މަސް ދޯނިފަހަރަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ މަސްވަރިކަން ހުއްޓިދާނެ ކަމަށް ބުނާ ވާހަކަ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ދޮގުކުރައްވައިފި އެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސް ދޯނިފަހަރަށް ތެޔޮ ނުލިބޭ ކަމަށް ބުނެ ފަތުރަމުންދަނީ ރަނގަޅު ހަބަރެއް ނޫން ކަމަށެވެ. އަދި މިހާރު އޮތް ދަތި ހާލަތުގައި ވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ދިވެހި މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ސަރުކާރުން އެ ބުރަ މަސްވެރިންނަށް ނުޖައްސައި، މިއަދާ ހަމައަށްވެސް ތެލުގެ ކަންކަން އެންމެ ރަނގަޅަށް މަނޭޖުކުރަމުންދާ ކަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ މި މަސައްކަތް މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވަމުން އަންނަ ކަމަށެވެ. މީގެ ސަބަބުން މަސްވެރިކަންވެސް އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ.
"މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރެވޭނެ. ސަރުކާރުން މިދަނީ މަސްވެރިންގެ ކަންކަން މިހާލަތުގައިވެސް ގާތުންބަލާ މަސްވެރިންނަށް އެންމެ ރަނގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން،" ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން، މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި، އިންޑަސްޓްރީގެ މަޝްވަރާއާއެކު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ޝިޔާމް ވަނީ ދެއްވާފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށް ބުނި ނަމަވެސް، ބައެއް ދޯނިފަހަރަށް ތެޔޮ ލިބުމުގެ ދަތިތަކާއި ކުރިމަތިވެ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި
އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ބާއްވާނެ ތާރީހެއް ކަނޑަނާޅާ