އޭނާ ވަރަށް ކުޑައިރު ކުރެހުމުގެ ހުނަރު ހުންނަ ކަން ދެނެގަތް. ސްކޫލްގައި އުޅުނު ދުވަސްވަރު ފަންސުރުން ގިނަ ކުރެހުންތަކެއް ކުރެހި. މަސައްކަތުގެ މާހައުލަށް ނުކުމެ އިހްތިޔާރު ކުރީ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާ. ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށް ދަމުން އެ ފަންނުގައި ގިނަ ގޮންޖެހުންތަކެއް ގިރާކުރި. މޮޅެތި އާޓިސްޓުންނާ ދިމާވެ އެމީހުންގެ ކައިރިން ކުރެހުުމުގެ ހުނަރު ދަސްކޮށް ކުރިއެރުވި. ކުރެހުމަކީ އޭނާއަށް ދުރު ނުވެވުނު މަސައްކަތެއް. އަދި ގިނަ ބަޔަކަށް އެހުނަރު ދަސްކޮށް ދިނުމަކީ ވެސް އޭނާ އިސްކަންދޭ ކަމެއް.

އަލަށް ފަށާ މީހަކަށް މިއީ ފޫހި މަސައްކަތަކަށް ވެދާނެ އެވެ. އެއީ އެކަމުގައި ހޭދަ ކުރަން ޖެހޭ ވަގުތު ގިނަކަމުންނެވެ. ނަމަވެސް ކުޑަ ހިތްވަރެއް ލުމުން ކަންކަން ފަސޭހަ ވެގެން ދާނެކަން މި ޒުވާނާ މި ވަނީ ސާބިތު ކޮށްދީފަ އެވެ. އޭނާ ވަނީ ވަރަށް ޅައުމުރުގައި އޭނާއަށް ލިބިފައިވާ ހުނަރު ދެނެގަނެފަ އެވެ. އަދި އެކަމުގައި ކުރިއަށް ދިއުމަށް ގަދައަޅާ މަސައްކަތް ކޮށްފަ އެވެ.

ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު އަބްދުﷲ މުހައްމަދު (އަބްދޯ) އަށް އެނާގެ ކިބައިގައި ކުރެހުމުގެ ހުނަރު ހުރިކަން އެނގެ އެވެ. އޭނާގެ މަދަރުސީ ދައުރު ފެށުނީ އަމިއްލަ އުފަން ރަށް، ނ. ޅޮހީ ސްކޫލުންނެވެ. އޭރު އޭނާ އާންމުކޮށް ކުރަހާ އުޅުނީ ފަންސުރު ބޭނުން ކޮށްގެން ކުރަހާ ކުރެހުންތަކެވެ. ރަށު ސްކޫލުން ކިޔެވުން ނިންމާފައި 1999 ގައި މާލެއަށް ބަދަލުވެ، އީޕީއެސްއެސް ސްކޫލުން ވެސް އޭނާ ކިޔެވި އެވެ. އޭރު އެ ސްކޫލުން ބާއްވާ ކުރެހުމުގެ އިވެންޓްތަކުގައި ބައިވެރިވެ އޭނާގެ ހުނަރު ދައްކާލާނެ ފުރުސަތުތަކުގެ ބޭނުން ވަރަށް ފުރިހަމައަށް ހިފި އެވެ.

.އަބްދޯ ސަގާފީ ކުރެހުމެއް ކުރަހަނީ: ކުރެހުމުގެ ހުނަރު ހުރިކަން ވަރަށް ކުޑައިރު އެނގުނު

"މިސްރާބް" އަބްދޯ ފޮނުވީ ކާމިޔާބު މިސްރާބު ތަކަކަށް

ކިޔަވާ ނިމުމަށް ފަހު އޭނާ ނިންމީ ކުރެހުމުގެ ދާއިރާގައި މަސައްކަތް ކުރުމަށެވެ. އެކަމަށްޓަކައި ފުރަތަމަ "މިސްރާބު" ކިޔާ އަމިއްލަ ކުންފުންޏަކާ ގުޅުނެވެ.

"ޖޫން 6، 2024 ގައި އަޅުގަނޑު ގުޅުނީ މިސްރާބާ. އޭރު އެންމެ ވަރުގަދައަށް ސުވެނިއާ ވިޔަފާރިކުރާ ކުންފުނި އެއީ. އެތާނގައި ފުރަތަމަ ކުރި މަސައްކަތަކީ ތައްގަނޑު ޖެހުން. އެއަށްފަހު އަޅުގަނޑު މަޑުމަޑުން ކުރެހުމަށް ފިހި ބޭނުން ކުރަން ފެށީ،" އަބްދޯގެ ކުރެހުން ތަރައްގީ ކުރަމުން ދިޔަގޮތް ކިޔައިދެމުން ބުންޏެވެ.

