ގަނާ ކުރުމަކީ އަނގަބަހުން ނުވަތަ ޖިސްމާނީ ގޮތުން އަނެކުންނާއި ފުރައްސާރަ ކުރުމެވެ. މިއީ އަޅުގަނޑުމެންގެ މި ކުޑަ ކުޑަ މުޖުތަމަޢުގެ ތެރޭގައިވެސް އިތުރުވަމުން އަންނަ ވަބާއެކެވެ. ގަނާ ކުރުމުގެ ޝިކާރައަކަށް ދެޖިންސުގެ އެކި އުމުރުފުރާގެ މީހުން ވެފައިވީ ނަމަވެސް މިކަން އެންމެ ގިނައިން ފެންނަނީ ސްކޫލްތަކުގެ މާޙައުލުންނެވެ.
ދަރިވަރުންގެ މެދުގައި މަޖަލަކަށް ނަމަވެސް ގަނާ ކުރުމުގެ އާދަ އިތުރުވަމުން ދާކަމީ ހިތާމަހުރި ކަމެކެވެ. އެއީ ގަނާ ކުރެވޭ ދަރިވަރުގެ އުޅުމާއި ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ނުރައްކާތެރި ކަމެކެވެ. އެހެންކަމުން ބެލެނިވެރިންނާއި މުދައްރިސުން ގަނާ ކުރުމުގެ ނިޝާންތަކާއި ނަތީޖާތަކަށް އަހުލުވެރިވެފައި ތިބުމަކީ މުހިއްމު، އެހާމެ ބޭނުންތެރި ކަމެކެވެ.
ގަނާ ކުރެވެމުން ދާކަން ދެނެގަންނާނީ ކިހިނެއް؟
ގަނާ ކުރުމަކީ ކުއްޖެއްގެ އުޅުމާއި ކިޔެވުމަށް ފާހަގަ ކުރެވޭ ވަރުގެ ބަދަލުތަކެއް ގެނުވާނެ ކަމެކެވެ. އެގޮތުން ކުރީކޮޅުގައި ގަނާ ކުރެވެމުން ދާކަން ދެނެގަނެ އެކަމަށް ޙައްލު ހޯދުމަކީ މިކަމުން ކުއްޖާއަށް ލިބޭ ދާއިމީ ގެއްލުންތައް ކުޑަ ކޮށްދޭނެ ކަމެކެވެ. ކުއްޖާގެ އުޅުމަށް ކުޑަނަމަވެސް ބަދަލެއް އަތުވެއްޖެނަމަ އެކަމަށް ސަމާލުކަން ދޭށެވެ. މީހުންނާއި ދުރުވެ އެކަހެރިވާން އެދޭނަމަ އެއީ ގަނާ ކުރަމުންދާކަމުގެ ނިޝާނެކެވެ.
ސްކޫލަށް ދާން ދެކޮޅު ހެދުމާއި ކިޔެވުން މަތިން ފޫހިވުމަކީ ވެސް އަޅާނުލާ ދޫކޮށްލަންވާ ވަރުގެ ކަންތަކެއް ނޫނެވެ. ހަމައެހެންމެ ކެއިންބުއިމާއި ދުރުވެ ބޮޑާ ހޭކުން ފަދަ ކަންކަމަކީ މުދައްރިސުންނާއި މަޝްވަރާކޮށް ނުރަނގަޅު ކަމެއް ހިނގަމުންދާކަން އޮޅުން ފިލުވަންވީ ކަންތަކެވެ. މީގެ އިތުރުން ވެސް ކުއްޖާ ސްކޫލުން އަންނަ އިރު ޔުނީފޯރމް ހަޑިވެފައި ހުރުމާއި ހަށިގަނޑުގެ ތަންތަން ރަތްވެ، ހަލާކުވެފައި ހުންނަ ނަމަ އެއީ ވަގުތުން ވަގުތަށް ކުއްޖާއާއި ސުވާލުކޮށް ސްކޫލުގެ އިދާރާތަކަށް އަންގަން ޖެހޭނެ ކަންކަމެވެ.
ގަނާ ކުރެވެމުން ދާނަމަ ދެން ހަދާނީ ކިހިނެއް؟
ކުއްޖާއަށް ގަނާ ކުރަމުންދާކަމުގެ ނިޝާނެއް ފެނިއްޖެނަމަ ލޯތްބާއެކު ކުއްޖާއާއި ވާހަކަ ދައްކާށެވެ. އަޑު އިސްނުކުރާށެވެ. އެފަދަ ކަމެއް ކުރިމަތިވާނަމަ މައިންބަފައިންގެ ފުރިހަމަ އެއްބާރުލުމާއި އެހީ ކުއްޖާއަށް ލިބޭނެކަން ޔަގީން ކޮށްދޭށެވެ. އޭރުން ކުއްޖާގެ ހިތުގައި އިތުބާރު އުފެދި ދިމާވަމުންދާ ކަންތައްތައް ހިއްސާ ކުރާނެ އެވެ.
އެއަށްފަހު އެންމެ އިސްކަމެއް ދޭންވީ މުދައްރިސުންގެ ސަމާލުކަމަށް އެކަމެއް ގެންނާށެވެ. މުދައްރިސުން ކުށްވެރިކޮށް އިލްޒާމް އެޅުވުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލުގެ މަތިން ކަންތައް ކުރިއަށް ގެންދާށެވެ. ގަނާ ކުރާ ކުއްޖާގެ ބެލެނިވެރިޔާގެ ވެސް ހާޒިރުގައި ދެ ދަރިވަރުންނާއި ވާހަކަ ދައްކައި ވިސްނައިދިނުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
ސްކޫލުގެ މެނޭޖްމަންޓަށް މައްސަލަ ހުށައަޅަން ވާނީ މިކަންކަމުން ވެސް އެދެވޭ ހައްލެއް ނުލިބިއްޖެ ނަމަ އެވެ. އެވަރުން ވެސް ގަނާކުރުން ނުހުއްޓޭނަމަ ކުއްޖާގެ ސްކޫލް ބަދަލުކޮށް ރައްކާތެރި މާޙައުލަކަށް ގެންދާށެވެ.