ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ގައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕަށް ކޮލިފައިވުމާ ގުޅިގެން، އެ ގައުމުގެ ރައީސް ފީލިކްސް ސިސެކެޑީ އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ހާއްސަ އިނާމުތަކެއް ދެއްވުމަށް ނިންމަވައިފި އެވެ.

ކޮންގޯއިން ވޯލްޑް ކަޕްގެ ފައިނަލް ބުރުން ޖާގަ ހޯދާފައި މިވަނީ ގާތްގަނޑަކަށް 52 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުގަ އެވެ. މި ތާރީހީ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ރައީސް ސިސެކެޑީ ވަނީ "ޕީޕަލްސް ޕެލަސް" ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަވާފަ އެވެ.

"އެފްރިކާ ސޮކާ" ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ރަސްމިއްޔާތުގައި ރައީސް ވަނީ ކުޅުންތެރިންގެ ހިތްވަރު ފާހަގަކުރައްވައި ދެއްވާނެ އިނާމުތައް އިއުލާނުކުރައްވާފަ އެވެ. އެގޮތުން ޓީމުގެ ކޮންމެ މެންބަރަކަށް އާ ޖީޕް ކާރަކާއި، ނަގުދު ފައިސާގެ އިނާމެއްގެ އިތުރުން ބިމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސިސެކެޑީ ވަނީ ކޮލިފައިން މަރުހަލާގައި ކުޅުންތެރިން ދެއްކި ސާބިތުކަމާއި ކުރި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. އަދި މިއީ ގައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

މުސްތަގުބަލުގައި މި ފެންވަރުގައި ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "މީގެ ފަހުން ވޯލްޑް ކަޕްގައި ބައިވެރިވުމަކީ ގަވާއިދުން ކުރާ ކަމަކަށް ވާންޖެހޭނެ" ކަމަށެވެ.

މި ކާމިޔާބީއާއެކު ކޮންގޯގެ ފުޓްބޯޅައަށް އާ އުންމީދުތަކެއް ލިބިގެން ގޮސްފައިވާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.