އާދައިގެ ގޮތަކަށް ކުރަހަމުން ދަނިކޮށް އޭނާގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް އައީ އޭގެ ދެއަހަރު ފަހުން، އަރިއަތޮޅުގައި އޮންނަ އެއްލައިދޫ ރިސޯޓުގެ ސުވެނިޔާ ފިހާރައިން އާޓިސްޓް އަލީ ފަހުމީ ދިމާވި ހިސާބުންނެވެ. އަލީ ފަހުމީ އޭނާއަށް ކުރެހުމާ ބެހޭ ގިނަ ކަންކަން ދަސްކޮށްދިނެވެ. ފަހުމީ އާއެކު ކުރެހުމުގެ މަސައްކަތުގައި ހަ މަސްދުވަހު އުޅުމަށް ފަހު އަބްދޯއަށް ފުރަތަމަ ފަހަރަށް އަމިއްލައަށް ގެސްޓް އޯޑަރުތައް ނަގަން ކެރެން ފެށި އެވެ.

އެ މަސައްކަތުގައި ދުވަސްކޮޅަކު އުޅުމަށް ފަހު 2005 ވަނަ އަހަރު އޭނާ ދެން މަސައްކަތް ކުރީ ޅ. އަތޮޅުގައި ހަމަ މިސްރާބުގެ ފަރާތުން ހިންގާ އެހެން ސުވެނިއާ ފިހާރަ އެއްގައި އެވެ. އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް ރާއްޖޭގައި އެންމެ ފުރަތަމަ ކާއްޓެއްގައި ކުރަހައިގެން މަޝްހޫރުވި، ނ. ވެލިދޫ ޝަރިއްޕެއާ ދިމާވި އެވެ. ޝަރިއްޕެ އާއެކު މަސައްކަތުގައި އެއް އަހަރު ހޭދަ ކުރިއިރު އަބްދޯއަށް އޭނާގެ ފަރާތުން ވެސް ކުރެހުމުގެ ވަރަށް ގިނަ ފިލާވަޅުތައް ލިބުނެވެ.

އޭގެ ފަހުން އޭނާ މިސްރާބް ކުންފުނީގެ ފަރާތުން އެއަތޮޅު ފިހާޅޮހީގައި އާއި ކުލަބް ފަރުގެ ސްވެނިއާ ފިހާރައިގައި މަސައްކަތް ކުރުމަށްފަހު 2009 ގައި އެ މަސައްކަތާ ދުރުވެލީ އަމިއްލަ ރަށުގެ ތަރައްގީއަށް މަސައްކަތެއް ކުރުމުގެ ނިޔަތުގަ އެވެ.

.އަބްދޯގެ އާޓް މަސައްކަތް: އޭނާގެ ޓީމުން ދަނީ ކުރެހުމުގެ މަސައްކަތް ގިނަ ބަޔަކަށް ދަސްކޮށްދެމުން

ކުރެހުމުން ޅޮހީ ކައުސްސިލްގެ ރައީސް ކަމަށް

ރާއްޖޭގައި ބޭއްވުނު ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް ޅޮހީ ކައުންސިލްގެ ރައީސް ކަމަށް އޭނާ އެ އަހަރު އިންތިހާބުވި އެވެ. ކައުންސިލްގައި އުޅުނު ނަމަވެސް އަބްދޯއަށް ކުރެހުމާ ދުރަށް ދިއުން ވީ އުނދަގޫ ކަމަކަށެވެ. އެއްވެސް ފުރުސަތެއް ގެއްލުވައެއް ނުލަ އެވެ. ލިބޭ ކުރެހުމުގެ ފުރުސަތުތަކުގައި އޭނާގެ ގާތް ރައްޓެއްސެއް ކަމަށްވާ ހުސެން ޒަރީރު ވެސް ފަހުން ބައިވެރި ކުރަން ފެށި އެވެ.

