށް އައްޔަންކޮށްފަ އެވެ. އެ މުވައްޒަފުންގެ މުސާރައަށް އެކަނިވެސް މަހަކު 1.85 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އަދި މިއީ އަހަރަކު 22.2 މިލިއަން ރުފިޔާގެ ހަރަދެކެވެ.

ރާއްޖެއިން މިހާރު ވެސް 10 ގައުމެއްގައި އެމްބަސީ ހިންގަމުން އަންނައިރު، ހަތް ގައުމެއްގައި ހައިކޮމިޝަން އަދި ދެ ގައުމެއްގައި ކޮންސިއުލޭޓު ވަނީ ގާއިމުކޮށްފަ އެވެ.