ޔަމަނުގައި އީރާނަށް ތާއީދުކުރާ ހޫތީންނާއި ސައުދީން އެހީތެރިކަން ފޯރުކޮށްދޭ ސަރުކާރުގެ ފައުޖުތަކާ ދެމެދު ކުރިއަށްދާ ހަނގުރާމަ ވަރުގަދަވެ، ސައުދީ އަރަބިއްޔާގެ އެއާޕޯޓްތަކަށް ދިން ހަމަލާތަކެއްގައި ތިން މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުދަ ދުވަހު ހާމަކޮށްފި އެވެ.

މި ހަމަލާތަކާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި އެކަކު މަރުވެ އަށް މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި ދެ މީހަކު މަރުވެ 28 މީހުން ޒަހަމްވެފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

މި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ދީފައިވަނީ ބުދަ ދުވަހު ކަމަށާއި، އަނެއް ހަމަލާ ދީފައިވަނީ އަންގާރަ ދުވަހު ކަމަށް އޮތޯރިޓީން ބުނެފައިވީ ނަމަވެސް، ކޮން އެއާޕޯޓަކަށް ހަމަލާދިނީ ކޮން ދުވަހަކު ކަމެއް ސާފުކޮށްދީފައެއް ނުވެ އެވެ.

ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ މި ހަމަލާތަކުގެ ބަދަލުހިފާނެ ކަމަށް ބުނެފަ އެވެ. ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ކޯލިޝަނުން ބުނެފައިވަނީ، ސައުދާ، ހުދައިދާ، ޖައުފް އަދި މާރިބް ޕްރޮވިންސްތަކުގައި ހުރި ހޫތީންގެ 80 އަށްވުރެ ގިނަ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ.

ސައުދީ އެއާޕޯޓްތަކަށް ދިން މި ހަމަލާތަކަކީ ވައިގެ ދަތުރުފަތުރާ ގުޅޭ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ބުދަ ދުވަހު ދިން ސިލްސިލާ ހަމަލާތަކުގެ ބައެކެވެ. ޔަމަނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި، ހޫތީން ވަނީ ބުދަ ދުވަހުގެ ކުރީކޮޅު ބެލިސްޓިކް މިސައިލާއި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ބޭނުންކޮށްގެން އަދަނުގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ހަމަލާދީފަ އެވެ.

މި ހަމަލާގައި އެއް މިސައިލް ރަންވޭ ކައިރިއަށް ވެއްޓިފައިވަނީ ގާހިރާއިން އައި ފްލައިޓެއް ޖައްސަން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ. އަދަން އެއާޕޯޓަކީ ހޫތީންގެ ބާރުގެ ދަށުގައި ނެތް ޔަމަނުގެ ސަރަހައްދުތަކަށް އޮތް މައިގަނޑު ބައިނަލްއަގުވާމީ ދޮރާއްޓެވެ.

ފަހަކަށް އައިސް ޔަމަނުގެ ހަނގުރާމަ ބޮޑަށް އަމާޒުވެފައިވަނީ ބާބުލް މަންދަބު ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކަށެވެ. އެމެރިކާއާއި އީރާނުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅިން ކުރާ ވިޔަފާރިއަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ހަކަތަ އެކްސްޕޯޓް ކުރުމުގައި ބާބުލް މަންދަބުގެ މުހިންމުކަން ވަނީ އިތުރުވެފަ އެވެ.

މި ހަފުތާގައި ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން، ސައުދީ ކޯލިޝަންގެ އެހީތެރިކަމާއެކު، މިދިޔަ ސެޕްޓެމްބަރު މަހު ހޫތީން ހިފި މޮކާ އަވަށާއި ކަނޑުއޮޅި ކައިރީގައިވާ މުހިންމު ސަރަހައްދުތައް އަނބުރާ ހޯދުމަށް ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށާފަ އެވެ.

މި ހަނގުރާމައަކީ އެމެރިކާއާއި އީރާނުގެ މެދުގައި އޮތް ބޮޑު ކޯޅުމުގެ ތެރެއިން އުފެދިފައިވާ ކަމެއް ކަމަށްވާއިރު، މީގެ ސަބަބުން 12 އަހަރުވީ ޔަމަނުގެ ދާހިލީ ހަނގުރާމަ އަލުން ވަނީ ވަރުގަދަވެފަ އެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުދަ ދުވަހު ބުނި ގޮތުގައި، ފަހުގެ ހަނގުރާމަތަކުގެ ސަބަބުން ގެދޮރު ދޫކޮށް ދިޔަ މީހުންގެ އަދަދު މިހާރު ވަނީ ދެލައްކައަށްވުރެ މައްޗަށް އަރާފަ އެވެ.

އެ ޖަމިއްޔާގެ ޑައިރެކްޓަރު ޖެނެރަލް އެމީ ޕޯޕް ވިދާޅުވީ، ރައްކާތެރިކަން ހޯދުމަށް މީހުން ދުވަމުންދާއިރު އެމީހުންނަށް ދާނެ އެއްވެސް ރައްކާތެރި ތަނެއް ނެތް ކަމަށެވެ.

ހޫތީންނަކީ އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ސައުދީގެ އެއާޕޯޓްތަކާއި، ތެޔޮ ސާފުކުރާ ކާރުހާނާތަކާއި، ހޮޅިލައިންތަކަށް ތަކުރާރުކޮށް ހަމަލާދެމުންދާ ބައެކެވެ. ހޫޘީންގެ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވީ، ރިޔާދުގެ އެއާޕޯޓަށް ހަމަލާދިނީ ގިނަ އަދަދެއްގެ ޑްރޯން ބޭނުންކޮށްގެން ކަމަށެވެ.

ބާބުލް މަންދަބު ކަނޑުއޮޅީގެ ކޮންޓްރޯލް ހޫތީންނަށް ލިބިއްޖެނަމަ، ދުނިޔޭގެ ތެޔޮ އުފުލުމަށާއި ދަތުރުފަތުރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ އެވެ. މިކަމާ ގުޅިގެން ސައުދީން ދަނީ ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދެމުންނެވެ. ތުރުކީއާއި ޕާކިސްތާނުން ވަނީ ދިފާއީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފަ އެވެ. އަދި ސީރިޔާއިންވެސް ސައުދީއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔަމަނުގެ ހަނގުރާމަ ފެށިފައިވަނީ 2014 ވަނަ އަހަރު ހޫތީން އެ ގައުމުގެ ވެރިރަށް ސަންޢާ ހިފުމާ ގުޅިގެންނެވެ. އީރާނުގެ ނުފޫޒު ޔަމަނުގައި ގަދަވެދާނެތީ، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން މި ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރު އެވެ. ސައުދީން ތުހުމަތުކުރާ ގޮތުގައި އީރާނުން ދަނީ ހޫތީންނަށް ހަތިޔާރާއި ފައިސާ އަދި ތަމްރީނު ފޯރުކޮށްދެމުންނެވެ. ނަމަވެސް ހޫތީންނާއި އީރާނުންވެސް މި ތުހުމަތުތައް ދޮގުކުރެ އެވެ.