"ހުސެން ޒަރީރަކީ ސްކޫލުގައި އުޅުނު އިރުވެސް ކުރެހުމަށް މޮޅު ދަރިވަރެއް. އޭރު އަދި މަސައްކަތަށް އޭނާ މުޅިންއާ އެހެން ނަމަވެސް ރ. އަތޮޅުގެ އާޓް ޝޮޕަކަށް އާޓިސްޓަކު ބޭނުންވެގެން އުޅޭތީ އޭނާ ފޮނުވީ. އޭނާ ދެ އަހަރު އެތަނުގައި މަސައްކަތް ކުރުމަށް ފަހު ރަށަށް އައިސް އަޅުގަނޑުގެ ކައުންސިލް ދައުރު ނިމެންދެން އަޅުގަނޑާ އެކީ މަސައްކަތް ކުރީ،" އަބްދޯ ބުންޏެވެ.

ކްރިއޭޓިކާގެ ދައުރު: އަބްދޯއަށް އާ ހިތްވަރެއް ލިބުނު

ކައުސިލްގައި ހޭދަކުރި ދުވަސްވަރު ރަށުގެ ތަރައްގީއަށް އަބްދޯ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދިނެވެ. ކައުންސިލް ދައުރު ނިމުމުން އޭނާ ދެން ގުޅުނު "ކްރިއޭޓިކާ" ކިޔާ ކުންފުންޏަކާ އެވެ. މާލޭގައި ހިންގާ ކްރިއޭޓިކާ އޮފީހާ ގުޅިގެން މަސައްކަތް ކުރިއިރު، މުޅިން އާ ތަޖުރިބާތަކެއް އޭނާއަށް ލިބުނެވެ. އެއީ މީހުންގެ ތެރޭގައި މަސައްކަތް ކުރުމުގެ ބިރު ކެނޑި އަމިއްލަ ނަފްސުގެ މައްޗަށް ކުރާ އިތުބާރު ބޮޑުވެގެން ދިއުމެވެ.

"އެތަނުގައި މަސައްކަތް ކުރިއިރު ކްލަބް މެޑަށް ހަފްތާއެކު ތިން ދުވަހު ލައިވް އާޓް ކުރަހަން ދާން ޖެހޭނެ. އަދި ކުރެއްދޫގައި ހޮނިހިރު، އާދިއްތަ، ހޯމަ، މިތިން ދުވަހު އެ މީހުންގެ 'މޯލްޑިވިއަން ނައިޓް' ގައި އިންނާނެ ލައިވް އާޓް ކުރެހުން. ލައިވް އާޓްގައި ވަރަށް ބައިވަރު ގެސްޓުން ކުރިމަތީގައި 30 މިނެޓް ތެރޭގައި ރަނގަޅު އެއްޗެއް ކުރަހާލާފައި ދައްކާލަން ޖެހެނީ. އެ ތަޖުރިބާގެ ސަބަބުން މީހުންގެ ތެރޭގައި ކުރަހަން ޖެހުމުން ކުރިން އެ ހުންނަ ޖެހިލުންވުމާއި ބިރު ފިލި،" އަބްދޯ ބުންޏެވެ.

ކްރިއޭޓިކާއިން ގިނަ ތަޖުރިބާތަކެއް ލިބުމަށް ފަހު، އެތަނުން ވަކިވެ އެއްއަހަރު ވަންދެން އޭނާ އަމިއްލައަށް ވެސް ކުރަހާ ހެދި އެވެ. އެއަށްފަހު ދެން އޭނާ ދިޔައީ އޭނާގެ ރައްޓެއްސެއް ނ. އޮރިވަރު ނުވަތަ ނ. ރޮބިންސަން ރިސޯޓްގައި ހުޅުވައިފައިވާ ސުވެނިއާ ފިހާރަ އަކަށެވެ. 2017 ވަނަ އަހަރު އެތަނަށް ބަދަލުވީ ގޮތަށް މިއަދާ ހަމައަށް ވެސް އެ ހުރީ އެތަނުގައި އެވެ.

https://vt.tiktok.com/ZSHvoh5wk/

މުޖްތަމައުއަށް ގިނަ މަސައްކަތްތަކެއް: މުޅިން ހިލޭ

"ބައެއް ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކުން އިންތިޒާމް ކޮށްގެން ހިންގާ އާޓް ކްލާސްތަކާއި ސްކޫލްތަކުގެ އާޓް ކްލާސްތައް މުޅިން ހިލޭ ހިންގައި ދިނިން. އެގޮތުން ނ. މަނަދޫ އަދި ނ. މާފަރު އަންހެނުން ކޮމިޓީއިން ރޭވި ޕްރޮގްރާމް އަޅުގަނޑު ފާހަގަކޮށްލަން. އޭގެ އިތުރުން އަޅުގަނޑުގެ ރަށުގައި ވެސް މިދިޔަ އަހަރު ތެރޭގައި ހުންނާނެ އާޓް ޕްރޮގްރާމް ހިންގާދީފައި،" އަބްދޯ ބުންޏެވެ.

