އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށް ދިޔަނަމަވެސް އިތުރަށް ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވީ ގޮތުގައި ރާއްޖޭގައި މިވަގުތު އެކަށީގެންވާ މިންވަރަށް ތެލުގެ ސްޓޮކު އެބަހުރި ކަމަށެވެ. އަދި ހަނގުރާމަ ފެށުނުފަހުން އެސްޓީއޯގެ އިތުރު ދެ ޓޭންކަރަކުން ރާއްޖެއަށް ތެޔޮ ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެޕްރީލް ދޭއް ތިނެއް ހިސާބު އަންނާނެ ސިންގަޕޫރުން ބަރުކޮށްގެން އަންނަ ވެސެލްއެއް، އޭގައި ވެސް ޑީސަލާއި ޕެޓްރޯލާ ހުންނާނެ. ހަމައެއާއެކު ހަތަރެއް ނޫނީ ފަހެެއް ހިސާބު އޮމާންގެ ސޮހާރުން އަނެއްކާ ވެސް ބަރުކޮށްގެން އަންނާނެ،" ޒަމީރު ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ރާއްޖެއިން ގަންނަ ތެލުގެ ފީފާއެއްގެ އަގު 160 ޑޮލަރަށް އަރާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ތެލުގެ އަގު ބޮޑުނުކުރަން ނިންމީ ބައެއް އިންޑަސްޓްރީތަކަށް އެކަމުން މާ ބޮޑަށް ގެއްލުންވެދާނެތީ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"މިއޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އިތުރަށް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް. ބައެއް އިންޑަސްޓްރީތަކަށް މާ ބޮޑަށް ގެއްލުންވެދާނެތީވެ، އާންމުންނަށް މާ ބޮޑަށް އޭގެ އުނދަގޫ ފޯރަފާނެތީ ބައެއް ކަހަލަ ދިމަދިމާލުން ހުންނާނީ ތެލުގެ އަގު ބޮޑުނުކޮށް،" ޒަމީރު ވިދާޅުވި އެވެ.
އެފްއެސްއެމްގެ ކަސްޓަމަރުންނަށް ޕެޓްރޯލް ލީޓަރެއްގެ އަގު 27.13ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. އަތޮޅުތަކުގައި ތެލުގެ ބޮޑުތަނުން ބޮޑުވާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
އެމްޑީޕީގެ އިސް ސަފުން ފެންނަނީ ދަލު ބޭރުން ޖެހިގެން އުޅޭ ބައެއް
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
