ފުލުހުންގެ ކަސްޓޯޑިއަލް، ދޫނިދޫގައި ހައްޔަރުކޮށްފައި ތިބޭ މީހުން އަމުރަށް ނުކިޔަމަންތެރިވުމުން، އެ މީހުންނަށް ލާއިންސާނީ އަދަބުދީ އިހާނެތިކޮށް އަމަލުކުރަމުންދާކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހާމަކޮށްފި އެވެ. މިކަން ހާމަވެފައިވަނީ އެ ކޮމިޝަނުގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން އެކުލަވާލި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުންނެވެ.

އެންޕީއެމްގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދޫނިދޫގައި ތިބޭ ގައިދީންގެ ތެރެއިން އަމުރަށް ނުކިޔަމަންތެރިވާ މީހުން އެކަހެރިކޮށް ބައިތިއްބަނީ ކަސްޓޯޑިއަލްގެ ކަސްރަތު ކުރާ ސަރަހައްދުގައި ހުންނަ ކޮއްޓެއްގަ އެވެ. މި ކޮށި ހުންނަނީ އެއްވެސް ވަރަކަށް ހިޔާ ނުލިބޭ، އަވިބާރު ސަރަހައްދެއްގައި ކަމަށްވާއިރު، މެންދުރުގެ ގަދަ ހޫނުގައި ބަންދު މީހުންގެ އަތާއި ފައިގައި ކްލިޕް ބިޑި އަޅުވައި، ކުނަލެއްގެ މަތީގައި ގިނަ ވަގުތުތަކެއް ވަންދެން ބާއްވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.

މީގެ އިތުރުން، އެ ކޮށީގައި ބައިތިއްބާ މީހުންނަށް ނަމާދުކުރުމާއި ފާހާނާކުރުމުގެ ފުރުސަތު ދޭ ކަމަށް ފުލުހުން ބުނި ނަމަވެސް، އެފަދަ ކަންކަން ސިސްޓަމުގައި ލޮގްކޮށް ރެކޯޑުކޮށްފައި ނުވާކަން އެންޕީއެމްއިން ވަނީ ފާހަގަކޮށްފަ އެވެ. ގަވާއިދު ބުނާގޮތުން ބިޑި އެޅުވުމުގެ އިހުތިޔާރު އޮފިސަރުންނަށް ލިބެނީ ބަންދު މީހާގެ ފަރާތުން އޮފިސަރަކަށް ނުވަތަ އަމިއްލަ ނަފްސަށް ގެއްލުމެއް ލިބިދާނެ ފަދަ ނުރައްކާތެރި އަމަލެއް ފެނިއްޖެ ހާލަތެއްގައި އެކަންޏެވެ. ނަމަވެސް، ހަމައެކަނި ބަހުގެ ހަމަލާ ދިނުމުން ނުވަތަ ނުކިޔަމަންތެރިކަން ދެއްކުމުން މިފަދަ ހަރުކަށި ފިޔަވަޅު އަޅާފައިވާކަން ރިޕޯޓުން އެނގެ އެވެ.

ދޫނިދޫގެ އިތުރުން، ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި ވެސް ގަވާއިދާ ހިލާފަށް މީހަކު އެކަހެރިކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، ބަންދުގައި ހުރި މީހަކު ނުކިޔަމަންތެރިވުމުން އޭނާ ހަތް ދުވަހުގެ މުއްދަތަށް އެކަހެރިކޮށްފައިވާ އިރު، އެކަން ލިޔެކިޔުމުން ރެކޯޑުކޮށްފައި ނުވާކަމަށް އެންޕީއެމްއިން ބުނެއެވެ. ބަންދު މީހެއްގެ އިނާޔަތްތައް ކަނޑާލުމުގެ ގޮތުން އެ މުއްދަތަށް އެކަހެރިކުރުމަކީ ގަވާއިދު ހުއްދަކުރާ ކަމެއް ނޫންކަން ވެސް ކޮމިޝަނުން ފާހަގަކުރެ އެވެ.

މި ރިޕޯޓުގައި ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާ (އެފްސީއެސްސީ) ތަކުގެ ކަންބޮޑުވުންތައް ވެސް ވަނީ ހިމަނާފަ އެވެ. އެތަންތަނުގައި ބަލަހައްޓާ ކުދިންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަރުކަޒުގެ ހަރަކާތްތަކުގައި ބައިވެރިވުން މަހްރޫމްކުރާ އިރު، އެއީ ކޮން ކަހަލަ ހަރަކާތްތަކެއްކަން ސާފުކޮށް ރެކޯޑުކޮށްފައި ނުވާކަން އެންޕީއެމްއިން ވަނީ ފާހަގަކޮށްފަ އެވެ.