ޗައިނާގައި މިހާރަު ކްލިނިކަލް ޓެސްޓް މަރުހަލާގައި ހުރި ވެކްސިންތައް އިމްޖެންސީކޮށް މީހުންނަށް ދޭން ފެށުމުގެ ޕްރޮގްރާމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެއްބާރުލުންދޭ ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާއިން ވެކްސިން ދިނުމުގެ އިމަޖެންސީ ޕްރޮގްރާމް ފަށާފައިވަނީ ޖޫން މަހުގެ ފަހުކޮޅު ޑަބްލިއުއެޗްއޯ އާ މަޝްވަރާ ކުރުމަށްފަހު ޖުލައި މަހުގެ ތެރޭގައި ކަމަށް ނެޝަނަލް ހެލްތު އޮފިޝަލެއް ކަމަށްވާ ޒެންގް ޒޮންގްވެއި ވަނީ ވިދާޅުވެފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ފޭސް ތިނެއްގެ ކްލިނިކަލް ޓެސްޓްތައް ނުނިމުނު ނަމަވެސް ކުރީސަފުގައި މަސައްކަތްކުރާ އެތައްހާސް މީހުންނަށާއި ހައި ރިސްކު މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.

"ޖޫން މަހުގެ ފަހުކޮޅު ޗައިނާގެ ސްޓޭޓް ކައުންސިލުން ވަނީ ކޮވިޑް-19ގެ ވެކްސިން ދިނުމުގެ އިމަޖެންސީ ޕްރޮގްރާމެއް ފަށަން ނިންމާފައި. މި ނިންމުމާއި އެކު ޗައިނާއިން ވަނީ ޑަބްލިއުއެޗްއޯއާއި މަޝްވަރާކޮށްފައި. އަދި އެ ބޭފުޅުން ވަނީ މިކަމަށް ރުހި، އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައި،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒެންގް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޗައިނާގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރިޕްރެޒެންޓޭޓިވްގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. -ޗެނަލް ނިއުސް އޭޝިއާ