މާލޭގައި ފިހާރައެއްގެ ތެރޭގައި ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ދައުވާ ލިބުނު ދެ މީހުންގެ މައްސަލާގައި ފުލުހުންގެ ބޮޑެތި އިހުމާލުތަކެއް ފެންމަތިވެ, އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައި ފެބްރުއަރީ 2023 ގައި ސ. ހިތަދޫ އިރުމީޒު މުހައްމަދު އަހުމަދު ދީދީއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. މަރަދޫ ފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވާ ގޮތުން އެ ހާދިސާ ހިނގި ފިހާރައިގެ ތެރެއިން ފައިހްގެ ޑީއެންއޭ އާއި ސިރުހާންގެ އިނގިލީގެ ނިޝާންތައް ފެނިުނަސް, އިތުރު ބައެއްގެ ޑީއެންއޭ އާއި އިނގިލީގެ ނިޝާންތައް ވެސް ފެނުނެވެ. އަދި އެ ފިހާރައިގައި އުޅުނު މީހުންނާއި އެ ހާދިސާއަށްފަހު އެތަނަށް ދިޔަ މީހުންގެ ޑީއެންއޭ ނުވަތަ އިނގިލީގެ ނިޝާން ވެސް ނަގާފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން ޑީއެންއޭ އާއި އިނގިލީގެ ނިޝާންތައް ފެނުނަސް, އެކަމަކީ ދައުވާލިބޭ ދެ މީހުން ނޫން އެހެން ބަޔަކު ކުރި ކަމެއް ކަމަށް ބެލެވިދާނެ ފުރުސަތެއް އެބައޮތް ކަމަށް ހުކުމުގައިވެ އެވެ. އަދި ހަމަލާދިން މީހުން ފަހުން މަގުމަތީގައި ހަރަކާތްތެރިވާ ވީޑިއޯއެއް ކަމަށް ބުނެ ދައުލަތުން ހުށަހެޅި ވީޑިއޯގެ ބައެއް މީހުންގެ މޫނު ސާފުކޮށް ނުފެންނަ ކަމަށް ހުކުމުގައިވެ އެވެ.
ފައިހް ފިލައިގެން އުޅުނު ކަމަށް ބުނާ ގެއަކުން ނެގި ވީޑިއޯ ފުޓޭޖެއް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅިއިރު އެ ފުޓޭޖްގެ ވަގުތުގެ ގޮތުގައި ބަޔާންކޮށްފައި އޮތީ 2000 ވަނަ އަހަރުގެ ދުވަހެއްގެ ވަގުތެކެވެ. އެހެންވެ އެއީ ވެސް އެ ހާދިސާއާ ގުޅުވޭނެ ވީޑިއޯއެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާތީ އެ މީހުންގެ ކުށް ސާބިތުނުވާ ކަމަށެވެ.
ދަރިން ކިޔެވުމަށް ޝައުގުވެރި ކުރުވަން ކުރެވިދާނެ ދެތިން ކަމެއް!
އެޖެންޑާއާއި ގުޅުވާ މަސްލަހަތު ގެއްލޭ ގޮތަށް ދޮގު ވާހަކަ ނުފަތުރާ
ފެނަކައިގެ ޑީއެމްޑީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި