މައްކާ (04 މެއި) - ސައޫދީ އަރަބިއާގެ އިދާރާތަކުން ވަނީ މިދިޔަ ހޯމަ ދުވަހު ކައުބާގައި ހުންނަ ޙަޖަރުލް އަސްވަދުގެ ކުރިން ނުފެންނަ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ.

ދެ ޙަރަމްފުޅު ބަލަހައްޓާ ވުޒާރާއިން ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް ޙަޖަރުލް އަސްވަދުގެ އެތެރޭގެ ބައި ވަރަށް ސާފުކޮށް ފެންނަ ފޮޓޯތަކެއް ނަގާފަ އެވެ.

މުޅިއަކު ހަތް ގަޑިއިރު ހަޖަރުލް އަސްވަދުގެ ފޮޓޯތައް ނެގުމަށްފަހު އެއްފޮޓޯއެއްގެ ގޮތުގައި ނެރުނު މިފޮޓޯތައް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.

މިފޮޓޯތަކަކީ 49،000 މެގަޕިކްސަލްގެ ފޮޓޯތަކަކަށް ވީއިރު، ފޮޓޯތައް ތައްޔާރު ކުރުމުގައި 50 ގަޑިއިރު ހޭދަވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޙަޖަރުލް އަސްވަދަކީ ހަތްއުޑު މަތިން އިބްރާހީމްގެފާނަށް އެރުވުނު ހިލައެއް ކަމަށް ވާރިދުވެފައި ވާއިރު ޙައްޖުވެރިންނާއި އުމްރާވެރިން އެ ހިލައިގައި ބޮސްދިނުމަކީ ކޮންމެ އަހަރަކު ވެސް އެތައް ލައްކަ މުސްލިމުންނެއްކުރާ ކަމެކެވެ.

ނަމަވެސް އަޅުކަން ކުރާ މީހުން ގިނަވުމާއެކު ދުރުން އިޝާރާތްކޮށްލުން ވެސް ފުދޭނެ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. -- އަލް އަރަބިއްޔާ