އަބްދޯގެ އާޓް މަސައްކަތް މިހާރު ޒަމާނީ އާލާތާއެކު ޒަމާނީ ވެފައި

މިހާރު އޭނާ މަސައްކަތް ކުރަނީ "ނޫނު އާޓް އެންޑް ކްރާފްޓް" ނަމުގައި އޭނާގެ ގާތް ދެ އެކުވެރިން ކަމަށްވާ ހުސެން ޒަރީރާއި އަދި ހުސެން ސިނާނު ޕާޓްނާ ވެގެން އުފައްދާފައިވާ އަމިއްލަ އާޓް ކުންފުންޏެއްގަ އެވެ. އެތަނުގައި ޒަމާނީ މެޝިނަރީ ބޭނުންކޮށްގެން އެންމެ ޒަމާނީ ފެންވަރަށް ތަކެތި އުފެއްދުމަކީ އޭނާގެ އަމާޒެވެ. އޭގެ އިތުރުން އާޓްގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެ އެވެ.

.އަބްދޯގެ މުރާލި ޓީމް( ކަނާތުން ވާތަށް) އަބްދޯ ، ޒަރީރް، ސިނާން: "ނޫނު އާޓް އެންޑް ކްރާފްޓް" ކުންފުނި ހިންގަނީ ތިން ޕާޓްނަރުން ގުޅިގެން

"މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނެނީ، ރިސޯޓްތަކުގައި ގެސްޓުންނަށް އާޓް ކުލާސް ހިންގުމާއި ތަފާތު އެއްޗެހި ހެދުން. މިސާލަކަށް ރެޒިންއާ އާޓުގެ ހުރިހާ އެއްޗެއް ހަދަން. ލަކުޑިން ބޮލިން ކަފައިގެން ގިނައެއްޗެހި ތައްޔާރު ކުރަން،" އޭނާ ބުންޏެވެ.

އަބްދޯއަކީ މުރަކަ އިންދައި ހެއްދުމަށް ވެސް ވަރަށް ލޯބިކުރާ ޒުވާނެކެވެ. ފުރަތަމަ އެ މަސައްކަތް ފެށީ ކުޑަ ޓޭންކެއްގައި މުރަކަ އިންދައިގެންނެވެ. އެއީ 2021 ހިސާބުގަ އެވެ. މިހާރު ރަށުގެ މޫދުގެ ވަކި ސަރަހައްދެއް އެކަމަށް ހާއްސަ ކޮށްގެން އޭނާ މުރަކައިގެ ބަގީޗާއެއް ހައްދަން ފަށާފައިވެ އެވެ. އޭނާ އަންދާޒާ ކުރާ ގޮތުގައި ދިހަ ބާރަ ވަރަކަށް އަހަރުގެ ތެރޭގައި "އަންޑާ ވޯޓާ ކޮރަލް ޕާކް" (މުރަކައިގެ ބަގީޗާ) އެއް އޭނާއަށް ހެއްދޭނެ އެވެ.

އަބްދޯއާއި އޭނާގެ ހިތަވަރުގަދަ ޓީމު އެ ކުރާ މަސައްކަތަކީ ވަރަށް ބުރަ އެހެން ނަމަވެސް ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކެވެ. މަސައްކަތުގައި ހުރި ހިތްހަމަނުޖެހޭ ކަމަކަށް އޭނާ ފާހަގަ ކުރަނީ ބޮޑެތި ރިސޯޓުތަކުން އަދި ދިވެހި ކުންފުނިތަކުން ވެސް ދިވެހިންނަށް ފުރުސަތު ނުލިބޭ ކަމެވެ.

އޭނާ ދެކޭ ގޮތުގައި ދިވެހި ސަރުކާރުގެ ރަނގަޅު ސިޔާސަތެއްގެ ދަށުން އެފަދަ މައްސަލަތައް ރަނގަޅު ކުރެވޭނެ އެވެ. އަދި މި ދާއިރާއަށް ހުނަރުވެރި ގިނަ ދިވެހިން ނެރެވޭނެ އެވެ.