އޭ ބަލަ މިހިރަ ލަތީފާ! ކިހިނެތް ވެފައިތަ ތި ހުންނަނީ؟," އަދި "ހަސަނާ ބުނަން މިއީ ލޯބީގެ ހިކިމަސް،" މިއީ ދިވެހި ސިނަމާގެ އެންމެ "އައިކޮނިކް" ޑައިލޮގްތައް ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

މިއީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ދެ އަންހެން ކޮމީޑިއަން ކަމަށްވާ މަރްހޫމާ ހާޖަރާ އަބްދުލް ކަރީމް އަދި މަރްހޫމާ ސިއްތިފުޅުގެ ޑައިލޮގްތަކެވެ. މި ފިލްމުތަކަށް އެތައް އަހަރެއް ފާއިތުވެ ގޮސްފައިވީ ނަމަވެސް މިއީ މިހާރު ވެސް ޓިކްޓޮކާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި އެންމެ މަޝްހޫރު ޑަައިލޮގް ތަކެވެ.

ދާދިފަހުން "އޭ ބަލަ މިހިރަ ލަތީފާ" ޑައިލޮގަށް ކުދިންތަކެއް ނަށާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ނިކަން ގަދައަށް ދައުރުވެފައިވެ އެވެ.

https://www.instagram.com/p/CEruv4_BZPw/

ހާޖަރާ މަޝްހޫރުވެފައި ވަނީ ނަވާރަސަތޭކަ އަށްޑިހަ އަދި ނުވަދިހައިގެ އަހަރުތަކާއި ދެހާހުހެ ކުރީކޮޅު، ޒީލަގަދަ އަދި ހަމަ އެހެންމެ މަޖާ ރޯލުތައް ވެސް ކުޅެން ކުޅަނދާނަ ފަންނާނެއްގެ ގޮތުގަ އެވެ. އަދި ސިއްތި ފުޅަކީ ހެއްވާ މަޖާރޯލުތައް ކުޅެ ބެލުންތެރިން ހެއްވާލައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

https://www.youtube.com/watch?time_continue=5&v=PVwnY4Nfnaw&feature=emb_title

ހާޖަރާ އެންމެ ފުރަތަމަ ފެނިގެން ދިޔަ ފިލްމަކީ 1992 ވަނަ އަހަރު ނެރުނު ފިލްމު "ދޮންމަންމަ" އެވެ. މިއީ އޭނާ އަމިއްލަ އަށް ލިޔެ އެކްޓު ކުރި ފިލްމެކެވެ. އޭގެ ފަހުން "ބަދަލު"، "ލޯބިވެވޭނީ ފުރާނަ ދީގެން"، "ބޭވަފާ"، "އެންމެ ފަހު ދުވަސް"، "އަޖައިބު"، "މަޖުބޫރު ލޯބި" އަދި "އާނ އަހަރެންވެސް ލޯބިވިން" ފިލްމުން އޭނާ ފެނިގެން ގޮސްފައިވެ އެވެ. ހާޖަރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2003 ވަނަ އަހަރު ޓީވީއެމުން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ "ތިޔޭ މިހިތުގެ ވިންދަކީ" އިންނެވެ.

ހާޖަރާ އަބްދުލް ކަރީމް

ސިއްތި ފުޅު އެންމެ ފުރަތަމަ ފެނިގެން ދިޔައީ 1992 ވަނަ އަހަރު ނެރުނު ފިލްމު "ލޯބިވެވޭނީ ފުރާނަ ދީގެން" އިންނެވެ. އެއަށް ފަހު "ވައުދު"، "ދެހިތެއްގެ ލޯބި"، "ހައްގު"، "ދުޝްމަން"، އަދި "އަމާނާތް" ފަދަ މަޝްހޫރު އެތައް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވެ އެވެ. މީގެ ތެރެއިން ބައެއް ފިލްމުތަކުގައި ދެ ތަރިން އެކުގައި ވެސް ފެނިގެންގޮސްފައި އެބަހުއްޓެވެ.

https://www.youtube.com/watch?v=kGAru3G-618

މިއަދު މި ދެ ތަރިން ދުނިޔޭގައި ނެތް ނަމަވެސް، އެ ދެ ތަރިންގެ ޑައިލޮގްތަކުން މީމް ހަދާ އެ ހިއްސާކޮށް، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި އެ ޑައިލޮގްތައް "ޓްރެންޑިން" ގައި ހުރުމުން ދައްކުވައިދެނީ ދިވެހި ސިނަމާގައި މި ތަރިންގެ ނުފޫޒުގަދަ މިންވަރެވެ. އެ ފެންވަރުގެ ހެއްވާ މަޖާ އެކްޓިން ދައްކުވައިދެވޭނެ ފެންވަރުގެ ފަންނާނެއް ވެސް މި ޖީލުގައި ނެތީ އެވެ. އެހެން ކަމުން ހާޖަރާ އާއި ސިއްތިފުޅަކީ ހަމަ ހަގީގަތުގައި ވެސް ދިވެހި ފިލްމީ އިންޑަސްޓްރީގެ ލެޖެންޑުންނެވެ.

https://www.youtube.com/watch?v=-6wLDLPxwGw