އެމެރިކާއިން އީރާނުގެ ޝަރުތުތަކަށް އެއްބަސްވާނަމަ، ދެ ދުވަހުގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ތައްޔާރަށް އޮތްކަމަށް އީރާނުން ހޯމަ ދުވަހު ބުނެފި އެވެ. މީގެ ކުރިން އީރާނުން ހުށަހަޅާފައިވަނީ މިކަމަށް ހަފުތާއެއްގެ މުއްދަތެއް ނަގާނެ ކަމަށެވެ.
އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، ދެ ދުވަހުގެ ތެރޭގައި މި މަޝްރޫއު ތަންފީޒު ކުރުމުގެ ފުރުސަތު އޮތުމަކީ، އީރާނުން މައްސަލަ ހައްލުކުރުމަށް ގެންގުޅޭ އިހުލާސްތެރި ސިޔާސަތުގެ ހެއްކެކެވެ.
އޭނާ އިތުރަށް ވިދާޅުވީ، އީރާނުގެ ހުށަހެޅުންތައް ބަލައިގަނެފިނަމަ، ކުރު މުއްދަތެއްގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން އިއާދަކޮށް، މަޝްވަރާތައް އަލުން ފެށިދާނެ ކަމަށެވެ. އަދި މެދުވެރިން މެދުވެރިކޮށް އެމެރިކާއާއެކު މެސެޖުތައް ބަދަލުކުރެވެމުންދާ ކަމަށާއި، ހުރިހާ ކަމެއްވެސް ބިނާވެފައިވަނީ އީރާނުގެ ޝަރުތުތައް އެމެރިކާއިން ގަބޫލުކުރުމުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ފެބުރުވަރީ މަހުގެ ފަހުކޮޅު މެދުއިރުމަތީގައި ހަނގުރާމަ ފެށުނު ފަހުން، ހަކަތަ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އޮތީ އީރާނުގެ ދަށުގައި ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. އީރާނުގެ ހުއްދަނެތި އެ ސަރަހައްދުން ދަތުރުކުރަން އުޅޭ އުޅަނދުފަހަރަށް އީރާނުން ހުރަސްއަޅަމުންދާއިރު، އޭގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް ކަނޑުގެ މަގުން ހުރަސްތަކެއް ކުރިމަތިކުރުވާފަ އެވެ.
ސެޕްޓެމްބަރު މަހު ގަތަރު މެދުވެރިކޮށް އީރާނުން އެމެރިކާއަށް ހުށަހެޅި ހަތް ދުވަހުގެ ޕްލޭންގައިވާ ގޮތުން، އެމެރިކާއިން އީރާނުގެ ޝަރުތުތަކަށް އެއްބަސްވާތާ ހަވަނައަށް ފުރޭ ދުވަހު ކަނޑުއޮޅި ހުޅުވާލުމަށް ވަނީ ހުށަހަޅާފަ އެވެ. އީރާނުގެ ޝަރުތުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހުރިހާ ފްރަންޓެއްގައި ކުރާ ހަނގުރާމަ ހުއްޓާލުމާއި، ބޭރު ގައުމުތަކުގައި ހުރި އީރާނުގެ ފައިސާ ދޫކޮށްލުމާއި، ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން، އެމެރިކާއިން ކަނޑުގެ މަގުން ކުރިމަތިކުރުވާފައިވާ ހުރަސްތައް ނައްތާލުން ހިމެނެ އެވެ.
އޮގަސްޓް މަހުން ފެށިގެން ވޮޝިންގްޓަނުން ވަނީ އީރާނުގެ އިގްތިސާދު އިނދަޖައްސާލުމުގެ ގޮތުން އާ ފިޔަވަޅުތަކެއް އަޅާފަ އެވެ. ހަމައެއާއެކު، އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް މި ދުވަސްވަރު ވަނީ އިތުރުކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ، އީރާނުގެ މެދުތެރޭގައިވާ ނިއުކްލިއާ މަރުކަޒެއް ކަމަށް ޝައްކުކުރެވޭ "ޕިކްއެކްސް މައުންޓަން" ހިމެނޭހެން ބައެއް ތަންތަނަށް ހަމަލާދޭން ޖެހިދާނެ ކަމަށެވެ. ނަމަވެސް އީރާނުން ވަނީ އެއީ ނިއުކްލިއާ މަރުކަޒެއް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.
އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ބަގާއީ ވިދާޅުވީ، އީރާނަށް ދެވޭ ކޮންމެ ހަމަލާއަކަށް ނުވަތަ އުދުވާނަކަށް، ކޮންމެ ގޮތަކުން ކަމުގައިވިޔަސް، ވަގުތުންނާއި ވަރުގަދަ އަދި ފުރިހަމަ ރައްދެއް ދޭނެ ކަމަށެވެ.
ނަޝީދުގެ ވިސްނުމަށް ގައުމީ މަޖިލީހުން ރުހުމެއް ނުލިބުނު!
"ހީޓް"ގެ ޑައިރެކްޓަރު މައިކަލް މޭން އަމިއްލަ ގަޔަށް ބަޑިޖެހިއްޖެ
ވިލާ އެއާގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރިލްވާން އަވަހާރަވެއްޖެ